ކ. މާލެ
|
9 އޮކްޓޯބަރ 2024 | ބުދަ 17:53
ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ކޮމިޓީގެ މުގައްރިރު މުހައްމަދު ސޮބްރީ ވާހަކަދައްކަވަނީ
ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ކޮމިޓީގެ މުގައްރިރު މުހައްމަދު ސޮބްރީ ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ސިވިލް މުވައްޒަފުންނަށް އުދަނގޫކުރުން
ސިޔާސީ ނިންމުންތަކަށް އެއްބަސްނުވާ ސިވިލް މުވައްޒަފުންނަށް އުދަނގޫތައް ކުރިމަތިކުރުވާ: ސޮބްރީ
ސޯޝަލް މިނިސްޓްރީގައި އެއްވެސް ކަހަލަ ރަނގަޅު ސިޔާސަތެއް ޕްލޭނެއް ނެތް
ފަންނީ ނިންމުންތަކަށް ސިޔާސީ ގޮތް ކިޔަން ނުޖެހޭ
ސިޔާސީ ބޭފުޅުން މަސައްކަތް ކުރަނީ ސަރުކާރުގެ އެކްޝަން ދިފާއު ކުރުމަށް

މިސަރުކާރުގައި ސިޔާސީ ނިންމުންތަކަށް އެއްބަސްނުވާ ސިވިލް މުވައްޒަފުންނަށް އުދަނގޫތައް ކުރިމަތިކުރުވާ ކަމަށާއި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ޑިވެލޮޕްމަންޓްގައި ވެސް އޮތީ އެފަދަ ސަގާފަތެއް ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ކުރީގެ ސީނިއާ އެގްޒެކިއުޓިވް ޑިރެކްޓަރު އަދި އެމްޑީޕީގެ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ކޮމިޓީގެ މުގައްރިރު މުހައްމަދު ސޮބްރީ (ސަބާ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ސޮބްރީ މިހެން ވިދާޅުވީ ސޯޝަލް މިނިސްޓްރީ (ކުރީގެ ޖެންޑާ މިނިސްޓްރީ) ގައި 17 އަހަރު ދުވަހު ޚިދުމަތް ކުރި ސޯޝަލް ސަރވިސް ކޯޑިނޭޓަރު އައިޝަތު ޝޫޒާ މަސައްކަތްތަކުން އެކަހެރިކޮށް، އޭނާއަށް ދީފައިވަނީ އަނިޔާތަކާއި ގުޅިގެންނެވެ.

ސޮބްރީ ވިދާޅުވީ ސޯޝަލް މިނިސްޓްރީގައި އެއްވެސް ކަހަލަ ރަނގަޅު ސިޔާސަތެއް ޕްލޭނެއް ނެތް ކަމަށާއި، ކަންކަން ތަންފީޒު ކުރުމުގައި އުސޫލާ އެއްގޮތަށް އަމަލުކުރާ ގާބިލް ސިވިލް މުވައްޒަފުންނަށް އުދަނގޫތައް ކުރިމަތިކުރުވަމުންދާ ކަމަށެވެ. އެއްވެސް ސަރުކާރެއްގައި ފަންނީ މަސައްކަތް ކުރާ ސިވިލް މުވައްޒަފުންނަށް ސިޔާސީ މުވައްޒަފުން ގޮތް ނުކިޔާކަން ފާހަގަކުރައްވައި ސޮބްރީ ވިދާޅުވީ މިސަރުކާރުގައި އެގޮތަށް ވެސް ބެލުމެއް ނެތް ކަމަށެވެ. އަދި ފަންނީ ނިންމުންތަކަށް ސިޔާސީ ގޮތް ކިޔަން ނުޖެހޭ ކަމަށް ސޮބްރީ ވިދާޅުވިއެވެ.

ސޮބްރީ ވިދާޅުވީ މި ސަރުކާރުގެ ސިޔާސީ ބޭފުޅުން މަސައްކަތް ކުރަނީ ޒިންމާ އެކަހެރި ކުރުމަށްފަހު ޕާޓީ ޕްރޮމޯޓްކޮށް، ސަރުކާރުގެ އެކްޝަން ދިފާއު ކުރުމަށް ކަމަށާއި، އެގޮތަށް ޓެކްނިކަލް މުވައްޒަފުން މަސައްކަތް ނުކުރާނެ ކަމަށެވެ.

އަޅުގަނޑަށް ފެނުނީ އެއްވެސް ކަހަލަ ސިޔާސަތެއް ނެތި ޕްލޭނެއް ނެތި ކަންކަން އިންޕްލިމެންޓް ކުރަން އެ އިންނަ ގޮތަށް ބައިދަ ބުކް ގެންދަން ބޭނުންވާ ހުރިހާ ބޭފުޅުންނަށް ވެސް އެކަހަލަ ހުރަސްތަކާއި ދިމާވާކަން. އޭގެ ކްލެސިކް މިސާލެއް ތިއީ ޝޫޒާއަށް ދިމާވީ. އެތަންތާގައި ތިބޭ ސިޔާސީ ބޭފުޅުންނަކީ އަސްލު ހަގީގަތުގައި އެއްވެސް ސަރުކާރެއްގައި އެއްވެސް އިރެއްގައި ފަންނީ މަސައްކަތް ކުރާ މީހުން ފަންނީ ލަފައާއި ނޫނިއްޔާ އިންނަ ދާއިރާގެ ތަޖުރިބާކާރުންގެ ނިންމުންތަކަށް ގޮތް ކިޔާ ބައެއް ނޫން. މިހާރު ވެސްގެން މިއުޅެނީ އެހެނެއް ނޫން. މިހާރު ސަރުކާރުގެ ސްޓޭޓް މިނިސްޓަރުގެ ލެވަލްއިން ފެށިގެން ޑެޕިއުޓީ އަދި މިބޭފުޅުން މިގެންގުޅޭ އެސްޕީޑީ މިލެވަލްގެ ހުރިހާ ބޭބޭފުޅުންގެ ފުރަތަމަ ޕިއޮރިޓީއަކީ ސަރުކާރުގެ ފޭސް ދިފާއު ކުރުން. ހަވާލު ވެފައި އޮންނަ ޒިންމާ އެއްކައިރި ކުރުމަށްފަހު ޕާޓީ ޕްރޮމޯޓް ކުރުމާއި ސަރުކާރުގެ އެކްޝަން ދިފާއު ކުރުން އޮންނަނީ. ދެން މިހާރު ޓެކްނިކަލް ބޭފުޅަކަށް ވަރަށް އުދަނގޫވާނެ ތެދެއްތޯ އެކަމަށް އެއްބަސްވަން. އެއިންނަ ގޮތް އޭގެ ނަތީޖާ ކަނޑައެޅިގެން ނުކުންނާނީ ގޯސްކޮށްކަން ވެއްޖެއްޔާމުން އެބޭފުޅާގެ އެކްސްޕަޓީސް އެބޭފުޅާ ބޭނުންކުރާނީ އެއިންނަ ގޮތަށް.
އެމްޑީޕީގެ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ކޮމިޓީގެ މުގައްރިރު މުހައްމަދު ސޮބްރީ (ސަބާ)

ސޮބްރީ ވިދާޅުވީ ސޯޝަލް މިނިސްޓްރީއަކީ މުޅި މުޖުތަމައުއާ ގުޅިފައިވާ މިނިސްޓްރީއެއް ކަމަށާއި، ނަމަވެސް އެ މިނިސްޓްރީގައި މަސައްކަތް ކުރަމުންދާ ގިނަ މުވައްޒަފުން އެހެން ދިމަދިމާލަށް ފޮނުވަމުންދާ ކަމަށެވެ. އަދި ޒިންމާތަކުން އެކަހެރި ކުރަމުންދާ ކަމަށާއި، މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ސޯޝަލް މިނިސްޓްރީގައި މަސައްކަތް ކުރަމުންދިޔަ ޝޫޒާ، ހެލްތް މިނިސްޓްރީ ނޭޝަނަލް މެންޓަލް ހެލްތް ޑިޕާޓްމަންޓަށް ބަދަލުކުރުމާއި ގުޅިގެން 3 އޮކްޓޫބަރު 2024 ވީ ބުރާސްފަތި ދުވަހު ބޭއްވި ފެއަރވަލްގައި އޭނާ ބުނެފައިވަނީ މިނިސްޓްރީން ކުރިމަތިވެފައިވަނީ ކެއްނުކުރެވޭ ވަރުގެ ނަފްސާނީ އަނިޔާ ކަމަށެވެ. އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ނިކަމެތިންގެ ހައްގުތައް ހޯދައިދޭން އައި މިނިސްޓްރީން އަންހެނެއްގެ ހައްގު ނިގުޅައިގަނެފައިވާ ކަމަށް ޝޫޒާ ބުނެފައިވެއެވެ. ނަމަވެސް އެމިނިސްޓްރީން ވަނީ މިކަންކަން ދޮގުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް