ކ. މާލެ
|
7 އޮކްޓޯބަރ 2024 | ހޯމަ 09:16
ބަޔާނަށް ކުޅެމުން އަންނަ ޖަމާލް މުސިއާލާ
ބަޔާނަށް ކުޅެމުން އަންނަ ޖަމާލް މުސިއާލާ
ރޮއިޓާސް
ބަޔާން މިއުނިކް
މުސިއާލާގެ އެއްބަސްވުން އައު ކުރެވޭނެ ކަމުގެ އުންމީދު ބޮޑު
އެކަމާ ގުޅުން ހުރި ވާހަކަތަކާއި، މަޝްވަރާތައް އަދިވެސް ދަނީ ކުރެވެމުންކަން ފާހަގަ ކުރައްވައި އެބާލް ވިދާޅުވީ، އެކަމުގެ ތެރެއިން ކޮންމެ ވެސް ކަމެއް ހިނގާ ކަމަށެވެ.

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަމާލް މުސިއާލާގެ އެއްބަސްވުން އައު ކުރެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް، ބަޔާންގެ ޑައިރެކްޓަރު މެކެސް އެބާލް ވިދާޅުވެއްޖެ އެވެ.

އުމުރުން 21 އަހަރުގެ ޒުވާން ކުޅުންތެރިޔާ އޭނާގެ ސީނިއާ ކެރިއަރު ފެށީ ވެސް ބަޔާނުންނެވެ. ބަޔާނާއެކު މުސިއާލާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އޭނާގެ އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮތް ނަމަވެސް، ބަޔާނުން ބޭނުން ވަނީ އޭނާގެ އެއްބަސްވުން އައު ކުރުމަށެވެ. ބަޔާނުން ބޭނުން ވަނީ ދިގު މުައްދަތަކަށް މުސިއާލާގެ އެއްބަސްވުން އައުކޮށް، އެ ކުލަބުގައި އޭނާ ބަހައްޓާށެވެ. އެކަމާ ގުޅުން ހުރި މަޝްވަރާތައް ދުވަސް ކޮޅެއް ކުރިން ބަޔާނުން ވަނީ ފަށައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެބާލް ވިދާޅުވީ، މުސިއާލާ އަށް ބަޔާނުން ހުށަހަޅައި އައު އެއްބަސްވުން އޭނާ ޤަބޫލުކޮށް، އޭނާގެ އެއްބަސްވުން އައު ކުރެވޭނެ ކަމުގެ އުންމީދު އޭނާ އަށް ވަރަށް ބޮޑު ކަމަށެވެ. އެކަމާ ގުޅުން ހުރި ވާހަކަތަކާއި، މަޝްވަރާތައް އަދިވެސް ދަނީ ކުރެވެމުންކަން ފާހަގަ ކުރައްވައި އެބާލް ވިދާޅުވީ، އެކަމުގެ ތެރެއިން ކޮންމެ ވެސް ކަމެއް ހިނގާ ކަމަށެވެ. އަދި މިހާރު މުސިއާލާ އަށް ވެސް އެކަން އިނގޭނެ ކަމުގައި ވެސް އެބާލް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އެބާލް ވަނީ މީގެ ކުރިން ވެސް އޭނާ ވިދާޅުވެފައިވާ ވާހަކަ ތަކުރާރު ކޮށްފަ އެވެ. އެގޮތުން ބަޔާންގެ އެންމެ މައި މީހަކަށް މުސިއާލާ ވާން ޖެހޭނެ ކަމަށާއި، އެކަމާ އެއްވެސް ދެބަސްވުމެއް ނެތް ކަމަށް ވެސް އެބާލް ވިދާޅުވި އެވެ. އަދި އެއްބަސްވުން އައު ނުކޮށް، މުސިއާލާ ކުލަބު ދޫކޮށްލަން ޖެހޭ އެއްވެސް ސަބަބެއް އޭނާ އަށް ނުފެންނަ ކަމަށް ވެސް އެބާލް ވިދާޅުވެފައިވެ އެވެ.

މުސިއާލާ އަންނަނީ ބަޔާންގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ މިހާތަނަށް ބަޔާނަށް ކުޅެދިން 171 މެޗުގައި 46 ލަނޑު ޖަހައިފަ އެވެ. ބަޔާނާއެކު އޭނާ ވަނީ ނުވަ ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ޖަރުމަނު ލީގު ހަތަރު ފަހަރު، ޖަރުމަނު ސުޕަ ކަަޕް ތިން ފަހަރު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކުރުން ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް