ކ. މާލެ
|
14 އޮކްޓޯބަރ 2024 | ހޯމަ 11:30
ތޯމަސް ޓުޗެލް
ތޯމަސް ޓުޗެލް
ރޮއިޓަސް
އިންގްލެންޑުގެ ޤައުމީ ޓީމު
އިންގްލެންޑުގެ ކޯޗަކަށް ޓުޗެލް ގެންނަން މަސައްކަތް ކުރަނީ
އިންގްލެންޑުގެ ކޯޗުކަމާ ޓުޗެލް ހަވާލުވުމުގެ ފުރުސަތު ބޮޑު ކަމަށް ބައެއް މީޑިއާ ތަކުގައި ބުނެފައިވެ އެވެ.

އިންގްލެންޑު ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗަކަށް ޖަރުމަނުގެ ތަޖުރިބާކާރު ކޯޗު، ތޯމަސް ޓުޗެލް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އިންގްލެންޑުގެ ކޯޗުކަމުގެ މަޤާމުގައި އެންމެ ފަހުން ހުރީ ގަރެތު ސައުތުގޭޓް އެވެ. ނަމަވެސް، މިއަހަރު ޖަރުމަނުގައި ކުރިއަށް ދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތަށްފަހު، ސައުތުގޭޓް ވަނީ ކޯޗުކަމުގެ މަޤާމުން ދުރަށް ދާން ނިންމައިފަ އެވެ. އޭގެ ފަހުން އިންގްލެންޑުގެ ވަގުތީ ކޯޗަކަށް ހަމަޖައްސާފައި ވަނީ އިންގްލެންޑުގެ ޒުވާން ޓީމުގައި މަސައްކަތް ކުރަމުން އައި ލީ ކާސްލީ އެވެ. އޭގެ ފަހުން އިންގްލެންޑުން އަންނަނީ އެ ޓީމަށް ދާއިމީ ކޯޗެެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އުމުރުން 51 އަހަރުގެ ޓުޗެލް އެންމެ ފަހުން ހުރީ ޖަރުމަނުގެ ބަޔާން މިއުނިކްގެ ކޯޗުކަމުގެ މަޤާމުގަ އެވެ. ނަމަވެސް، މިދިޔަ ސީޒަނަށް ފަހު އޭނާ ވަނީ ބަޔާންގެ ކޯޗުކަން ދޫކޮށްލަން ނިންމައިފަ އެވެ. އެއީ އޭނާގެ އިރުޝާދުގެ ދަށުން ބަޔާންގެ ނަތީޖާތައް ދަށްވުމުގެ ސަބަބުންނެވެ. ޓުޗެލްގެ އިރުޝާދުގެ ދަށުން ބަޔާނުން މިދިޔަ ސީޒަން ނިންމާލީ އެއްވެސް ތައްޓެއް ކާމިޔާބު ނުކުރެވި އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އިނގިރޭސި އެފްއޭ އިން އަންނަނީ ޓުޗެލް އާއެކު މަޝްވަރާތައް ކުރަމުންނެވެ. އެގޮތުން އިނގިރޭސި އެފްއޭ އިން ޓުޗެލް އާއެކު މަޝްވަރާ ކުރުންތައް ކުރިއަށް ގެންދަމުން އަންނައިރު، އިންގްލެންޑުގެ ކޯޗުކަމާ ޓުޗެލް ހަވާލުވުމުގެ ފުރުސަތު ބޮޑު ކަމަށް ބައެއް މީޑިއާ ތަކުގައި ބުނެފައިވެ އެވެ. އިންގްލެންޑުން ބޭނުން ވަނީ ވީ އެންމެ އަވަސް މުއްދަތެއްގައި ދާއިމީ ކޯޗެއް ހަމަޖެއްސުމަށް ކަމަށް އިނގިރޭސި މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

ގިނަ ކުލަބުތަކަކަށް އިރުޝާދު ދީފައިވާ ޓުޗެލް އިންގްލެންޑާ ހަވާލުވެއްޖެ ނަމަ، އެއީ އޭނާ އިރުޝާދު ދޭނެ ޤައުމީ ފުރަތަމަ ޓީމެވެ. މީގެ ކުރިން މުޅިން ވެސް ޓުޗެލް މަސައްކަތް ކޮށްފައި ވަނީ އެކި ކުލަބުތަކުގަ އެވެ. އޮގްސްބާގް އިން ކޯޗިން ކެރިއަރު ފެށި ޓުޗެލް ވަނީ، މައިންޒް، ބޮރޫޝިއާ ޑޯޓްމަންޑު، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)، ޗެލްސީ އަދި ބަޔާނަށް އިރުޝާދު ދީފަ އެވެ. ދާދި ފަހުން މެންޗެސްޓަރ ޔުނައިޓެޑުން ވެސް ވަނީ އެ ކުލަބުގެ ކޯޗަކަށް ޓުޗެލް ގެންނަން މަޝްވަރާކޮށްފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް