ކ. މާލެ
|
7 އޮކްޓޯބަރ 2024 | ހޯމަ 00:03
ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވާހަކަދައްކަވަނީ
ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
20 މަޖިލީހުގެ މަސައްކަތްތައް
މަޖިލީހުގެ ފުރަތަމަ ދައުރު ނިމިގެންދިޔައިރު ރައްޔިތުންނަށް ފައިދާވާ އެއްވެސް ގާނޫނެއްގެ މަސައްކަތެއް ކޮށްފައިނުވޭ: މެންބަރު އަހުމަދު ދީދީ
ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތްތައް 19 ވަނަ މަޖިލީހުން ވަނީ ކޮށްފައި
މި ސަރުކާރުން މަސައްކަތް ކުރަނީ މުޅި ގައުމުގެ ބާރުވެރިކަން މިސަރުކާރުގެ މުށުތެރެއަށް ގެނައުމަށް
މަޖިލީހުން ފެނިގެންދަނީ ރައީސް މުއިއްޒުގެ އޮޅުވާލުމާއި މަކަރުވެރިކަމުގެ މަންޒަރު

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ނިމިގެންދިޔައިރު ރައްޔިތުންނަށް ފައިދާވާ އެއްވެސް ގާނޫނެއްގެ މަސައްކަތް ކޮށްފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ އެމްޑީޕީގެ ސުޕަ މެޖޯރިޓީގެ މަޖިލީހެއް ކަމަށާއި، ސަރުކާރު ހިންގަމުންދިޔައީ ވެސް އެމްޑީޕީން ކަމަށެވެ. ނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތްތައް 19 ވަނަ މަޖިލީހުން ކޮށްފައިވާ ކަމަށާއި، އެކަން ޔައުމިއްޔާތަކުން ސާބިތުވާނެ ކަމަށެވެ.

20 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ސަރުކާރުގައިކަން ފާހަގަކުރައްވައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ މި މަޖިލީހުން ފެނިގެންދަނީ ތަފާތު މަންޒަރެއް ކަމަށެވެ. އެއް ދައުރު ނިމިގެންދިޔައިރު ރައްޔިތުންނަށް ފައިދާވާ އެއްވެސް ގާނޫނެއްގެ މަސައްކަތް ކޮށްފައިނުވާ ކަމަށާއި، ރައްޔިތުންނަށް ފައިދާވާ ގޮތަށް ގާނޫނަކަށް އިސްލާހެއް ގެނައުމުގެ މަސައްކަތް ވެސް ކޮށްފައިނުވާ ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު އަހުމަދު ދީދީ ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރަނީ މުޅި ގައުމުގެ ބާރުވެރިކަން މިސަރުކާރުގެ މުށުތެރެއަށް ގެނައުމަށް ކަމަށާއި، އެ މަސައްކަތް ކުރުމަށް މަޖިލީހުން އެއްބާރުލުންދޭ ކަމަށެވެ.

އަޅުގަނޑުމެންނަށް މީގެކުރީގައި ފެނިފައި ހުރީ ސަރުކާރުތަކަށް ބަލާއިރު، މަޖިލިސްތަކަށް ބަލާއިރު ވެސް މިދިޔަ 19 ވަނަ މަޖިލީހުގައި އެމްޑީޕިއަށް ސުޕަ މެޖޯރިޓީ އޮތީ. އެހެންނަމަވެސް ސަރުކާރަށް އަންނަ ބަދަލުތަކާއި އެ ގެންނަ ޚާއްސަ ކަންތައްތަކާއި އަބަދުވެސް އެޑްރެސްކޮށް ސަރުކާރު ޖަަވާބުދާރީ ކުރުވުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް އަބަދުވެސް އޭރު މަޖިލީހުން ކުރަމުން ގެންދިޔަ. އެކަން ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. ޔައުމިއްޔާތަކަށް ބަލާއިރު ވެސް ހަމަ މިހާރު ވެސް ފާހަގަކުރެވޭނެ. އެހެންނަމަވެސް މިސަރުކާރުއައި ފަހުން މިސަރުކާރަށް މެޖޯރިޓީ މަޖިލީހުގައި ލިބުނުފަހުން އަޅުގަނޑުމެންނަށް ފެންނަމުން މިގެންދަނީ ވަރަށް ތަފާތު މަންޒަރެއް ހަމަ. ވަރަށް ބޮޑަށް ބާރުވެރިކަން ސަރުކާރުގެ މުށުތެރެއަށް ލާ ގޮތަށް މަޖިލިސް ވެސް އެއްބާރުލުން ދީގެން އެގޮތަށް މަސައްކަތް ކުރަމުން ގެންދާތަން އަޅުގަނޑުމެންނަށް މިފެންނަނީ. ހަގީގަތަކީ އެއްދައުރު ނިމިގެން ދިޔައިރު އަދި ދިވެހިރައްޔިތަކަށް ފައިދާވާ އެއްވެސް ގާނޫނަކަށް އިސްލާހެއް ގެނައިތަނެއް ނުފެނޭ. ވަރަށް ބޮޑަށް މިފެންނަނީ ބާރުވެރިކަން މުށުތެރެއަށް ގެންނަން އެމަގަމަށް މަސައްކަތް ބައެއް ގާނޫނުތަކަށް މަސައްކަތް ކުރިތަން.
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

މެންބަރު އަހުމަދު ދީދީ ވިދާޅުވީ ސަރުކާރަށް ތާއީދުކުރާ މެންބަރުން މިސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށް ވިދާޅުވި ނަމަވެސް އަދިވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ދޮގުހަދައި އޮޅުވާލުމަށް ކަމަށެވެ. އަދި ވިދާޅުވީ އެ މެންބަރުން މަޖިލީހަށް އިންތިޚާބު ވީ ވެސް ރައްޔިތުންނަށް އެދޮގުތައް ހަދައިގެން ކަމަށެވެ.

20 ވަނަ މަޖިލީހުން ފެނިގެންދަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު އޮޅުވާލުމާއި މަކަރުވެރިކަމުގެ މަންޒަރު ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް