ކ. މާލެ
|
11 އޮކްޓޯބަރ 2024 | ހުކުރު 13:14
ހުކުރު ޚުތުބާ އަޑުއަހަނީ
ހުކުރު ޚުތުބާ އަޑުއަހަނީ
އިސްލާމިކް މިނިސްޓްރީ
ޒިނޭކުރުމާއި ފާޙިޝް އަމަލުތަކުގެ ނުބައިކަން
އެންމެ ނުރައްކާތެރި ފާހިޝް އަމަލަކީ ޒިނޭ، އެ ކަމުގައި ހަލާކާއި ބަލިމަޑުކަން ހިމެނޭ: ޚުތުބާ
އެއް ޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުން އާއްމުވެއްޖެ ތަނެއް މާތް ﷲ ހަލާކުކުރައްވާ
މި ޒަމާނުގައި ފާހިޝް އަމަލުތަކަށް އަރައިގަންނަނީ އެއްވެސް ޖެހިލުމެއް ނެތި
ފާހިޝް އަމަލުތަކުގެ ސަބަބުން ފެތުރެމުންދާ ބަލިތައް ވަރަށް ގިނަ

އެންމެ ނުރައްކާތެރި ފާހިޝް އަމަލަކީ ޒިނޭ ކަމަށާއި، ޒިނޭއަކީ އެ ކަމުގައި ހަލާކާއި ބަލިމަޑުކަން ހިމެނޭ ހަޑިމުޑުދާރު އަމަލެއް ކަމަށް ޚުކުރު ޚުތުބާގައި ބުނެފިއެވެ.

ޒިނޭކުރުމާއި ފާޙިޝް އަމަލުތަކުގެ ނުބައިކަން މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ އިސްލާމްދީނަކީ އިއްފަތްތެރިކަމާއި ތާހިރުކަމުގެ ދީން ކަމަށެވެ. މާތް ﷲ މުސްލިމުންގެ މައްޗަށް ހުރިހައި ބާވަތެއްގެ ބަދުއަހުލާގީ އަމަލުތަކާއި ފާހިޝް އަމަލުތައް ހަރާމްކުރައްވައިފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެންމެ ނުރައްކާތެރި ފާހިޝް އަމަލަކީ ޒިނޭ ކަމަށާއި، ޒިނޭއަކީ އެ ކަމުގައި ހަލާކާއި ބަލިމަޑުކަން ހިމެނޭ ހަޑިމުޑުދާރު އަމަލެއް ކަމަށެވެ. އެއް ޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުން އާއްމުވެއްޖެ ތަނެއް މާތް ﷲ ހަލާކުކުރައްވާ ކަމަށާއި، ނަމަވެސް މި ޒަމާނުގައި މިއަމަލުތަކަށް އަރައިގަންނަނީ އެއްވެސް ޖެހިލުމެއް ނެތި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ޒިނޭގެ ސަބަބުން ނުރައްކާތެރި ބަލިތައް ފެތުރުމުގެ އިތުރަށް މުޖުތަމައުގެ އިޖުތިމާއީ ފޭރާން ހަލާކުވެދާ ކަމަށެވެ. އާއިލާތައް ރޫޅި، ނަސްލު އޮޅި، ރަށްމެދަށް ވިހާ ކުދިން ގިނަވާ ކަމަށެވެ. އަދި ހައްޔަރުން ނައްޓުވައިލައިގެން ދަރި ވައްޓައިލުން ފަދަ ދީނުގައި ހަރާމް އެތައް ފާފަތަކަކަށް އަރައިގަންނަ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ބައެއް މީހުން ޒިނޭއަށް އަރައިގަތުމުގެ މަގުސަދުގައި ދަތުރު ހަދައިގެން އެހެން ގައުމުތަކަށް ވެސް ގޮސް އުޅޭ ކަމަށެވެ. ނަމަވެސް ދަތުރުން އެނބުރި އާދެވޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތް އިތުރު ވެރިރަސްކަލާނގެއަށް ބިރުވެތިވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ.[1] މާނައީ: "އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކަމުގައި ވިއެވެ. އަދި މަގެއްގެ ގޮތުން އެ ކަންތައް ހާދަހާ ނުބައިވެގެންވެއެވެ." ޒިނޭއަކީ ޙައްދު ކަނޑައެޅިފައިވާ ކުށެކެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާ (މުޙުޞަނަކު ކަމުގައި ނުވާނަމަ) ދެ މީހުން ކުރެ ކޮންމެ މީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން (حد) ޖަހާށެވެ! އަދި ﷲއަށާއި آخرة ދުވަހަށް ތިޔަބައިމީހުން إيمان ވާކަމުގައިވަނީނަމަ، ﷲގެ دينގައި އެ ދެމީހުންނާ މެދު އޯގާވެރިކަމެއް ތިޔަބައިމީހުން ނުބަހައްޓާހުށިކަމެވެ! އަދި އެ ދެމީހުންނަށް ދެވޭ عقوبات، مؤمنންގެ ބަޔަކު ދެކޭހުށިކަމެވެ.
ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ ޒިނޭކުރުމަކީ ނުބައިވެގެންވާ އަމަލެއް ނަމަވެސް އެކަމާ މެދު ވިސްނުމެއް ނެތި، ކައިވެނި ހެޔޮނުވާ މީހުންނާއި އަވައްޓެރީންނާއި އެކުވެރީންގެ އާއިލާތައް ފަސާދަކޮށް އެ މީހުންގެ އަނބިދަރީންނާ އެކު ޒިނޭކުރާ މީހުންވެސް އުޅޭ ކަމަށެވެ. އެ މީހުން އެ ފާހިޝު އަމަލުގައި ވަނިކޮށް މަރުގެންނެވުމަކީ ވެސް ހަމަ ވެދާނެކަމެއްކަން ފާހަގަކޮށްފައިވެއެވެ. އަދި މާތް ﷲ އަނިޔާވެރިއާއަށް މުހުލަތު ދެއްވަނީ އިސްލާހު ވުމަށް ކަމަށާއި، އިސްލާހުނުވެ، ފާފަތަކަށް އަރައިގަތުމުގައި ދެމިހުރެއްޖެ ނަމަ ގަދަފަދަ ހިއްޕެވުމަކުން ހިއްޕަވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މާތް ﷲ ރުއްސުންލެއްވި އަބްދު ﷲ ބުނު  މަސްޢޫދުގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ އަރިހުގައި ތިމަން ދެންނެވީމެވެ. އެންމެ ބޮޑު ފާފައަކީ ކޮބައިތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މާތް ﷲ ތިބާ ހައްދަވައިފައިވާ ހިނދު، އެކަލާނގެއަށް ޝަރީކުކުރުމެވެ." ތިމަން ދެންނެވީމެވެ. ދެން ކޮންކަމެއްތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ފަޤީރުވެދާނެކަމަށް ބިރުން، ތިބާގެ ދަރިން މެރުމެވެ." ތިމަން ދެންނެވީމެވެ. ދެން ކޮންކަމެއްތޯއެވެ؟ އިތުރު އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. "ތިބާގެ އަވަށްޓެރިއާގެ އަނބިމީހާއާ ޒިނޭކުރުމެވެ."[3] އަދި ވެސް ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ. (مَا ظَهَرَ فِيْ قَوْمٍ الرِّبَا وَالزِّنَى إِلَّا أَحَلُّوا بِأَنْفُسِهِمْ عِقَابَ اللهِ عَزَّ وَجَلَّ)[4]  "ބަޔެއްގެ ތެރޭގައި ރިބާއާއި ޒިނޭ ފާޅުވެއްޖެ ނަމަ، އެ ބަޔަކު އަމިއްލައަށް އެ ބަޔެއްގެ މައްޗަށް އަރަހުށި ﷲގެ ޢަޛާބު ވެރިކުރުވައިފިއެވެ." ލޫޠުގެފާނުގެ ޤައުމުގެ މީހުން އިންސާނީ ފިޠުރަތުގެ މަގުން އެއްކިބާވެ، އެ މީހުންގެ ނާދީތަކުގައި މުންކަރާތްތައް ފަތުރައި، އަޚްލާޤީ މިންގަނޑުތަކާ ޚިލާފުވެ، މުޅީން އަލަށް އީޖާދުކޮށްގެން ލިވާޠުކޮށް އުޅުމުގެ ނަތީޖާއަކަށް ވީ އެ މީހުންގެ ގައުމު މުޅިން ހަލާކުވެ ދިޔުމެވެ. އެ ރަށުގެ މަތީފުށް އަނޑީފުށަށް ބަދަލު ކުރައްވައި އެއްވެސް ދިރުމެއް ނެތް މަރުވެފައިވާ ކަނޑަކަށް އެ ގައުމު ހެއްދެވުމެވެ. އެ މީހުން ކުޅަ ބަދުއަހުލާގީ އަމަލުތަކުގެ ސަބަބުން އެމީހުންގެ މައްޗަށް ގިނި ހިލައިގެ ވާރޭ ވެއްސަވައި އެ މީހުން ހަލާކުކުރެއްވުމެވެ.
ހުކުރު ޚުތުބާ

ފާހިޝް އަމަލުތަކުގެ ސަބަބުން ފެތުރެމުންދާ ބަލިތައް ވަރަށް ގިނަކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެއީ ނުރައްކާތެރި ބަލިތަކެއް ކަމަށާއި، ކިހުނުބަލީގެ ތަފާތު ބާވަތްތަކާއި ހާޕިސް ބައްޔާއި އެއިޑްސް ބައްޔާއި މަކުނުވިދުރި ހިމެނޭ ކަމަށެވެ. އަދި އިލްމުވެރީން ސިފަކުރައްވާ ގޮތުގައި މިއީ ބިމުގެ އަހުލުވެރިންގެ ބަދުއަހުލާގީ އަމަލުތަކަށް ﷲ ދެއްވި ދުންޔަވީ ސަޒާއެއްކަން ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ދުނިޔޭގެ އަހުލާގު ފާސިދުވެ ހަލާކުވެގެން ދިޔައީ ކުއްލިއަކަށް ނޫން ކަމަށާއި، އެއީ ﷲ ގެ މަންހަޖާ އެކަހެރިވުމުގެ ހިތި ނަތީޖާ ކަމަށެވެ. އެއީ ލަދުވެތިކަމާއި އިންސާނީ ކަރާމަތު ވަޅުލުމުގެ ނަތީޖާ ކަމަށާއި، މިނިވަންކަމުގެ ދަޅައިގައި ޖެހި ތިމާގެ ލަގަން ތިމާގެ ހަވާނަފްސަށް މުޅީން ދޫކޮށްލުމުގެ މުސީބާތެއް ކަމަށެވެ. އަދި އިސްލާމްދީން ވަނީ މި ފަދަ ވަބާތަކުން ސަލާމަތްވާނެ މަގުތައް ދައްކަވާފައިވާކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ޚުތުބާގައި ބުނީ ފާހިޝް އަމަލުތަކުން މުޖުތަމައު ސަލާމަތްކުރެވޭނީ މައިންބަފައިންނާއި، ތައުލީމުދޭ މުއައްސަސާތަކުންނާއި، ޚަބަރުފަތުރާ ވަސީލަތްތަކުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން ކަމަށެވެ. ޒުވާނުންނާއި ދަރީން ރަނގަޅަށް ތަރުބިޔަތުކޮށްގެން ކަމަށެވެ. އެ މީހުންގެ އަތުގައި ޝައިތާނާ ހިފުން މަނާކޮށްގެން ކަމަށެވެ.

ކީރިތި ރަސޫލާمُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ބަސްފުޅުގައިވާ ގޮތުން ޒިނޭކުރާ ވަގުތަކީ މުސްލިމު އިންސާނާގެ ހިތުން އީމާންކަން ނިގުޅައިގަނެވޭ ވަގުތެކެވެ. ޒިނޭއާއި ފާހިޝު އަމަލުތަކުން ދުރުވެގަތުމަށް ނަމާދު ގާއިމުކުރުންމަތީ ދެމިތިބުމަށާއި، ތައުބާވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ. އަދި ކުޅަދާނަކަން ލިބިގެންވާ މީހާ ކާވެނިކުރުމަށާއި، ކާވެނިކުރުމަށް ކުޅަދާނަކަން ލިބިގެންނުވާ މީހާ ސުންނަތް ރޯދަ ހިފުމަށް ނަސޭހަތްތެރިވެފައިވެއެވެ.

- ކޮމެންޓް