އަޟްހާ އީދު ބަންދަށް މޫސުން ރަނގަޅުވާނެ ކަމަށާއި، ނަމަވެސް ބަންދު ނިމޭއިރު މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
ބުރާސްފަތި ދުވަހު ފަށާއިރު ޕްރޮގްރާމަށް، މޫސުމާބެހޭ ގައުމީ އިދަރާގެ، އެސިސްޓެންޓް މީޓިއަރޮލޮޖިސްޓް ހުސެއިން ވަހީދު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން އާއްމުގޮތެއްގައި ރަގަޅުވާނެ ކަމަށެވެ.
ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވި ނަމަވެސް ދަތުރުފަތުރު ނުކުރެވޭ ވަރަށް ގަދަނުވާނެ ކަމަށް ހުސެއިން ވަހީދު ވިދާޅުވިއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު، ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ރަނގަޅުވާނެ. ކުޑަކޮށް ކެރި އައިނަމަވެސް ޖުމްލަކޮށް ހުރިހާ ހިސާބަކަށް ވެސް މިއަދު މޫސުން ރީތި ދުވަހަކަށް ވެގެންދާނެ. ވައި ވެސް ގަދައެއް ނޫން. ޚާއްސަކޮށް ދެކުނުގައި ވަރަށް ވައި މަޑު. އެހެންނަމަވެސް މެދުރާއްޖެތެރެއާ އުތުރުގައި ކޮންމެވެސް ވަރަކަށް ވައިރޯޅި އެބަހުރި. ގާތްގަނޑަކަށް 8 މޭލާއި، 18 މޭލާއި ދޭތެރޭގައި ރޭންޖެއްގައި ވައި ހިފަހައްޓާނެ. އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި. ދެކުނު އަތޮޅުތަކަށް 5 މޭލާއި 15 މޭލާ ދޭތެރޭގައި އެނގޭތޯ. އެހެންވީމަ ކަނޑުތައް ދެކުނުގައި މަޑުވާނެ. ދެން މެދުރާއްޖެތެރޭގައި އެހެންނަމަވެސް އާދައިގެ ވަރަކަށް ގަދަކޮށް އުޅެނީ. ކޮންމެވެސް ވަރަކަށް ރާޅު ހުންނާނެ. ޚާއްސަކޮށް މެދުރާއްޖެތެރެއާއި އުތުރުގައި. އެހެންނަމަވެސް ދަތުރުފަތުރު ނުކުރެވޭހާ ކަނޑުތައް ގަދަވެގެން ނުދާނެ ކުރިއަށް މިއޮތް 24 ގަޑިއިރު ވެސް. އަދި މާދަމާ ވެސް އެނގޭތޯ.
އެސިސްޓެންޓް މީޓިއަރޮލޮޖިސްޓް ހުސެއިން ވަހީދު![]()
އަޟްހާ އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ދަތުރުކުރާކަން ފާހަގަކުރައްވައި ހުސެއިން ވަހީދު ވިދާޅުވީ އީދު ދުވަހުގެ މޫސުން ވެސް ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް މިމަހުގެ 9 އަކުން ފެށިގެން މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އީދު ދުވަހުގެ މޫސުމަށް ބަލާއިރު ބައެއް ހިސާބުތަކަށް ދެކުނު ބައެއް ހިސާބުުތަށް ކުޑަ ކެރިކޮޅެއް އައިސްދާނެ. ޖުމްލަކޮށް ހަމަ ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ރީތިކޮށް އޮންނާނީ. އޭގެ އަނެއް ދުވަހަށް ވެސް މޫސުން އެހައި ގޯހެއް ނޫން. އެހެން ނަމަވެސް އީދު ބަންދު ނިމޭ އެހިސާބުގައި އެއީ ގާތްގަނޑަކަށް މިމަހުގެ 9 އަކުން ފެށިގެން މޫސުން ވަރަށް ބޮޑަށް ގޯސްވެގެންދާނެ. އެހެންވީމަ އެކަމަށް ހުރިހާ ބޭފުޅުން ވެސް ސަމާލުވާންވާނެ. އެނބުރި ވަޑައިގަންނަވާއިރު، މޫސުމަށް ވަރަށް ބޮޑަށް ބައްލަވަން ޖެހޭ.
އެސިސްޓެންޓް މީޓިއަރޮލޮޖިސްޓް ހުސެއިން ވަހީދު![]()
އީދު ބަންދަށްފަހު މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ދަތުރުކުރުމުގެ ކުރިން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.