ކ. މާލެ
|
9 އޮކްޓޯބަރ 2024 | ބުދަ 06:32
ޣައްޒާގެ އުތުރުގެ ޖަބާލިޔާ އިން މީހުން ފައިބަން އިޒްރޭލުން އަމުރު ކުރުމުން އެ ތަނުގެ ވަޒަންވެރިން ނުކުމެގެން ދަނީ
ޣައްޒާގެ އުތުރުގެ ޖަބާލިޔާ އިން މީހުން ފައިބަން އިޒްރޭލުން އަމުރު ކުރުމުން އެ ތަނުގެ ވަޒަންވެރިން ނުކުމެގެން ދަނީ
ރޮއިޓާސް
ޣައްޒާ ހަނގުރާމަ
އިޒްރޭލުން ހަމަލާދީ ފަލަސްތީނުގެ އެއް އާއިލާއެއްގެ 9 މެމްބަރުން ޝަހީދުކޮށްލައިފި
އަންގާރަ ދުވަހު ޣައްޒާގެ އެކި ސަރަހައްދުތަކަށް އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 43 މީހުން ޝަހީދުވެފައިވާ ކަމަށް މެޑިކަލް އޮފިޝަލުން ހާމަކޮށްފައިވޭ

އިޒްރޭލުން ހަމަލާދީ ފަލަސްތީނުގެ އެއް އާއިލާއެއްގެ 9 މެމްބަރުން ޝަހީދުކޮށްލައިފިއެވެ. 

ޣައްޒާގެ އުތުރުގައިވާ ޝުޖާޔާ ސަރަޙައްދުގެ އާންމުން ދިރިއުޅޭ ޢިމާރާތަކަށް އިޒްރޭލުން ހަމަލާދީ އެއް ޢާއިލާއެއްގެ 9 މީހުން ޝަހީދުކޮށްލައިފިއެވެ. އެ އެންމެންގެ ހަށިގަނޑު މެޑިކަލް އެމަޖެންސީ ޓީމުތަކުން ނަގައިގެން ޣައްޒާ ސިޓީގެ ބެޕްޓިސްޓް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވަފާ ނިއުސް އޭޖެންސީން ބުނެފައިވެއެވެ.

މިހަމަލާގެ ކުރިން އަންގާރަ ދުވަހު ޣައްޒާގެ އެކި ސަރަހައްދުތަކަށް އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 43 މީހުން ޝަހީދުވެފައިވާ ކަމަށް މެޑިކަލް އޮފިޝަލުން ހާމަކޮށްފައިވެއެވެ.

ފަލަސްޠީނުގެ ސިވިލް ޑިފެންސްއިން ވަނީ އުތުރު ޣައްޒާގެ އިންސާނީ ޙާލަތު ގޯސްވަމުންދާ ކަމުގެ އިންޒާރު ދީފައެވެ. އިޒްރޭލުގެ ބާރުތަކުން "އެ ސަރަޙައްދަށް ފެނާއި، ކާބޯތަކެއްޗާއި، ޞިއްޙީ ތަކެތި ވެއްދުން މަނާކޮށްފައިވާ" ކަމަށާއި އެ ސަރަހައްދުގައި "ގަތުލުޢާންމު ހިންގައި، ގިނަ ބަޔަކު މަރާ، އެތައް ސަތޭކަ މީހުން ޒަޚަމްވެފައިވާ" ކަމަށް ސިވިލް ޑިފެންސްއިން އިން ބުނެއެވެ.

އުތުރު ޣައްޒާގައި ހުރި ކަމާލް ޢަދްވާން، އިންޑޮނޭޝިއަން އަދި އަލް-ޢައުދާ ހޮސްޕިޓަލުތަކުގައި ތިބި ބަލިމީހުންނާއި ޞިއްޙީ މުވައްޒަފުން 24 ގަޑިއިރުގެ ތެރޭގައި އެތަންތަނުން ނުކުމެ އެތަންތަން ހުސްކުރުމަށް އިޒްރޭލު ސިފައިންވަނީ އަމުރުކޮށްފައިވެއެވެ.

މެދުތެރޭ ޣައްޒާގައި އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި މަދުވެގެން 25 ފަލަސްޠީނު މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 5 ކުޑަކުދިންނާއި 2 އަންހެނުން ހިމެނެއެވެ. މިއީ އިޒްރޭލުގެ ސިފައިން ރާވައިގެން ހަމަލާތައްދީ ވީރާނާކޮށްލައި އެ ސަރަހައްދުން މީހުން ނެރެ ފަޅުކޮށްލުމަށް ހިންގަމުންދާ ޖަރީމާ އާ އެކު ގިނަ އަދަދެއްގެ ރައްޔިތުން އެ ސަރަހައްދުން ނުކުމެގެންދާ ދަނޑިވަޅެއްކަން ފާހަގަ ކުރެވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާގައި މަދުވެގެން 41,965 މީހުން މަރުވެ، 97,590 މީހުން ޒަޚަމްވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް