ކ. މާލެ
|
10 އޮކްޓޯބަރ 2024 | ބުރާސްފަތި 21:59
ގެދޮރުވެރިކަމާއި، ބިމާއި، ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު
ގެދޮރުވެރިކަމާއި، ބިމާއި، ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު
ގައުމީ ތަރައްގީ
ރަށްރަށުގައި ތަރައްގީގެ އެތައް މަސައްކަތެއް ހުއްޓިފައި އޮއްވާ، ތަރައްގީގެ 20 އަހަރުގެ ޕްލޭން ހަދަން ރަށްރަށަށް ދަތުރު ކުރަން ސަރުކާރުން ނިންމައިފި
ޑރ. މުއިއްޒުގެ މެނިފެސްޓޯގައި ރާއްޖޭގެ ތަރައްގީއަށް ކޮށްދެއްވާނެ ކަމަށް ވައުދުވި އެއްވެސް ކަމެއް ސަރުކާރަށް އެއް އަހަރު ފުރިގެންދާއިރު ކޮށްފައި ނުވާކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުން

ޤައުމީ ތަރައްޤީގެ ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހައުސިންގ މިނިސްޓްރީގެ ޓީމުތަކެއް ވަރަށް އަވަހަށް ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރާނެ ކަމަށް މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ހައިދަރު ވިދާޅުވީ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި ޤުދުރަތީ ވަސީލަތްތައް ލިބެން ހުރި މިންވަރާއި، އެ ވަސީލަތްތައް ބޭނުންކުރާނެ ގޮތާއި، ދެމެހެއްޓެނިވި ގޮތެއްގައި އެ ވަސީލަތްތައް ރައްކާތެރިކުރާނެ ގޮތްތައް ފަދަ މުހިންމު ކަންކަމަށް ރިޢާޔަތްކުރެވޭނެ ކަމަށެވެ. މީގެ އިތުރުން، ރަށްރަށުގައި މަސައްކަތްކުރާ އާބާދީ އާއި ދިރިއުޅުމުގެ ފެންވަރާ ގުޅޭ މަޢުލޫމާތުތަކަށްވެސް ރިޢާޔަތްކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ދިވެހި ރައްޔިތުންގެ ބޭނުންތައް ޕްލޭނުގައި ހިމެނުމަށްޓަކައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، މި ޕްލޭން އެކުލަވާލުމުގެ މަރުޙަލާގައި ރައްޔިތުންގެ ބައިވެރިވުމަށް އިސްކަންދެވޭނެ ކަމަށާއި އަދި މިނިސްޓްރީގެ ޓީމުތަކުން ރަށްރަށަށް ގޮސް ވަކިވަކި ފަރުދުންނާ އިންޓަވިއުކޮށް އެ ފަރާތްތަކުގެ ޚިޔާލާއި ވިސްނުން ހޯދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ގައުމީ ތަރައްގީގެ ޕްލޭންގެ މަސައްކަތް ކުރިއަށް ގެންދަވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރެއްވީ 17 ސެޕްޓެމްބަރު 2024 ގައި ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ވީޑިއޯ މެސެޖެއްގައެވެ. އެ މެސެޖުގައި ޑރ. މުއިއްޒު ވިދާޅުވީ މި ޕްލޭންގައި ދިވެހި ރައްޔިތުންގެ ޚިޔާލާއި ނިންމުންތައް ހިމެނޭނެ ކަމަށާއި، އެހެންކަމުން މި ޕްލޭނަކީ ރައްޔިތުންގެ އުންމީދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޤައުމީ ކުރިއެރުން ހޯދައިދޭނެ ޕްލޭނަކަށް ވާނެ ކަމަށެވެ.

ތަރައްގީގެ ޕްލޭނަކީ ޑރ. މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނިފައިވާ މަސައްކަތެއް ކަމަށާއި، އެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން މަޝްވަރާކޮށް، ސެޕްޓެމްބަރު 16 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ޕްލޭންގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.

ޕްލޭން އާ ބެހޭ ގޮތުން އާއްމު ކުރެއްވި ވީޑިއޯގައި ރައީސް ވިދާޅުވީ ކުރިއަށް އޮތް އަހަރު ތެރޭގައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ހިމެނޭ ގޮތަށް، ހުރިހާ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާއި އެކިއެކި ސްޓޭކްހޯލްޑަރުން އަދި އެކްސްޕާޓުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ޕްލޭންގެ މަސައްކަތް ފަށާނެ ކަމަށެވެ.

"މި ޕްލޭންއަކީ އަޅުގަނޑު ވައުދުވީ ގޮތަށް އެ ޕްލޭނަށް ގާނޫނީ ބާރުވެރިކަން ގާނޫނީ ހިމާޔަތްތެރިކަން ލިބިގެންދާ ޕްލޭނަކަށް ހެދުމަށްޓަކައި ގާނޫނުއަސާސީ އާއި ގާނޫނަށް ވަކިން ހާއްސަކޮށް މިކަމަށް ހަދާ ގާނޫނަކާ އެކީ ހެދިގެންދާނެ ޕްލޭނަކަށް ވާނެ،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ތަރައްގީގެ ތަސައްވަރު ކުރިއަށް އޮތް ވިހި އަހަރު ދުވަހަށް ކަނޑައެޅުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާއިރު، ޑރ. މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ރާއްޖޭގެ ތަރައްގީއަށް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެއްވެސް ކަމެއް ސަރުކާރަށް އެއް އަހަރު ފުރިގެންދާއިރު ކޮށްފައި ނުވާކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ. އެއާއެކު ނިމުނު އެމްޑީޕީ ސަރުކާރުން ރަށްރަށުގައި ފަށާފައިވާ ތަރައްގީގެ މުހިންމު އެތައް މަސައްކަތެއް މި ސަރުކާރުން ވަނީ ހުއްޓާލާފައިކަން ފާހަގަ ކުރެވެއެވެ.

Advertisement

Advertisement
- ކޮމެންޓް