ވައުދު ނުފުއްދުމަކީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ޚާއްސަ ސިފައެއް ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ. ވަޢުދާ ހުވާ އުވާލުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުގެ ތަބީޢަތެއް ކަމަށް ގަބޫލު ކުރާ މީހުންނެއް ވެސް މަދެއް ނޫނެވެ. މިފަދަ އެތައް މިސާލުތަކެއް އެތައް ވާހަކަތަކެއް ރައްޔިތުންގެ މެދުގައި ދެކެވެމުން ދެއެވެ. ނަމަވެސް އެ ހުރިހާ މިސާލުތަކާ ވާހަކަތައް ތަކުރާރުކޮށް ދެއްކުމުގެ މާނައެއް ނެތެވެ. ހަމައެކަނި ރައްޔިތުންގެ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގަ އާއި ވެރިކަން ލިބިވަޑައިގަތް ފަހުން ދައްކަވަމުން ގެންދިއަ ވާހަކަފުޅުތަކާ ވެވަޑައިގަންނަވަމުން ގެންދެވި ވައުދުފުޅުތަކާ އަމަލުފުޅު ކުރައްވަމުން ގެންދަވާ ގޮތުގެ ވާހަކަ އެކަނި ދައްކާލުމުން ވެސް ފުދޭނެ ކަށް ނޭނގެއެވެ. ކެމްޕެއިން ތެރޭގައި ހަރު އަޑުން ވިދާޅުވަމުން ގެންދެވީ ކުރީގެ ސަރުކާރުން އެއްވެސް މީހަކަށް ދީފައި ހުރި އެއްވެސް އެޗެއް އަތުނުލައްވާނެ ކަމަށެވެ. އެއީ ގޯއްޗެއް ވިޔަސް ފްލެޓެއް ވިޔަސް ގަވައިދުން ދީފައި ހުއްޓަސް އަދި އެނޫން ގޮތަކަށް ދީފަ ހުއްޓަސް އަތު ނުލައްވާނެ ކަމަށެވެ. އޭގެ ބަދަލުގައި އެދިވަޑައިގަތީ ރައްޔިތުން އެމަނިކުފާނަށް ވޯޓު ދެއްވުމަށެވެ. އިންތިޚާބުވެވަޑައިތުމަށްފަހު ވެސް އެ ވައުދު އެތައް ފަހަރަކު ފަށްފަށް ކުރެއްވިއެވެ.
އޭގެ ފަހުން ވާހަކަ ދައްކަވަން ފެއްޓެވީ ހައުސިންގ މިނިސްޓަރ ހައިދަރެވެ. އެހާ ހިސާބުން ވާހަކަ ބަދަލުވާން ފެށިއެވެ. މުޅި ވާހަކަ ރުކަށް އެރި މީހާގެ ނަދުރަށް ބަދަލުވާން ފެށިއެވެ. ފުރަތަމަ ދައްކަވަން ފެއްޓެވީ ފްލެޓް ލިސްޓުގައި މައްސަލަ ހުރި ވާހަކަ އެވެ. ހައްގު ނޫން ފަރާތްތަކަށް ވެސް ދީފައި ހުރި ވާހަކަ އެވެ. އޭސީސީން އެ މައްސަލަ ތަހުގީގު ކުރާ ވާހަކަ އެވެ. ތަހުގީގު ނިމުނުހާ އަވަހަކަށް އެކަން ކުރިއަށް ގެންދާނެ ވާހަކަ އެވެ. މި ގޮތުގައި ދެ މަހެއް ތިން މަހެއް ހޭދަވުމަށް ފަހު އޭސީސީގެ ތަހުގީގު ނިންމައިފިއެވެ. ހައުސިންގ މިނިސްޓްރީއަށް ރިޕޯޓް ފޮނުވައިފި އެވެ. އެކަމާ ގުޅޭ ގޮތުން އޭސީސީން ވެސް ވާހަކަ ދައްކައިފި އެވެ. އެއްވެސް މައްސަލަ އެއް ނެތް 20ށް ޕަސެންޓް މީހުން ލިސްޓުގައި ހިމެނޭ ކަމަށާއި، އެމީހުންނަށް ލިޔުން ހަވާލު ކުރުމުގަ އެއްވެސް މައްސަލަ އެއް ނެތް ކަމަށް އޭސީސީން ބުނެފި އެވެ. އެކަމަކު އެކަން ހިނގާތީއެއް ނުފެނުނެވެ. އެ މުއްދަތުގެ ތެރޭގައި މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީތަކަށް ދެ ފަރާތުންމެ ހާޒިރުވެ ވާހަކަ ދައްކަމުން ދިއައެވެ. ޕްރެސް ކޮންފަރެންސްތައް ބާއްވަމުން ދިއައެވެ. ދުވަސްތައް ފާއިތުވަމުން ގޮސް ދެވަނަ ފަހަރަށް އެންގުމުން ހައުސިންގ މިނިސްޓަރ މަޖިލީހަށް ހާޒިރުވެވަޑައިގެންނެވި އެވެ. އޭރު އޮތީ މުޅި ވާހަކަ ބަދަލުވެފައެވެ. ދެން ވިދާޅުވީ އޭސީސީއަށް ފްލެޓް ދޭނެ ލިސްޓް ކަނޑައަޅަން ނޭނގޭނެ ކަމަށެވެ. އެކަން ކުރާނީ ހައުސިންގ މިނިސްޓްރީން ކަމަށެވެ. އަލުން ހުރިހާ ފޯމެއް އިވެލުއޭޓް ކުރަން ޖެހޭ ކަމަށެވެ.
ފްލެޓް ލިސްޓް އަލުން އެކުލަވާލާފައި އޮކްޓޯބަރު މަހު ނެރޭނެ ކަމަށެވެ. މިހާ ހިސާބުން ބޯހިޔާވަހިކަމުގެ އުއްމީދުގައި ތިބި އެތައް ބަޔަކަށް މާޔޫސްކަން ގެނުވިއެވެ. ފްލެޓް ލިސްޓަށް ސަރުކާރުން އަތްބާނަން އުޅޭކަމުގެ ޝައްކު އުފެދެން ފެށިއެވެ. އޮކްޓޯބަރު މަހުގެ މެދަކާ ހަމައަށް އައި އިރުވެސް ލިސްޓެއް ނުނެރެއެވެ. ކުރިން ޕޯޓަލް އިން ފެނުނު ލިސްޓު ގެއްލިއްޖެއެވެ. ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ ފުށުން ފްލެޓް ދޭން ބޭނުންވާ 20 މީހުންގެ ލިސްޓެއް ހުށަހެޅުމުގެ ފުރުސަތު އެމީހުންނަށް އޮތް ކަމުގެ ޚަބަރު ލިބެން ފަށައިފި އެވެ. ފްލެޓް ލިބުނު މީހުންނަށް ޕޯޓަލް ގައި ކުރިން ފެންނަން ހުރި މައުލޫމާތުތައްވެސް ގެއްލިއްޖެއެވެ. އެ މައުލޫމާތުވެސް ފޮރުވައިފިއެވެ. މިހާ ހިސާބުން ފްލެޓް ލިބުނު މީހުންގެ ޝައްކު އިތުރުވެއްޖެއެވެ. ހަމަ ހަގީގަތުގައި ވެސް ފްލެޓް ލިސްޓް އޮޅާލުމުގެ މަސައްކަތެއް ސަރުކާރުން ކުރަނީތޯ ސުވާލުކުރާ މީހުން ގިނަވާން ފަށައިފި އެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ވެރިކަމުގައި ހުންނެވި ރައީސް މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އިރު، ހިޔާ ފްލެޓް ލިސްޓަށް ކަންކުރެއްވި ގޮތް މީހުންގެ ހަދާނުން ފިލާހާ ދުވަހެއް ނުވެއެވެ. އެއް އާއިލާއަކަށް 30 ފްލެޓް ދީފައި ހުރިކަން ހަނދާންނެތާހާ ދުވަހެއް ވެސް ނުވެއެވެ.
ވީއިރު ރައީސް މުއިއްޒު ސަރުކާރުގެ މި ވަޢުދު މި ދިއައީ ރުކަށް އެރި މީހާގެ ނަދުރަށްތޯ ބުޅާ މަސްނުކާން ކުރި ހުވަޔަށްތޯ ނުވަތަ ހަމަ ގަސްތުގައި ވަޢުދު އުވާލީތޮ ނިންމަވާނީ ރައްޔިތުންނެވެ. އިނގޭ އެއްޗަކީ ފްލެޓް ލިސްޓާ ގުޅޭ ކަންކަމުގައި އަޑި ނޭނގޭ އެތައް ކަމެއް ފަރުދާގެ އަނެއް ފަރާތުގައި ހިނގަމުންދާ ކަމެވެ.