ކ. މާލެ
|
10 އޮކްޓޯބަރ 2024 | ބުރާސްފަތި 05:40
ބުދަ ދުވަހު، ހަރިކޭން މިލްޓަން އައުމުގެ ކުރިން ވާރޭ ބޯކޮށް ވެހެމުންދިޔަ ވަގުތު، ލީ ކައުންޓީ ޝެރިފްގެ އޮފިސަރަކު ފްލޮރިޑާގެ ކޭޕް ކޯރަލްގެ މަގެއް ޕެޓްރޯލް ކުރަނީ
ބުދަ ދުވަހު، ހަރިކޭން މިލްޓަން އައުމުގެ ކުރިން ވާރޭ ބޯކޮށް ވެހެމުންދިޔަ ވަގުތު، ލީ ކައުންޓީ ޝެރިފްގެ އޮފިސަރަކު ފްލޮރިޑާގެ ކޭޕް ކޯރަލްގެ މަގެއް ޕެޓްރޯލް ކުރަނީ
އޭޕީ
ހަރިކޭން މިލްޓަން
ޤަރުނުގެ ބޮޑު ތޫފާން - ހަރިކޭން މިލްޓަން: މިލިއަނަކަށް ވުރެ ގިނަ ރައްޔިތުން ފްލޮރިޑާ ދޫކޮށް ގޮއްސި
ބުދަ ދުވަހުގެ ރޭ އަންނާނެކަމަށް ލަފާކުރެވޭ މި ތޫފާނަކީ "ޤަރުނުގެ ބޮޑު ތޫފާން" ގެ ގޮތުގައި މޫސުމާ ބެހޭ މާހިރުން ސިފަކުރައްވައެވެ.
ޚަބަރުގެ އޯޑިއޯ

އިންތިހާއަށް ގަދަފަދަ އަދި ނުރައްކާތެރި މަރުގެ ތޫފާނެއް ގޮތުގައި މުސުމާ ބެހޭ މާހިރުން ސިފަކުރާ 'ހަރިކޭން މިލްޓަން' އިން ސަލާމަތްވާން އެމެރިކާގެ ފްލޮރިޑާގެ މިލިއަނަކަށް ވުރެ ގިނަ ރައްޔިތުން އެ ސްޓޭޓް ދޫކޮށް ދާން މަޖުބޫރުވެއްޖެއެވެ.

ފްލޮރިޑާގެ ރައްޔިތުން އެމީހުންގެ ގެދޮރު ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ގޮސްފައިވަނީ، އެ ސްޓޭޓުގައި މަޑުކުރާ ފަރާތްތަކަށް މަރުގެ ނުރައްކާ ކުރިމަތިވެދާނެ ކަމަށާއި، ގެތައް 'މަހާނައަކަށް' ބަދަލުވެދާނެ ކަމަށް އެ ސްޓޭޓުގެ އިސް އޮފިޝަލުން އިންޒާރުދިނުމާ ގުޅިގެންނެވެ.

ބުދަ ދުވަހުގެ ރޭ އަންނާނެކަމަށް ލަފާކުރެވޭ މި ތޫފާނަކީ "ޤަރުނުގެ ބޮޑު ތޫފާން" ގެ ގޮތުގައި މޫސުމާ ބެހޭ މާހިރުން ސިފަކުރައްވައެވެ.

މި ތޫފާނާ ގުޅޭގޮތުން އެމެރިކާގެ ނެޝަނަލް ހަރިކޭން ސެންޓަރ އިން ބުނެފައިވަނީ، މިލްޓަންގެ ސަބަބުން "ފުރާނައަށް ވަރަށް ނުރައްކާތެރި ހާލަތެއް" މެދުވެރިވެދާނެކަމަށާއި، މީގެ ސަބަބުން ވައިގަދަވެ، ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި ތޫފާނުގެ އަސަރު އެއްގަމަށާއި، ތޫފާނުގެ އަސަރު ފޯރާނެ ކަމަށް މިހާރު ލަފާކުރެވިފައިވާ ސަރަޙައްދުން ބޭރަށްވެސް ކުރާނެކަމަށް ބެލެވޭ ކަމަށެވެ.

ފްލޮރިޑާގެ ހުޅަނގު އައްސޭރިއާ ކައިރިވަމުން އައިއިރު، މި ތޫފާނުގެ ގަދަފަދަކަން ކެޓަގަރީ 5ން ކެޓަގަރީ 4ށް ކުޑަކޮށް ދަށްވެފައިވީ ނަމަވެސް، އަދިވެސް މިއީ ވޭތުވެ ދިޔަ ގަރުނުގައި ވެސް ނާންނަ ފަދަ ގަދަފަދަ ތޫފާނެއްފެ ގޮތަށް މޫސުމާ ބެހޭ މާހިރުން ސިފަކުރައްވައެވެ.

ޓެމްޕާގެ ކޮންގްރެސް މެންބަރު ކެތީ ކާސްޓަރ އަންގާރަ ދުވަހު ސީއެންއެންއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވެފައިވަނީ، މިވަގުތު ކުރިމަތިލާން މި ޖެހެނީ ތާރީޚީ ބޮޑު ކާރިސާއަކާ ކަމަށާއި، އެ ކާރިސާއާ ކުރިމަތިލުމަށް ބާކީ އޮތީ މަދު ވަގުތުކޮޅެއް ކަމަށެވެ.

މިލިއަނަކަށް ވުރެ އާބާދީ ބޮޑު ޓެމްޕާ މެޓްރޮޕޮލިޓަން ސަރަޙައްދަކީ މި ތޫފާން ސީދާ އަރާ ސަރަހައްދެވެ.

ހަރިކޭން މިލްޓަން މި އަންނަނީ، މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން، ސެޕްޓެމްބަރ 26 ގައި އައި ހަރިކޭން ހެލީންގެ ސަބަބުން އެމެރިކާގެ ދެކުނު-އިރުމަތީ ސަރަޙައްދަށް، ޚާއްޞަކޮށް ފްލޮރިޑާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނިކޮށެވެ.

ފްލޮރިޑާގެ ގަވަރނަރ ރޮން ޑިސެންޓިސް ވިދާޅުވި ގޮތުގައި، ހަރިކޭން ހެލީންގެ ސަބަބުން މަގުތަކުގައި ޖަމާވި ކުނިތައް ސާފުކުރުމަށްޓަކައި ޓްރަކުތައް 24 ގަޑިއިރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، މި ތޫފާނަކީ މިހާތަނަށް ފްލޮރިޑާއަށް ނުކުރާވަރުގެ ގެއްލުން ބޮޑު ތޫފާނަކަށް ވެދާނެކަމަށް ބެލެވޭތީ، ތޫފާން އައުމަށްފަހު، ފްލޮރިޑާގެ ތާރީޚުގައި އެންމެ ބޮޑު ހޯދާ-ސަލާމަތްކުރުމުގެ އޮޕަރޭޝަން ހިންގުމުގެ ތައްޔާރީތައް ވެސް ވަމުން އަންނަ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް