ކ. މާލެ
|
11 އޮކްޓޯބަރ 2024 | ހުކުރު 13:11
އާސަންދަ އޮފީސް
އާސަންދަ އޮފީސް
ސިއްހީ ވެލްފެއަރގައި ކޮރަޕްޝަނަށް އޮތް ހިރާސްތައް
އާސަންދަ މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ބިލްތަކަށް ފައިސާ ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވޭ: އޭސީސީ
ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގައި އައު ޚިދުމަތާއި ބޭސް ރަޖިސްޓަރީ ކުރުމުގައި ހާމަކަން ކުޑަ
ސިއްހީ ވެލްފެއަރ ނިޒާމު ވަށާޖެހޭހެން ޒިންމާދާރުކުރުވައި ޖަވާބުދާރީ ކުރުވާނެ ފަރާތެއް ނެތް
އެންސްޕާ މެދުވެރިކޮށް އެހީގެ ގޮތުގައި ފައިސާދޭއިރު، ހަމަހަމަކަމެއް ނެތް

އާސަންދަ މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ބިލްތަކަށް ފައިސާ ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.

އޭސީސީން މިހެން ބުނެފައިވަނީ ދިވެހިރާއްޖޭގެ ސިއްހީ ވެލްފެއަރ ނިޒާމުގައި ކޮރަޕްޝަނަށް އޮތް ހިރާސްތައް ދެނެގަތުމަށް އެކޮމިޝަނުން ހެދި ދިރާސާގައެވެ. މި ދިރާސާ އާންމުކޮށްދެއްވީ، އެ ކަމަށްޓަކައި އޭސީސީގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު އަހުމަދެވެ.

މި ދިރާސާގެ ބޭނުމަށް މައުލޫމާތު ނަގާފައިވަނީ 2011ން 2023 އަށެވެ. އަދި ދިރާސާގެ މުއްދަތަކީ 2022 އަދި 2023 އެވެ. މި ދިރާސާގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ސިއްހީ ވެލްފެއަރ ނިޒާމުގައި ކޮރަޕްޝަނަށް އޮތް ހިރާސް ދެނެގަނެ އެކަންކަން އިސްލާހުކުރުމަށް ލަފާދިނުން ކަމަށް އޭސީސީން ބުނެއެވެ. އަދި ސިއްހީ ވެލްފެއަރ ނިޒާމުގެ ތެރެއިން ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކޮރަޕްޝަނުގެ ހިރާސް އޮތް މިންވަރު ބަލައި، ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމަށް ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ލަފާދިނުން ކަމަށް އެކޮމިޝަނުން ބުނެއެވެ.

2023-2022 ގެ މުއްދަތުގައި މި ނިޒާމުގެ ކަންކަން ބެލި މި ދިރާސާއިން، މައިގަނޑު 6 މައްސަލައެއް ފާހަގަކޮށްފައިވެއެވެ.

އޭސީސީން ފާހަގަކޮށްފައިވާ މައްސަލަތަކަކީ:

  1. ގާނޫނީ އޮނިގަނޑު ހަރުދަނާ ނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށްދިނުމުގައި ނަޒާހަތްތެރިކަން ކަށަވަރު ކުރެވެން ނެތުން.
  2. ހެލްތު ވެލްފެއަރ ނިޒާމުގެ ތެރެއިން ޚިދުމަތް ލިބުނުކަމުގެ "ކްލެއިމް ޕްރޮސެސް ވެލިޑޭޓް" (ފައިސާ ދޫކުރެވެނީ ލިބޭ ޚިދުމަތަށްކަން ކަށަވަރުކުރެވޭނެ) ގޮތެއް ނެތުން.
  3. ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގައި އައު ޚިދުމަތާއި ބޭސް ރަޖިސްޓަރީ ކުރުމުގައި ހާމަކަން ކުޑަވުން.
  4. އާސަންދަ މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ބިލްތަކަށް ފައިސާ ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވުން.
  5. ސިއްހީ ވެލްފެއަރ ނިޒާމު ވަށާޖެހޭހެން ޒިންމާދާރުކުރުވައި ޖަވާބުދާރީ ކުރުވާނެ ފަރާތެއް ނެތުން.
  6. އެންސްޕާ މެދުވެރިކޮށް އެހީގެ ގޮތުގައި ފައިސާދޭއިރު، ހަމަހަމަކަން ނެތުން.

މި މައްސަލަތަކަށް ރިއާޔަތްކޮށް، ސިއްހީ ވެލްފެއަރ ނިޒާމު ހަރުދަނާ ކުރުމަށް 20 ލަފައެއް ދީފައިވާކަން ފާހަގަކޮށް އޭސީސީން ބުނީ ދެމެހެއްޓެނެވި ގޮތެއްގައި އާސަންދަ ސްކީމު ހިންގުމަށް، އެ ސްކީމްގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ކުރާ އަސަރު ކުޑަކުރުމަކީ މުހިންމު ކަމެއްކަމާއި، އެކަމަށްޓަކައި ދުރުރާސްތާ ޕްލޭނެއް އެކުލަވާލައި ތަންފީޒުކުރުމާއި، ދިވެހިރާއްޖެއަށް އެންމެ އެކަށޭނަ ހައްލަކީ ކޮބައިކަން ދެނެގަތުމަށް ޚާއްސަ ދިރާސާތަކެއްކޮށް، ނިޒާމީ ބަދަލުތަކެއް ގެނައުމަކީ، މި ނިޒާމަށް ރައްޔިތުންގެ އިތުބާރުހޯދުމަށް މުހިންމު ކަމެއް ކަމަށެވެ. ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް، މިހާރު އަމަލުކުރެވޭ ގަވާއިދުތަކާއި އުސޫލުތައް މުރާޖައާކޮށް، ވަށާޖެހޭ ގަވާއިދުތަކެއް އެކުލަވާލުމާއި، އޭގެ ތެރޭގައި، ބޭހާއި، ޚިދުމަތާއި ޑޮކްޓަރުންނާ ގުޅުންހުރި ކްލިނިކަލް އަދި ޕްރެކްޓިސް ގައިޑްލައިންތައް ތައްޔާރުކުރުމާއި ބޭހުގެ އަގު ކަނޑައެޅުމާ ގުޅުންހުރި އުސޫލުތައް ގާއިމްކުރަންޖެހޭ ކަމަށް އޭސީސީން ބުނެއެވެ.

މީގެ އިތުރުން ރާއްޖޭގައި ޑޮކްޓަރަށް ދެއްކުމަށް ރިފަރަލް ނިޒާމެއް ވަށައިޖެގޭ ގޮތަށް ގާއިމްކުރުމާއި، ދައުލަތުގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ޑޮކްޓަރުން ޕްރައިވެޓް ހޮސްޕިޓަލް އަދި ކުލިނިކުތަކުގައި މަސައްކަތްކުރުމާ ގުޅޭ ގަވާއިދެއް އެކުލަވާލައި ތަންފީޒުކުރުމާއި، ނޭޝަނަލް ޕްރިސްކްރައިބިންގ ސްޓެންޑަރޑަކާއި، ބޭހުގެ އަގު ކަނޑައެޅުމާ ގުޅޭ ގޮތުން ނިޒާމީ ގޮތެއްގައި އަމަލުކުރާނެ އުސޫލުތައް އެކުލަވައިލުމާއި، ސިއްހީ ޚިދުމަތްތަކާއި ބޭހާ ގުޅުންހުރި ނޭޝަނަލް ޕްރައިޒިންގ ސްކީމެއް ގާއިމުކޮށް ތަންފީޒުކުރުމާއި، މެކްސިމަމް ރީޓެއިލް ޕްރައިޒިންގ އަދި ސްޓެންޑަރޑް ސަރވިސް ލިސްޓިންގއެއް ތައާރަފުކުރުމާއި، އާސަންދަ ސްކީމުން ފައިސާ ދައްކަނީ، ޚިދުމަތެއް ލިބުމަށްފަހުކަން ކަށަވަރުކުރުމުގެ ގޮތުން "ކްލެއިމް ޕްރޮސެސް ވެލިޑޭޝަން" ނިޒާމެއް ތައާރުފުކުރުމާއި، ޚިދުމަތާއި ބޭސް ރަޖިސްޓަރީކުރުމުގެ ހާމަކަން އިތުރުކުރުމަށް ރަޖިސްޓަރީވުމަށް ފުރިހަމަކުރަންޖެހޭ ހަރުފަތްތަކާއި ޕްރޮސެސްކުރިއަށްދާ ގޮތް އާންމުކޮށް ފެންނާނެހެން އާންމުކުރުމާއި، އެކަމާ ގުޅުންހުރި ޝަކުވާ ބަލައިގަނެ ޖަވާބުދޭނެ ނިޒާމެއް ގާއިމްކުރުމާއި، އާސަންދައިގެ ފައިސާ ދޫކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް، ދައުލަތާއި، ޚިދުމަތާއި ބޭހާއި ތަކެތި ފޯރުކޮށްދޭ ފަރާތްތަކުގެ މަސްލަހަތަށް ރިއާޔަތްކުރެވިގެން، ފައިސާ ދެއްކުން ލަސްވާ ހާލަތުގައި ޖޫރިމަނާ ހިސާބުކުރާ އިންސައްތަ ބަދަލުކުރުމަށް ގަވާއިދުތަކާއި އުސޫލުތަކަށް އިސްލާހުގެނައުމާއި، ހެލްތު ވެލްފެއަރ ނިޒާމުގެ ޖަވާބުދާރީކުރުން ހަރުދަނާކުރުމަށް މުޅި ނިޒާމު މޮނިޓަރކުރާނެ ފަރާތެއް ކަނޑައެޅުމާއި، ފައިނޭންޝަލް އިމްޕެކްޓް އެސެސްމަންޓެއް ހަދައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އެންސްޕާއިން އެހީ ދިނުމުގައި، ބޭސްފަރުވާގެ ބާވަތާއި އެހީއަށް އެދޭ ފަރާތުގެ ހާލަތަށް ބަލައި ހަރަދުކުރާނެ މިންވަރުގެ ތްރެޝްހޯލްޑުތައް ކަނޑައެޅުމާއި، އެހީއަށް އެދޭ ފަރާތްތަކުގެ ވެރިފިކޭޝަން މަރުޙަލާ ހަރުދަނާކުރުމާއި އަދި އެހީގެ ޕްރޮގްރެސް އެހީއަށް އެދޭ ފަރާތަށް ފެންނާނެހެން ހެދުމަށް ލަފާދީފައިވެއެވެ.

އޭސީސީން ބުނީ އާސަންދަ ކުންފުނީގެ މަސައްކަތް ހަރުދަނާކުރުމަށް، ކުންފުނީގެ ''ނީޑް އަދި ޕަރފޮރމެންސް އެނެލިސިސް" އެއް ހަދަންޖެހޭ ކަމަށެވެ. އަދި އާސަންދައިގެ ދަށުން އެމްޕެނަލްކުރާ ތަންތަނުގެ ފެންވަރު ބެލުމަށް އެކަން ކުރާނެ އޮޑިޓިން މެކެނިޒަމެއް ތައާރުފުކޮށް ތަންފީޒުކުރުމާއި ނޭޝަނަލް ހެލްތް ޑޭޓާ ބޭސްއެއް ގާއިމްކުރުމަށް އެކޮމިޝަނުން ވަނީ އެދިފައެވެ.

އޭސީސީން ބުނީ ދިރާސާގެ އަލީގައި ފާހަގަވެފައިވާ ކަންކަން އިސްލާހު ކުރުމަށާއި، ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޒުވަމުންދާ މިންވަރު ބަލައި މޮނިޓަރކުރުމަށް މަސްލަހަތުވެރިންނާ ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށެވެ.     

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް