މާލީ ބޮޑު މައްސަލަ ގަނޑެއްގެ ތެރޭގައި ދަރަނިވެރިވެފައި އޮތް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މައްޗަށް އަނެއްކާ ވެސް ބޮޑު ޙުކުމެއް ކޮށްފި އެވެ.
ދިވެހިރާއްޖޭގެ ސިވިލް ކޯޓުގައި ކުރިއަށް ދިޔަ އެ މައްސަލަ އަކީ އެއްބަސްވުމާ ޚިފާލުވެގެން ހުށަހަޅާފައިވާ މައްސަލައެކެވެ. އެފްއޭއެމާ ދެކޮޅަށް ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅީ ޓީކުއިން ކޮންސްޓްރަކްޝަން ކޯ ލިމިޓެޑު ނަމަކަށް ކިޔާ، ދެކުނު އެފްރިކާގެ ކުންފުންޏަކުންނެވެ. އެއީ 2021 ވަނަ އަހަރުގެ ތެރޭގައި އެފްއޭއެމާއި، އެ ކުންފުންޏާ ދެމެދު ވެވުނު އެއްބަސްވުމެކެވެ.
އެ މައްސަލައިގައި އެ ކުންފުނިން އެދިފައި ވަނީ ވިލިމާލެ އަދި ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ދަނޑުތަކާއި، އެ ދަނޑުތަކާ ގުޅޭ އެހެނިހެން މަސައްކަތް ކޮށްފައިވާއިރު، އެއްބަސްވުމާ އެއްގޮތަށް އެފްއޭއެމުން ފައިސާ ދައްކާފައި ނުވާތީ އެ ފައިސާ ހޯދައި ދިނުމާއި، އެކަމުގެ ބަދަލު ނަގައި ދިނުމަށެވެ. މައްސަލަ ބެއްލެވުމަށްފަހު ޤާޟީ ޢަލީ ޢަބްދުﷲ ކުރެއްވި ޙުކުމުގައި ވަނީ ތިން މިލިއަން ތިން ލައްކަ އަށްޑިހަ ދެ ހާސް ޑޮލަރު ދެއްކުމަށް އެފްއޭއެމްގެ މައްޗަށް ޙުކުމް ކޮށްފަ އެވެ. ދިވެހި ފައިސާ އިން ބަލާއިރު އެއީ ފަންސާސް ދެ މިލިއަން އެއް ލައްކަ ފަންސާސް ހާސް ހަތަރު ސަތޭކަ ސާޅީސް ރުފިޔާ އެވެ.
އެފްއޭއެމަށް ބައިނަލްއަޤުވާމީ އެކި އެކި އިދާރާތަކުން ލިބެމުން އައި ފައިސާ އަށް އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި އިސްވެރިން ޚިޔާނާތްތެރިވެފައިވާ ކަމުގެ ތުޙުމަތު ކުރެވޭއިރު، ބައްސާމާ ދެކޮޅަށް ދައުވާ ވެސް ވަނީ އުފުލައިފަ އެވެ. އަދި ދާދި ފަހުން ވަނީ އެކަމާ ގުޅުން ހުރި މައްސަލައެއްގައި ބައްސާމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވައިފަ އެވެ.
އެކި އެކި ކުންފުނިތަކާއެކު ހަދާފައިވާ އެއްބަސްވުމާ ޚިލާފުވެގެން، އަދި އެކި އެކި ތަންތަނުން ޚިދުމަތް ހޯދުމަށް ފަހު އެ ޚިދުމަތަށް ފައިސާ ނުދައްކާތީ މީގެ ކުރިން ވެސް އެކި ފަހަރު މަތިން އެފްއޭއެމްގެ މައްޗަށް ވަނީ ޙުކުމްތައް އައިސްފަ އެވެ. އޭގެ ތެރެއިން ޝަރީއަތަށް ހުށަހަޅާފައިވާ ބައެއް މައްސަލަތަކުގައި އެފްއޭއެމްގެ ފަރާތުން ޖަވާބުދާރީ ވާނެ ފަރާތެއް ވެސް ޙާޟިރު ނުވެ ވަނީ ގޮސްފަ އެވެ. ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ޙުކުމް ކޮށްފައި ވަނީ ވެސް އެފްއޭއެމްގެ ޣައިރު ޙާޟިރުގަ އެވެ.