ކ. މާލެ
|
10 އޮކްޓޯބަރ 2024 | ބުރާސްފަތި 12:41
ބާސެލޯނާ އަށް ބަދަލުވި ޝެޒްނީ ދުންފަތުގެ އިސްތިއުމާލު ކުރަން ހުއްޓާ ނަގާފައިވާ ފޮޓޯ
ބާސެލޯނާ އަށް ބަދަލުވި ޝެޒްނީ ދުންފަތުގެ އިސްތިއުމާލު ކުރަން ހުއްޓާ ނަގާފައިވާ ފޮޓޯ
ގޯލް.ކޮމް
ޝެޒްނީ
ސިނގިރޭޓް ބޯން ހުރި ފޮޓޯ އާންމު ކުރުމުން، ޝެޒްނީ ރައްދު ދީފި
އޭނާގެ އަމިއްލަ ޒާތީ ދިރިއުޅުމުގެ އެއްވެސް ކަމެއް އެހެން މީހަކަށް ބަދަލު ނުކުރެވޭނެ ކަމަށް ވެސް ޝެޒްނީ ވަނީ ބުނެފަ އެވެ.

ދާދި ފަހުން ބާސެލޯނާ އަށް ބަދަލުވި ޕޮލެންޑުގެ ގޯލު ކީޕަރު ވޮޒްޝިއޭ ޝެޒްނީ، ދުންފަތުގެ އިސްތިއުމާލު ކުރަން ހުންނަ މަންޒަރު ފެންނަ ފޮޓޯއެއް އާންމު ކުރުމުން، އެކަމަށް އޭނާ ރައްދު ދީފި އެވެ.

ބާސެލޯނާގެ އެއް ނަންބަރު ގޯލު ކީޕަރު މާކް އަންދްރޭ ޓާ ސްޓެގެން އަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހުމުގެ ސަބަބުން އެ ޓީމުން ވަނީ އޭނާގެ ބަދަލުގައި ޝެޒްނީ ހޯދައިފަ އެވެ. އަދި އޭނާ ވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ބާސެލޯނާ އަށް ބަދަލުވެފަ އެވެ. އޭނާ އަންނަނީ ބާސެލޯނާގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިވަމުންނެވެ.

ދާދި ފަހުން ވަނީ ޝެޒްނީ ދުންފަތުގެ އިސްތިއުމާލު ކުރަން ހުރި މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާ ގައި ދައުރުވެފަ އެވެ. އެކަމާ ގުޅޭ ގޮތުން ޝެޒްނީ ބުނީ އޭނާގެ އަމިއްލަ ދިރިއުޅުމުގައި ބައެއް ކަންކަން ހުންނާނެ ކަމަށެވެ. އެކަންކަމަށް ބަދަލެއް އަންނަން ނުޖެހޭކަން ފާހަގަކޮށް ޝެޒްނީ ބުނީ، އޭނާ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެހެން މީހުން ބަލަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އޭނާގެ އަމިއްލަ ޒާތީ ދިރިއުޅުމުގެ އެއްވެސް ކަމެއް އެހެން މީހަކަށް ބަދަލު ނުކުރެވޭނެ ކަމަށް ވެސް ޝެޒްނީ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޝެޒްނީ ބުނީ، އޭނާގެ ދަރިންގެ ކުރިމަތީގައި ދުންފަތުގެ އިސްތިއުމާލު ނުކުރާ ކަމަށެވެ. ސަބަބަކީ އެ ކުދިންނަށް ގޯސް އާދައެއް ފެންނަން އަދި ދަސްކޮށްދޭން ބޭނުން ނުވާތީ ކަމަށް ވެސް ޝެޒްނީ ބުންޏެވެ. އެހެން ނަމަވެސް، ގަހެއްގެ ނިވަލުގައި ހުރެ އޭނާ ދުންފަތުގެ އިސްތިއުމާލު ކުރި ނަމަވެސް، މީހުން އެ ތަންތަނުގައި ފޮޓޯ ނަގާކަމަށް އޭނާ ވަނީ ބުނެފަ އެވެ. އޭނާ ބުނީ އެގޮތަށް އެކަން ކުރަނީ ވެސް މީހުންނަށް އެ މަންޒަރު ފެންނަން ބޭނުން ނުވާތީ ކަމަށެވެ.

ބާސެލޯނާ އަށް ބަދަލުވީ ފަހުން މިހާތަނަށް ޝެޒްނީ އެ ކުލަބުގައި މެޗެއް ނުކުޅެ އެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ބާސެލޯނާގެ މެޗުތަކުން އޭނާ ފެންނާނެ އެވެ. އުމުރުން 34 އަހަރުގެ ޝެޒްނީ ވަނީ މިއަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ފުޓުބޯޅަ އިން ރިޓަޔާވާން ނިންމައިފަ އެވެ. އޭރު އޭނާ ކުޅެމުން އައީ އިޓަލީގެ ޔުވެންޓަސް އަށެވެ. ނަމަވެސް ބާސެލޯނާގެ ހުށަހެޅުމާއެކު، ޝެޒްނީ ވަނީ އަލުން ކުޅުމުގެ ތެރެއަށް އަންނަން ނިންމައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް