ކ. މާލެ
|
9 އޮކްޓޯބަރ 2024 | ބުދަ 22:50
އިރާނުގެ ފޮރިން މިނިސްޓަރު އަރަގްޗީ (ވައަތްފަރާތުގައި) ރިޔާޟްގައި ސަޢޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާނާ އާ ބައްދަލު ކުރައްވަނީ
އިރާނުގެ ފޮރިން މިނިސްޓަރު އަރަގްޗީ (ވައަތްފަރާތުގައި) ރިޔާޟްގައި ސަޢޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާނާ އާ ބައްދަލު ކުރައްވަނީ
ޕްރެސް ޓީވީ
އީރާން-އިޒްރޭލް ހަނގުރާމަ
އީރާނުގެ ޚާރިޖީ ވަޒީރު ސައުދީ އަށް ވަޑައިގެންފި
އަރަގްޗީ ސައުދީ އަށް ދަތުރުފުޅު ކުރެއްވީ ފާއިތުވި ހަފްތާގައި އީރާނުން އިޒްރޭލަށް ދިން މިސައިލް ހަމަލާ އަށް އިޒްރޭލުން ރައްދު ދޭނެ ގޮތަކަށް މުޅި ސަރަޙައްދު އިންތިޒާރުކުރަމުންދާ ވަގުތެއްގައިކަން ފާހަގަ ކުރެވެއެވެ

އީރާނާއި އިޒްރޭލުގެ މަސްރަހް ހޫނުވަމުން ދަނިކޮށް އީރާނުގެ ޚާރިޖީ ވަޒީރު ބުދަ ދުވަހު ސައުދީ އަރަބިއްޔާ އަށް ވަޑައިގެންފިއެވެ.

ސަޢޫދީ ޕްރެސް އޭޖެންސީން (އެސްޕީއޭ) އިން ބުނެފައިވާ ގޮތުގައި ސަޢޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރުހާން އާއި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީއާ ބުދަ ދުވަހު ރިޔާޟް ގައި ވަނީ ބައްދަލުކުރައްވާފައެވެ.

ދެ ގައުމުގެ އެންމެ އިސް ދެ ޑިޕްލޮމެޓުން "ދެ ޤައުމުގެ ގުޅުމާއި އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރާނެ ގޮތްތަކާ މެދު މަޝްވަރާކުރެއްވި،" އަދި ސަރަޙައްދީ ކަންކަމާ ގުޅޭގޮތުންވެސް ވާހަކަދެކެވުނުކަމަށް އެސްޕީއޭއިން ބުނެފައިވެއެވެ.

ބުދަ ދުވަހުގެ ކުރީކޮޅު، އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާޢީލް ބަގާއީ އެކްސްގައި ވިދާޅުވެފައިވަނީ އަރަގްޗީގެ މި ދަތުރުގެ އަމާޒަކީ "އިޒްރޭލުގެ ނަސްލު ނައްތާލުމުގެ އަމަލުތަކާއި އަނިޔާވެރިކަން ހުއްޓުވުން" ކަމަށާއި "ޣައްޒާއާއި ލުބުނާނުގައި ތިބި އަޚުންނާއި އުޚުތުންގެ ވޭނާއި ތަދު ލުއިކޮށްދިނުން،" ކަމަށެވެ.

އިޒްރޭލުން ގެންދަނީ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ފަލަސްޠީނުގެ ހަމާސް ޖަމާޢަތުން އިޒްރޭލުގެ ދެކުނަށް ދިން ވަރުގަދަ ހަމަލާއަކާ ގުޅިގެން ޣައްޒާ އަށް އަރާ އެތައް ހާސް ފަލަސްތީނު މީހުން މަރާ މުޅި ޣައްޒާ ފުނޑުފުނޑު ކުރަމުންނެވެ.

އެއާ ގުޅިގެން ލުބުނާނުގައި އޮންނަ ޙިޒްބުﷲ ޖަމާޢަތުން އިޒްރޭލުން ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމުގެ ހަނގުރާމައަށް ރައްދު ދިނުމުގެ ގޮތުން އިޒްރޭލުގެ އުތުރުގެ ސަރަހައްދުތަކަށް ހަމަލާދެމުން ގެންދާތީ، ފާއިތުވި މަހުން ފެށިގެން އިޒްރޭލުން ވަނީ ޙިޒްބުﷲގެ އިސްވެރިންނާއި އެ ޖަމާޢަތުގެ ވަސީލަތްތަކަށް އަމާޒުކޮށް ދޭ ހަމަލާތައް ބޮޑުތަނުން އިތުރުކޮށްފައެވެ.

ހަމާސް އާއި ޙިޒްބުﷲ އަކީ މި ސަރަޙައްދުގައި އީރާނުގެ "އެކްސިސް އޮފް ރެސިސްޓަންސް" ގެ ބައިވެރިންގެ ތެރޭގައި ހިމެނޭ ހަނގުރާމަވެރި ޖަމާޢަތްތަކެކެވެ.

އަރަގްޗީ ސައުދީ އަށް ދަތުރުފުޅު ކުރެއްވީ ފާއިތުވި ހަފްތާގައި އީރާނުން އިޒްރޭލަށް ދިން މިސައިލް ހަމަލާ އަށް އިޒްރޭލުން ރައްދު ދޭނެ ގޮތަކަށް މުޅި ސަރަޙައްދު އިންތިޒާރުކުރަމުންދާ ވަގުތެއްގައެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ވަނީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާ ވެސް ބައްދަލު ކުރައްވާފައެވެ.

ހުކުރު ދުވަހު ބެއިރޫތުގައި، އަރަގްޗީ ވިދާޅުވެފައިވަނީ ލުބުނާނާއި ފަލަސްޠީނު ސަރަޙައްދުގައި "އެކުއެކީގައި" ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަސައްކަތްތަކަށް ތާއީދުކުރައްވާ ކަމަށެވެ.

އީރާނާއި ސަޢޫދީ އަރަބިއްޔާ ވަނީ 2023 ވަނަ އަހަރުގެ މާރިޗު މަހު، ޗައިނާ މެދުވެރިއެއްގެ ދައުރު އަދާކޮށް 7 އަހަރު ވަންދެން ކެނޑިފައިވާ ގުޅުން އަލުން ގާއިމް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް