ކ. މާލެ
|
5 އޮކްޓޯބަރ 2024 | ހޮނިހިރު 06:43
ދެކުނު ލުބުނާނަށް އޮކްޓޯބަރުު 4، 2024 ގައި އިޒްރޭލުން ބޮން އަޅާ ދިން ގެއްލުމުގެ މަންޒަރެއް
ދެކުނު ލުބުނާނަށް އޮކްޓޯބަރުު 4، 2024 ގައި އިޒްރޭލުން ބޮން އަޅާ ދިން ގެއްލުމުގެ މަންޒަރެއް
ރޮއިޓާސް
ލުބުނާން-އިޒްރޭލު ހަނގުރާމަ
ލުބުނާނަށް ބޮންއެޅުން ހުއްޓުމެއް ނެތް، މަރުވި މީހުންގެ އަދަދު 2000ން މައްޗަށް
އުދެއިސާ ސަރަޙައްދަށް ވަނުމަށް މަސައްކަތްކުރި އިޒްރޭލް ސިފައިންނަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދެވުނު ކަމަށް ހިޒްބުﷲ އިން ބުނެފައިވޭ

ބެއިރޫތުގެ ދެކުނު ސަރަޙައްދުތަކަށް އިޒްރޭލުން ހުކުރު ދުވަހުގެ ރޭގެ ވަގުތުތަކުގައިވެސް ގެންދިޔައީ ހަމަލާދެމުންނެވެ. ލުބުނާނުގެ ސިއްހީ ވުޒާރާއިން ބުނާ ގޮތުގައި އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 2،000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. މީގެ ތެރޭގައި 127 ކުޑަކުދިންނާއި 261 އަންހެނުން ހިމެނެއެވެ.

ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ބެއިރޫތުގެ ދެކުނު ސަރަޙައްދުން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވި، ބޯ ދުން އަރަމުން ދިޔަ ކަމަށް ރޮއިޓަރސް އިން ބުނެފައިވެއެވެ. ގޮވުންތައް ހިނގީ އިޒްރޭލުގެ ސިފައިން އެ ސަރަޙައްދުގެ ރައްޔިތުންނަށް ވަގުތުން އެ ސަރަޙައްދު ދޫކޮށް ދިއުމަށް ދެ ފަހަރެއްގެ މަތިން އިންޒާރު ދިންތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކަމަށް ރޮއިޓަރސް އިން ބުނެފައިވެއެވެ.

އުދެއިސާ ސަރަޙައްދަށް ވަނުމަށް މަސައްކަތްކުރި އިޒްރޭލް ސިފައިންނަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދެވުނު ކަމަށް ހިޒްބުﷲ އިން ބުނެފައިވެއެވެ.

ހިޒްބުﷲ ޖަމާއަތުން ބުނާ ގޮތުގައި، ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ދެކުނު ލުބުނާންގެ އުދެއިސާ އަވަށުގެ ތެރެއިން ކުރިއަރަން މަސައްކަތް ކުރި އިޒްރޭލު ސިފައިންނާ އެމީހުންގެ ހަނގުރާމަވެރިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ވަނީ ހިނގާފައެވެ.

ހިޒްބުﷲ އިން ބުނާ ގޮތުގައި އިޒްރޭލު ސިފައިންގެ ލަޝްކަރަށް ބާރުގަދަ ގޮވާތަކެތިން ވަނީ ހަމަލާދީފައެވެ. އޭގެ ސަބަބުން ސަބަބުން އިޒްރޭލުގެ ލަޝްކަރު ފަހަތަށް ޖެހި، އިޒްރޭލު ސިފައިންނަށް ގެއްލުމާއި އަނިޔާ ލިބުނެވެ.

މިހާދިސާ އަށް ހިނގިފަހުން އިޒްރޭލު ސިފައިން މިހާރު އަނެއްކާވެސް ކުރިއަށް ދިއުމަށް މަސައްކަތްކުރަމުންދާ ކަމަށާއި ހަނގުރާމަ ކުރިއަށްދާ ކަމަށް އިޒްރޭލުން ބުނެފައިވެއެވެ.

ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އިޒްރޭލުން ދޭ ހަމަލާތައް ކުރިއަށްދާއިރު، ހުކުރު ދުވަހު އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ހުޅަނގު އައްސޭރީގެ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި މަދުވެގެން 18 މީހުން މަރުވި ހާދިސާގައި ޓުލްކަރަމްގެ ހަމާސްގެ ކޮމާންޑަރު މަރުވި މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ހަމާސްއިން ބުނެފިއެވެ.

އަނެއްކޮޅުން ޔަމަނުގެ ހޫތީން ކޮންޓްރޯލްކުރާ ސަރަޙައްދުތަކުގެ 15 ތަނަކަށް އެމެރިކާއިން ވައިގެ ހަމަލާ ދިން ކަމަށް އެ ޤައުމުން ބުނެފިއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ބެއިރޫތަށް ކުރެއްވި ޒިޔާރަތުގައި އިޒްރޭލަށް ވަނީ ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. އައްބާސް އަރަޤްޗީ އިޒްރޭލަށް އިންޒާރު ދެއްވަމުން ވިދާޅުވީ އީރާނަށް ހަމަލާއެއް ދީފިނަމަ، ތެހެރާންގެ "ބަދަލުހިފުން ކުރީގެ ފަހަރަށްވުރެ ވަރުގަދަވާނެ" ކަމަށެވެ.

ޣައްޒާގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުގެ ހަމަލާތަކުގައި މަދުވެގެން 41،802 މީހުން މަރުވެ، 96،844 މީހުންނަށް އަނިޔާވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް