ކ. މާލެ
|
11 އޮކްޓޯބަރ 2024 | ހުކުރު 14:08
ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީ ހަރުގެ ޖަލްސާގައި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވާހަކަދައްކަވަނީ
ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީ ހަރުގެ ޖަލްސާގައި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވާހަކަދައްކަވަނީ
އެމްޑީޕީ
ރައީސް މުއިއްޒު އިތުރުފުޅު ހެއްދެވުން
ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވަނީ އިތުރުފުޅު ހައްދަވަން، ވެރިކަން ކުރައްވަން އެނގިވަޑައިނުގަންނަވާ: މާރިޔާ
އެކި ހުއްޖަތު ދައްކައި، ގޯއްޗާއި، ފްލެޓުތައް ދަނީ ހިފަހައްޓަމުން
އިންޑިޔާއާ ގުޅޭގޮތުން ހަގީގާތާއި ހިލާފު އެތައް ވާހަކަތަކެއް ދައްކައި، މުޅި ރާއްޖޭގައި ބިރުވެރިކަން އުފައްދާފައިވޭ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް އެނގިވަޑައިގަންނަވަނީ އިތުރުފުޅު ހައްދަވަން ކަމަށާއި، ވެރިކަން ކުރައްވަން އެނގިވަޑައިނުގަންނަވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީ ހަރުގެ ޖަލްސާގައި މާރިޔާ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް މުއިއްޒު ހެއްދެވި އިތުރުފުޅުތަކާއެކު، ދިވެހި ރައްޔިތުންނަށް ބޮޑު ގޯހެއް ހެދިފައިވާ ކަމަށެވެ.

މިއަދު ގައުމުގެ ކަންކަންދާ ގޮތުން ރައީސް މުއިއްޒަކީ ވެރިކަން ހިންގުމަށް ވެސް ދަސްކުރާ ބޯޑު ޖަހައިގެން އުޅުއްވާ ބޭފުޅެއް ކަމަށާއި، އިތުރުފުޅު ހެއްދެވުން ފިޔަވައި އިތުރުކަމެއް ކުރައްވަން އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާކަން ރައްޔިތުން ގަބޫލުކުރާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ދޫކޮށްފައިވާ ގޯއްޗާއި، ފްލެޓުތައް ދޭނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސް މުއިއްޒު ދެއްވި ނަމަވެސް މިއަދު ދިވެހި ރައްޔިތުން ފްލެޓާއި ގޯތި ހޯދުމަށް މުޒާހަރާ ކުރަމުންދާ ކަމަށެވެ. އަދި މި ސަރުކާރަށް 11 މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެފައިވާ ކަމަށާއި، އެކި ހުއްޖަތު ދައްކައި، ގޯއްޗާއި، ފްލެޓުތައް ހިފަހައްޓަމުންދާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މިހިސާބަށް އައިރުގައި ދިވެހި ރައްޔިތުންނަކީ އެއްވެސް އެއްޗެއް ނޭނގޭ ތަނެއް ދޮރެއް ނުދަންނަ ދޮގާއި ތެދާއި ވަކިކުރަން ނޭނގޭނޭ ގޮތަށް އިހުތިރާމް ކުޑަކޮށް އެމީހުންނާ ދޭތެރޭގައި ވިސްނާ ވެރިއެއް ޑރ. މުއިއްޒު ނޫނިއްޔާ އަޅުގަނޑުމެންނަށް ނުލިބޭ. މިއީ އަޅުގަނޑު އެމްޑީޕީގައި ހުރެގެން ވަރަށް ފަހުރުވެރިކަމާއެކު ބުނާ ވާހަކައެއް ނޫން. ތެދެއް. މިފަހަރު ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑު ގޯހެއް ހެދިއްޖެ. މި އިންތިޚާބޔ ކުރެވުނީ އެލް ބޯޑު ޖަހައިގެން އެހެން ގޮތަކަށް ނަމަ ދަސްކުރާ ބޯޑު ޖަހައިގެން ހުރި ރައީސުލްޖުމްހޫރިއްޔާއެއް. އެއްގޮތަކަށް ވެރިކަން ކުރާކަށް އެ ދޮގު ހެދުން ފިޔަވައި އެހެން ކަމެއް ދަންނަ ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ.
ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

މިސަރުކާރުން އިންޑިއާއާ ގުޅޭގޮތުން ހަގީގާތާއި ހިލާފު އެތައް ވާހަކަތަކެއް ދައްކައި، މުޅި ރާއްޖޭގައި ބިރުވެރިކަން އުފެއްދިކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ ރައީސް ސާލިހުގެ ސަރުކާރަށް ތާއީދުކުރާ ހުރިހާ އެންމެންނަކީ އަދި އެމްޑީޕީ މީހުންނަކީ ރާއްޖެ އަޅުވެތި ކުރުމަށް މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ސިފަ ކުރި ކަމަށެވެ.

މާރިޔާ ވިދާޅުވީ ރައީސް މުއިއްޒު އިންޑިއާ އައުޓް ޓީޝާޓް ތުރުކުރައްވައިގެން އެ ހަރަކާތުގައި އިސްކޮށް އުޅުއްވި ނަމަވެސް މިއަދު މިކަންކަން ނުކުރާކަން ހާމަކޮށް ދިނުމަށް މަސައްކަތް ކުރާ ކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް