ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މއ. ކާމިނީހުޅަނގު، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ގުޅުވައިގެން އެންމެ ގިނައިން ދެކެވެނީ ފައިސާގެ ވާހަކަ އެވެ. އެމަނިކުފާނު ވެސް އެންމެ ގިނައިން ދައްކަވަނީ ފައިސާގެ ވާހަކަ އެވެ. އެގޮތުން ފާއިތުވެގެން މިދިޔަ މަހެއް ދުވަހުގެ ތެރޭގައި ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުތަކާއި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު މުޅިންހެން ބިނާވެފައި އޮތީ ފައިސާގެ މައްޗަށެވެ. ކުރުކޮށް، ފޮނިކޮށް ބުނާނަމަ "ހަލާލު ފައިސާ" އާއި "ހަލާލު ނޫން ފައިސާ" ގެ ވާހަކަ އަށެވެ. އެމަނިކުފާނުގެ ކުރީގެ ނައިބު އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާ ގުޅޭގޮތުން ވެސް މުޅިންހެން ދައްކަވަނީ ފައިސާގެ ވާހަކަ އެވެ. އަދީބުގެ ފައިސާ ޖާޑީގައި ހުރި ސައްޚަ ފައިސާ އާއި ސައްޚަ ނޫން ފައިސާގެ ވާހަކަ އެވެ. ދޫވެއްސަށް ވެއްދި ސައްޚަ ފައިސާ އާއި ހަލާލު ނޫން ފައިސާގެ ވާހަކަ އެވެ.
ފައިސާގެ ވާހަކަ ރައީސް ޔާމީން މިހާވަރަށް ދައްކަވަން ފެއްޓެވުމުން ސޯޝަލް މީޑިއާ ރަތަށް އަރައި، ފާޑުކިޔުންތަކުގެ ތެރެއަށް އެމަނިކުފާނު ގަންބާލައިފި އެވެ. ސަރުކާރުގެ ތެރޭގައި ހިނގާ އަދި ހިންގި ޚިޔާނާތްތަކުން ރައީސް ޔާމީނަށް "ހަލާލު ނޫން ފައިސާ" ލިބިވަޑައިގަތް ކަމަށް އިދިކޮޅު ފަރާތްތައް ހަރުއަޑުން ދަނީ ބުނަމުންނެވެ. އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ލީކުވެފައިވާ ލިޔެކިޔުންތަކުން ފެންނަ ގޮތުގައި ދެ ފަހަރެއްގެ މަތިން ޖުމްލަ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓަށް، 'ހަލާލު ނޫން ފައިސާ" ދޮންނަން ބޭނުން ކުރި އެސްއޯއެފް ކުންފުނިން ޖަމާކޮށްފައިވެއެވެ. އެކަމަކު ރައީސް ޔާމީން އެކަން ދޮގުކުރައްވަ އެވެ. އެމަނިކުފާނު ސާފުސީދާ ދިވެހި ބަހުން ވިދާޅުވާ ބަސްފުޅު ތަރުޖަމާ ކޮށްދެއްވާ ރައީސް އޮފީހުގެ ތަރުޖަމާނު ވެސް މިކަން ދޮގުކުރައްވަ އެވެ.
އެއްބަޔަކު ދަނީ ސޯޝަލް މީޑިއާގައި ވަރަށް މުހިންމު ސުވާލެއް އުފައްދަމުންނެވެ. ރައީސް ޔާމީނަށް ފައިސާ ލިބެނީ ކޮން ގޮތަކުން ހެއްޔެވެ؟ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ މުސާރައިން އެމަނިކުފާނަށް އެފަދަ "އިއްޒަތްތެރި" ދިރިއުޅުމެއް އުޅުއްވެވިދާނެތޯ އެވެ؟ ގަލޮޅުގައި ހުންނަ އަމިއްލަ ގެކޮޅު ހެންވޭރު ގެއަކާ ލާޖައްސަައި، އެ ގެ ބުރިބުރިއަށް ހިއްލުމަށް އެމަނިކުފާނަށް ފައިސާ ލިބިވަޑައިގަންނަވަނީ ކިހިނެއްތޯ އެވެ؟ ވިޔަފާރިވެރިން އެމަނިކުފާނަށް ފައިސާ ދެއްވާ ކަމަށް ތަކުރާރުކޮށް ވިދާޅުވާއިރު، އެއީ ކޮންކަމެއްގެ މުގާބިލުގައި ދޭ ފައިސާއެއްތޯ އެވެ؟
މި ސުވާލުތަކުގެ ޖަވާބު ހޯދުމަށް ހާވާލަންޖެހެނީ ތާރީޚެވެ. މުލަކު ދާއިރާގެ މެންބަރަކަށް ރައީސް ޔާމީން ހުންނެވި ދުވަސްވަރަށް ޖެހިލަމާތޯ އެވެ. ނޮވެމްބަރު، 4، 2011 ވަނަ ދުވަހު ދިޓީވީގެ "ޚަބަރުތެރެއިން" ޕްރޮގްރާމަށް އެމަނިކުފާނު ދެއްވި އިންޓަވިއު އިން މީގެން ބައެއް ސުވާލުތަކަށް ޖަވާބު ލިބެއެވެ. އެއިރު އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވާތީ މަޖިލީހުން މުސާރަ ލިބިވަޑައިގެންނެވި އެވެ. އެމަނިކުފާނަށް ޕެންޝަން ފައިސާ ވެސް ލިބިވަޑައިގެންނެވި އެވެ. ދޫވެހިން އެޕާޓްމެންޓް ކުއްޔަށް ދެއްވައިގެން ވެސް ފައިސާ ލިބިވަޑައިގެންނެވި އެވެ. އެމަނިކުފާނުގެ ބައްޕާފުޅުގެ ގެކޮޅުން ލިބިވަޑައިގެންނެވި ބައި އިމާރާތް ކުރެއްވުމަށް ފަހު ކުއްޔަށް ދެއްވައިގެން ވެސް ފައިސާ ލިބިވަޑައިގަންނަވަ އެވެ. ފަސް ވަނަ ގޮތަކީ، މެޑަމް ފާތުމަތު އިބްރާހިމްގެ ބައްޕާފުޅުގެ ތަރިކައިން ލިބިވަޑައިގެންނެވި ބިމުގައި ހަދާފައިވާ ގެސްޓް ހައުސް އިން ލިބޭ އާމްދަނީ އެވެ.
"އަޅުގަނޑަށް އާމްދަނީ ލިބޭ ދިމަދިމާ ބަލާކަމަށްވަންޏާ އަޅުގަނޑަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް. [މުލަކު ދާއިރާ] ދެވަނަ ކަމަކީ އަޅުގަނޑަކީ ޕެންޝަނަރެއް. ތިން ވަނަ ކަމަކީ އަޅުގަނޑުގެ ގޭގައިހުރި އެޕާޓްމަންޓްތައް އެހެރީ ކުއްޔަށްދީފައި. ހަތަރު ވަނަ ކަމަކީ އަޅުގަނޑުގެ ބައްޕަޔަށް އޮތް ގެ ބަހާފައި އަޅުގަނޑަށް ލިބުނު ބައި ވެސް ހަދައި އެހެރީ ކުށްޔަށްދީފަ، ކުށްޔަށްދީފައި ހުންނަތާ ކިހާޒަމާނެއްވީ އިނގޭތޯ. ފަސް ވަނަ ކަމަކީ އަޅުގަނޑުގެ އަންހެނުންގެ ބައްޕަގެ ތަރިކައިން ލިބުނު ބިންކޮޅަކުން ގެސްޓް ހައުސް ހަދާފައި އެކަށީގެންވާ އާމްދަނީއެއް ހޯދައިގެން އުޅޭމީހެއް،" އާމްދަނީ ލިބިވަޑައިގަންނަވާ ގޮތް ރައީސް ޔާމީން އޮޅުން ފިލުވައި ދެއްވި އެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ އެތަންތަނުން އެކަށީގެންވާ އާމްދަނީއެއް ލިބުނު ނަމަވެސް އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އާމްދަނީ ރާއްޖޭގެ އެހެން މުއްސަނދިންގެ އާމްދަނީއާއި އެންހަމަ ނުކުރެވޭނެ ކަމަށާއި އެމަނިކުފާނަކީ ވިޔަފާރި ކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ.
މި ވާހަކަފުޅުން އެނގިގެންދަނީ އެމަނިކުފާނަކީ ވިޔަފާރި ކުރައްވާ ބޭފުޅެއް ނޫން ކަމެވެ. ދިރިއުޅުއްވުން މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ ކުއްޔާއި، މުސާރައާއި، ޕެންޝަން ފައިސާގެ އިތުރުން މެޑަމް ފާތުންގެ ގެސްޓް ހައުސް އަށް ކަމެވެ. މިއަދުގެ ހާލަތަށް ބަލާލަމާތޯ އެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ނޮވެމްބަރު، 8، 2013 ގައި ބޭއްވި ކެމްޕެއިން ރެލީއެއްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް ކުރިމަތިލެއްވީ އެއްވެސް އަމިއްލަ ފައިދާއެއް ނުވަތަ ފައިދާއެއް ހޯއްދަވަން ނޫން ކަމަށާއި، ވެރިކަމަށް ހޮވިވަޑައިގެންފި ނަމަ އެންމެ ފުރަތަމަ ކަމަކަށް ވެސް ރައީސް ކަމުގެ މުސާރަ ކުޑަކުރައްވާނެ ކަމަށެވެ. އެމަނިކުފާނު އެ ބަސްފުޅުގެ މަތީގައި ހުންނަވާނެ ކަމަށް ބަލަމާ ހިނގާށެވެ. ނަންގަވަނީ މުސާރައިގެ ދެބައިކުޅަ އެއްބައި ކަމަށް ބަލަމާތޯ އެވެ.
ދޫވެހިން ލިބިވަޑައިގެންނެވި ކުލީގެ ފައިސާ މިހާރު އެމަނިކުފާނަށް ލިބިވަޑައެއް ނުގަންނަވާނެ އެވެ. އެމަނިކުފާނު ލާޖައްސަވައިގެން ހޯއްދެވި ނޫފަރު ހުރި ބިން އެ ވަނީ ތަޅާލާފަ އެވެ. އެތަން ބުރިބުރިއަށް ހިއްލުމުގެ މަސައްކަތް ބާރަށް ކުރިއަށްދަނީ އެވެ. ދައުލަތުން މާލިއްޔަތުން ބޮޑު ހޭދައަށް ކޮށްގެން ދޫވެހިގެއަށް ބަދަލުތައް ގެނެއުމަށް ފަހު މިހާރު އެ ގޭގައި އެވަނީ ނޫފަރު ނަން ބޯޑް އަޅުވާފަ އެވެ. އެމަނިކުފާނު މިހާރު ދިރިއުޅުއްވަނީ ދައުލަތުގެ ހިލާލީގޭގަ އެވެ. އެމަނިކުފާނަކީ ވިޔަފާރި ކުރައްވާ ބޭފުޅަކަށް ވެސް ނުވާތީ މިހާރު ލިބިވަޑައިގަންނަވާނީ މުސާރައާއި، މެޑަމްގެ ގެސްޓް ހައުސް އިން ލިބޭ އާމްދަނީއާއި، ބައްޕާފުޅުގެ ގެއިން ލިބިވަޑައިގަތް ބައިން ލިބޭ ކުލީގެ އިތުރުން، ޕެންޝަން ފައިސާ ނަންގަވާނަމަ އެ ފައިސާ އެވެ.
ދެން އޮތީ ބޮޑުވާހަކަ އެވެ. މި ފައިސާގެ ބޭރުން ދޫވެއްސަށް ފައިސާ ވެއްދި ކަމަށް އެމަނިކުފާނު އެ ވަނީ ވިދާޅުވެފަ އެވެ. އަދީބު ގެންގުޅުއްވި "ހަލާލު ނޫން ފައިސާ" ދޫވެއްސަށް ވަނީ އެވެ. ކުރިން ވިދާޅުވެފައިވަނީ އެ ފައިސާ ޖާޑީގައި ވިޔަފާރިވެރިން އެމަނިކުފާނަށް ދެއްވާ ފައިސާ ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް، އެ ފައިސާގެ ތެރެއިން ސައްޚަ ފައިސާއާއި ސައްޚަ ނޫން ފައިސާއަކީ ކޮބައިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. މަނިކުފާނަށް ވިޔަފާރިވެރިން ފައިސާ ދެއްވަނީ ކީއްވެތޯ އެވެ؟ ތިޔަ ވިދާޅުވާ ހަދިޔާގެ މިސާލަކީ، ރިސޯޓެއް ގަންނަން އަންނަ މީހެއް ޕްރޮސެސް އަވަސްކޮށްލަން ދެއްވާ ފައިސާތޯއެވެ.؟