ކ. މާލެ
|
10 އޮކްޓޯބަރ 2024 | ބުރާސްފަތި 10:57
ބާސެލޯނާ އަށް ކުޅެމުން އަންނަ ރޮބާޓް ލެވަންޑޯސްކީ
ބާސެލޯނާ އަށް ކުޅެމުން އަންނަ ރޮބާޓް ލެވަންޑޯސްކީ
ރޮއިޓާސް
ބާސެލޯނާ
ލެވަންޑޯސްކީ ޤަބޫލު ކުރާ ގޮތުގައި އޭނާ އަށް އަދިވެސް ރަނގަޅުު ފެންވަރެއްގައި ކުޅެވޭ
ކުރީގައި އޭނާގެ ފަރާތުން ފެންނަމުން އައި ކުޅުމާއި، އެ ތަފާތުކަން ދެއްކުމަކީ އުނދަގޫ ކަމެއްގެ ގޮތުގައި ޤަބޫލު ކުރެވުނު ކަމަށް ވެސް އޭނާ ބުންޏެވެ.

އަދިވެސް އޭނާ އަށް ރަނގަޅު ފެންވަރެއްގައި ކުޅެވެމުން އަންނަކަމަށް ޤަބޫލު ކުރާ ކަމަށް، ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ބުނެފި އެވެ.

އުމުރުން 36 އަހަރުގެ ކުޅުންތެރިޔާ ބާސެލޯނާ އަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. ބަޔާން މިއުނިކް ދޫކޮށްލުމަށްފަހު، ލެވަންޑޯސްކީ ބާސެލޯނާ އަށް ބަދަލުވީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ބާސެލޯނާ އަށް ބަދަލުވެ އެ ކުލަބުގައި ލެވަންޑޯސްކީ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ޚާއްސަކޮށް މިހާރު ކުރިއަށްދާ ސީޒަނުގައި ވެސް އޭނާ އަންނަނީ ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ލެވަންޑޯސްކީ ބުނީ، އޭނާ ދައްކަމުން އަންނަ ކުޅުމަކީ ހައިރާންވާ ވަރުގެ ކުޅުމެއް ނޫން ކަމަށެވެ. އަދި ކުރީގައި އޭނާގެ ފަރާތުން ފެންނަމުން އައި ކުޅުމާއި، އެ ތަފާތުކަން ދެއްކުމަކީ އުނދަގޫ ކަމެއްގެ ގޮތުގައި ޤަބޫލު ކުރެވުނު ކަމަށް ވެސް އޭނާ ބުންޏެވެ. އެހެން ނަމަވެސް، އަދި ވެސް އޭނާ އަށް ރަނގަޅު ފެންވަރެއްގައި ކުޅެވޭނެކަން ޤަބޫލު ކުރާ ކަމަށް ވެސް ލެވަންޑޯސްކީ ބުންޏެވެ.

މީގެ އިތުރުން ލެވަންޑޯސްކީ ބުނީ އޭނާ އަމިއްލަ ގޮތުން ކުރި އަރައިގެން ދާނީ، ޓީމެއްގެ ގޮތުގައި އެންމެން އެކުވެގެން ކުރާ މަސައްކަތުން، ޓީމެއްގެ ގޮތުގައި ކުރި އަރައިގެން ކަމަށެވެ. ބާސެލޯނާގައި ލެވަންޑޯސްކީ އަކީ މިވަގުތު އެ ޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. ލެވަންޑޯސްކީ ބުނީ ބާސެލޯނާގައި އޭނާ އަދާ ކުރަމުން އަންނަ ދައުރަށް ބަލާއިރު، އެއީ ޕަޒުލްގެ އެއްބައި ކަމަށެވެ. އަދި ބާސެލޯނާ ބިނާވެފައި އޮންނަނީ ހުރިހާ ކުޅުންތެރިން ދައްކަމުން އަންނަ ކުޅުމާއި، ކުރަމުން އަންނަ މަސައްކަތަަށް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ބާސެލޯނާގައި މިހާރު ލެވަންޑޯސްކީ ހޭދަކުރަމުން ދަނީ އޭނާގެ ހަތަރު ވަނަ ސީޒަނެވެ. އޭނާ ވަނީ މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން 106 މެޗުގައި 71 ލަނޑު ޖަހައިފަ އެވެ. މިހާރު ކުރިއަށްދާ ސީޒަންގައި ބާސެލޯނާ އަށް ކުޅެދިން 11 މެޗުން އޭނާ ވަނީ 12 ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން 10 ލަނޑަކީ ސްޕެނިޝް ލީގުގައި އޭނާ ޖަހާފައިވާ ލަަނޑުތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް