ކ. މާލެ
|
9 އޮކްޓޯބަރ 2024 | ބުދަ 09:13
ސްޕެއިން އަދި ބާސެލޯނާގެ ލެޖެންޑް އަންދްރޭސް އިނިއެސްޓާ
ސްޕެއިން އަދި ބާސެލޯނާގެ ލެޖެންޑް އަންދްރޭސް އިނިއެސްޓާ
ރޮއިޓާސް
އަންދްރޭސް އިނިއެސްޓާ
ފުޓުބޯޅަ އިން ރިޓަޔާވާން އިނިއެސްޓާ ނިންމައިފި
ބާސެލޯނާ އިން ސީނިއާ ކެރިއަރު ފެށި އިނިއެސްޓާ ވަނީ އެ ކުލަބުގައި 16 ސީޒަން ހޭދަކޮށްފަ އެވެ.

ސްޕެއިންގެ ލެޖަންޑްރީ ފުޓުބޯޅަ ކުޅުންތެރިޔާ އަންދްރޭސް އިނިއެސްޓާ ފުޓުބޯޅަ އިން ރިޓަޔާވާން ނިންމައިފި އެވެ.

އުމުރުން މިހާރު 40 އަހަރުވެފައިވާ ކުޅުންތެރިޔާ އެކަން އިއުލާން ކޮށްފައި ވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށް ހިއްސާ ކުރި ވީޑިއޯ މެސެޖަކުންނެވެ. ރިޓަޔާ ކުރަން ނިންމިކަން އިނިއެސްޓާ އިއުލާަން ކުރިއިިރު، އެންމެ ފަހުން އޭނާ ކުޅުނީ ދުބާއީގެ އެމިރޭޓްސް ކުލަބަށެވެ.

ބާސެލޯނާ އިން ސީނިއާ ކެރިއަރު ފެށި އިނިއެސްޓާ ވަނީ އެ ކުލަބުގައި 16 ސީޒަން ހޭދަކޮށްފަ އެވެ. އެ މުއްދަތުގައި އިނިއެސްޓާ ވަނީ ބާސެލޯނާ އަށް ކުޅެދިން 674 މެޗުގައި 57 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އިނިއެސްޓާ ވަނީ 29 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު، ކޮޕާ ޑެލް ރޭ، ސްޕެނިޝް ސުޕަ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކުރުން ހިމެނެ އެވެ.

ބާސެލޯނާގައި ގިނަ އަހަރުތަކެއް ހޭދަކުރުމަށްފަހު، 2018 ވަނަ އަހަރު އިނިއެސްޓާ ވަނީ އެ ކުލަބު ދޫކޮށްލަން ނިންމައިފަ އެވެ. އެއަށްފަހު ދެން އޭނާ ބަދަލުވީ ޖަޕާނުގެ ވިސޭލް ކޯބް އަށެވެ. 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އިނިއެސްޓާ ވަނީ އެ ކުލަބު ދޫކޮށްލައިފަ އެވެ. އެއީ އެ ކުލަބަށް 134 މެޗު ކުޅެދީ 26 ލަނޑު ޖެހުމަށްފަހު އެވެ. އެއަށްފަހު އެ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި އިނިއެސްޓާ ބަދަލުވީ ދުބާއީގެ އެމިރޭޓްސް ކުލަބަށެވެ. އެ ކުލަބުގައި އިނިއެސްޓާ ވަނީ 23 މެޗު ކުޅެ، ފަސް ލަނޑު ޖަހައިފަ އެވެ

އިނިއެސްޓާ ވަނީ 13 އަހަރު ވަންދެން ސްޕެނިޝް ޤައުމީ ޓީމަށް ވެސް ކުޅެފަ އެވެ. އޭނާ އަށް ސްޕެއިން ޤައުމީ ޓީމުން ޖާގަ ލިބުނީ 2006 ވަނަ އަހަރު އެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމިއިރު، އިނިއެސްޓާ ވަނީ ޤައުމީ ޓީމަށް 131 މެޗު ކުޅެދީ 13 ލަނޑު ޖަހައިފަ އެވެ. ޤައުމީ ޓީމާ އެކު އޭނާ ވަނީ 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ އިތުރުން، 2008 ވަނަ އަހަރު އަދި 2012 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިން އިން ހޯދީ އިނިއެސްޓާ ޖެހި ލަނޑުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް