ކ. މާލެ
|
4 އޮކްޓޯބަރ 2024 | ހުކުރު 08:41
ރައީސް މުއިއްޒު ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާ ސަލާމް ކުރައްވަނީ
ރައީސް މުއިއްޒު ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާ ސަލާމް ކުރައްވަނީ
ރައީސް އޮފީސް
ސަރުކާރުގެ ކަރަޕްޝަން
އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން
ޔާމީން ވިދާޅުވީ، ވަރަށް މުރާލި ކަމާއެކީ ސަރުކާރުގެ ވެރިން ގެންދަނީ ތަނަވަސްކަން ހޯދަމުން ކަމުގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ދަރިކަލުން އަދި ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް މާލެއިން ބިމެއް ބައްލަވައިގެންފި ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ޔާމީން މިކަން ހާމަކުރެއްވީ، އެމަނިކުފާނުގެ ޕާޓީ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޖަލްސާ އެއްގައި ބުރާސްފަތި ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ޔާމީންގެ ވާހަކަފުޅުގައި ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިސްވެރިންގެ ތެރޭގައި އަށަގަނެފައިވާ ކަރަޕްޝަންގެ މައްސަލަތައް ފާހަގަ ކުރައްވާ އެކަމަށް ވަރަށް ބޮޑަށް ވަނީ ފާޑު ވިދާޅުވެފައެވެ.

ޔާމީން ވިދާޅުވީ، ވަރަށް މުރާލި ކަމާއެކީ ސަރުކާރުގެ ވެރިން ގެންދަނީ ތަނަވަސްކަން ހޯދަމުން ކަމުގައެވެ.

"މިމީހުން ހާދަ މުރާއްޔޭ، ކަރަޕްޝަންގަ ބިން ހޯދުމާއި، ބިން ކަނޑާފައި އަނބިންނަށް ދަންދެން ބިން ނެގުމާއި، ފައިސާ ނެގުމާއި، މި ހުރިހާ އެންމެން ވަރަށް ތަނަވަސް،" ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީންގެ ވާހަކަފުޅުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދުގެ އަނބިކަނބަލުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ފަދަ ބޭފުޅުންގެ ކަރަޕްޝަންގެ ވާހަކަ ދެކެވޭއިރު ކަރަޕްޝަންގެ ކަންތައް ހުއްޓުވާނެ ކަމަށް ވިދާޅުވި ރައީސަކު ވެރިކަމުގައި ހުންނެވި އިރު އެ މަނިކުފާނަށް އެ އަޑުތައް އިވިވަޑައިނުގަންނަވަނީތޯ ވަނީ ސުވާލު ކުރައްވާފައެވެ.

ގައުމުގެ އިގްތިސާދީ ހާލަތު ވަރަށް ދަށުގައި އޮތް ދުވަސްވަރަކަށް ވީނަމަވެސް، ސަރުކާރުގެ ބައެއް އިސްވެރިން ހުޅުމާލޭންނާއި މާލެއިން ބިންބިމާއި ފްލެޓް ބައްލަވައިގަތުމުގެ ވާހަކަ މިދުވަސްވަރު ވަރަށް ބޮޑަށް އާންމުވެފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

މިފަދަ ބޮޑެތި ކަރަޕްޝަންގެ މައްސަލަތައް ފެންމަތިވެފައިވީނަމަވެސް ސަރުކާރުންވެސް އަދި ކަމާބެހޭ މުއައްސަސާއަކުންވެސް އެކަމާ ބެހޭ ގޮތުން މާބޮޑު ފަރުވާލެއް ނުބަހައްޓާކަން އާންމުން އަންނަނީ ފާހަގަ ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް