ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށްޓަކައި ރައްޔިތުން ފޮނި ހުވަފެންތަކެއް ދެކުނެއެވެ. ސަބަބުތަކެއް ވެސް ނެތިއެއް ނޫނެއެވެ. ރައްޔިތުންގެ ދިރިއުޅުމާއި، ރައްޔިތުންގެ ކުރިއެރުމާއި، ފައިދާވާ ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް އިންތިޚާބުގެ ތެރޭގައި ވައުދުވެވަޑައިގެންނެވިއެވެ. ޚާއްސަކޮށް ގެދޮރުވެރިކަމާއި ގުޅޭގޮތުން އެމަނިކުފާނު ރައްޔިތުންނަށް ދެއްވީ ހުރިހާ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަން ދެއްވާނެ ކަމުގެ ފުރިހަމަ ޔަގީން ކަމެވެ. ނަމަވެސް އޭރުގެ އިދިކޮޅު ސިޔާސީ ބައެއް ލީޑަރުން ވިދާޅުވަމުން ގެންދެވީ ރައީސް މުއިއްޒަށް ވެރިކަން ލިބިއްޖެކަމަށްވާނަމަ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ދުކޮށްފައިވާ ގޯތިތަކާއި، ފްލެޓުތައް ދޫނުކޮށް ހިފަހައްޓާނެ ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު ވަނީ އެފަދަ ހުރިހާ ތުހުމަތުތަކެއް ދޮގު ކުރައްވާފައެވެ. ނަމަވެސް މިއަދާ ހަމައަށް އައިރު ގޯދިގެދޮރަށް ފްލެޓުތައް ދޫކޮށްދިނުމަށް އެދި ރައްޔިތުންތަކެއް އާދޭސް ކުރާތާ މި ސަރުކާރަށް ވީހާ ދުވަހެއް މިވަނީ ވެފައެވެ.
ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހުގެ ރޭ ރައްޔިތުންގެ ހައްގު ހޯދުމަށް އަންހެނުންނާއި، ފިރިހެނުން ހިމެނޭހެން ގޯއްޗާއި، ފްލެޓުތައް ދޫކޮށްދިނުމަށް އެދި މާލޭގައި ދަނީ މުޒާހަރާ ކުރަމުންނެވެ. ސިލްސިލާކޮށް ކުރިއަށް ގެންދިޔަ މުޒާހާރާތައް ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ރާޅުގަނޑު ސަރަހައްދުގައެވެ. މި މުޒާހަރާތަކުގެ ފޯރިގަވާން ފެށުމާއެކު، މުޒާހަރާތައް އިސްކޮށް ކުރިއަށް ގެންދިއުމުގައި ހަރަކާތްތެރިވާ ފަހި ޔޫނިއަންގެ އިސް އޮފިޝަލުންނާއި، ޖަމިއްޔާތަކުގެ އިސް އޮފިޝަލުންނާއި، 2 ސެޕްޓެންބަރު 2024 ގައި ރައީސް އޮފީހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ވެސް އެމަނިކުފާނު ވަނީ ގޯއްޗާއި، ފްލެޓު ދޭނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ. އެއާއެކު މުޒާހަރާތައް މެދުކެނޑިގެން ދިޔައެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން އަނެއްކާ ވެސް ރަސްފަންނު ސަރަހައްދުގައި ގޯއްޗާއި، ފްލެޓު ދޫކޮށްދިނުމަށް އެދި ރައްޔިތުންތަކެއް މިވަނީ ސިލްސިލާ މުޒާހަރާތަކެއް ފަށާފައެވެ. މި މުޒާހަރާގެ ބައިވެރިން ތުހުމަތު ކުރާ ގޮތުގައި ފަހި ޔޫނިއަންގެ އިސް އޮފިޝަލުންނާއި، ރައީސް މުއިއްޒު ބައްދަލުކުރެއްވީ މުޒާހަރާ ހުއްޓުވުމުގެ މަގުސަދުގައެވެ. އަދި އެމަގުސަދު ސަރުކާރަށް ހާސިލްވި ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފައިވެއެވެ. އެއީ މިހާރު ކުރިއަށް ގެންދާ މުޒާހަރާތައް ކުރިއަށް ނުގެންދިއުމަށް އެ ޔޫނިއަންގެ އިތުރުން އިސްކޮށް އުޅުނު ޖަމިއްޔާތަކުން ވެސް ބާރުއަޅާތީ ކަމަށް އެމީހުން ބުނެފައިވެއެވެ.
ނަމަވެސް މުޒާހަރާގެ ބައިވެރިން ބޭނުންވި އެއްވެސް ކަމެއް ހާސިލެއް ނުވިއެވެ. ފްލެޓްތައް ދޫލެއް ނުކުރެއެވެ. ގޯތި ދޫކޮށްފައިވާ ސަރަހައްދުތަކުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ހިސާބުގެ އެންމެފަހުގެ މައުލޫމާތެއް ހިއްސާކޮށްފައިނުވެއެވެ. މި މަޝްރޫއުތައް ކުރިއަށް ގެންދާ ކަމެއް ނުވަތަ ނުގެންދާ ކަމެއް ނޭނގެއެވެ. އޮކްޓޫބަރު މަސް ތެރޭގައި ފްލެޓުތައް ދޫކުރާ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވާ ގޮތުގައި ފްލެޓު ލިސްޓު އޮކްޓޯބަރު މަސްތެރޭގައި އާއްމުކުރާނެއެވެ. އެގޮތުން 32 ޓަވަރުގެ މަސައްކަތްތައް ކުރިއަށްދާއިރު، ފުރަތަމަ 6 ޓަވަރުގެ މަސައްކަތް ނިމޭނީ އޮކްޓޫބަރު މަސް ތެރޭގައި ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ސަރުކާރުން އެ ނިންމުމާ އެއްގޮތަށް އަމަލު ކުރަންދެން ބަލަ ބަލާ ތިބިކަމަށް ރައްޔިތުން ބުނަމުންދާއިރު، މިހާރު ގެދޮރުވެރިޔާ ޕޯޓަލް އިން ލިބިފައިހުރި ފްލެޓުގެ މައުލޫމާތުތައް ވަނީ ފޮހެލާފައެވެ. ''ޝަރުތު ހަމަވޭ'' މިބައިވެސް ފޯޓަލްއިން ނުފެނެއެވެ. މީގެ އިތުރުން ލިބުނު ޕޮއެންޓްތަކުގެ ތަފްސީލުތައް ފެންނަންނެތްއިރު، 4000 ފްލެޓުގެ އެގްރީމެންޓް ވެސް ފެންނާކަށްނެތެވެ. މިމައްސަލަ ޕޯޓަލްއިން ފާހަގަވުމާއެކު މުޒާހަރާގެ ބައިވެރިން ހައުސިން މިނިސްޓްރީއަށް ޝަކުވާ ހުށަހެޅި ނަމަވެސް އެމިނިސްޓްރީން މިހާތަނަށް ޖަވާބެއް ދީފައިނުވެއެވެ.
ގިނަ ރައްޔިތުންތަކެއް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ތިބިއިރު، ގެދޮރުވެރިޔާގެ ޕޯޓަލް ޑައުންވީ ތޯ ނުވަތަ މައުލޫމާތުގެ އަޕްޑޭޓެއް ގެންނަނީތޯ އަދި ޕޯޓަލްއިން އެއްވެސް މައުލޫމާތެއް ނުފެންނަ ސަބަބާއި ގުޅޭގޮތުން ސުވާލު ކުރި ނަމަވެސް ހައުސިން މިނިސްޓްރީގެ ޖަވާބެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
އެހެންކަމުން މިއީ ސަރުކާރުން ގޯއްޗާއި، ފްލެޓުތައް ފޭރިގަތުމަށް ކުރާކަމެއް ކަމަށް ބައެއް މީހުން ތުހުމަތު ކޮށްފައިވެއެވެ. އަދި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބެއް އޮކްޓޯބަރު މަހަށް ތާވަލު ކުރެވިފައި ވުމާއެކު، އެ އިންތިޚާބަށްފަހު ވެސް ފްލެޓު ލިސްޓާއި، ގެއްލުނު މައުލޫމާތު އަލުން އަނބުރައި ޕޯޓަލްއިން ފެންނާނެ ކަމަށް ވެސް ބައެއް މީހުން ބުނެއެވެ. މިސަރުކާރުން ބޮޑެތި ހަދިޔާތައް މަޖިލިސް މެންބަރުންނަށް ވެސް ދޭ ކަމަށް ތުހުމަތު ކުރެވޭއިރު، މިފަހަރު ދޫކުރެވޭ ފްލެޓުތަކަކީ ބައެއް މީހުންނަށް ދޫކުރެވޭނެ ހަދިޔާއަކަށް ވުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމެއް ކަމަށް ތުހުމަތުކޮށްފައިވެއެވެ.