ކ. މާލެ
|
4 އޮކްޓޯބަރ 2024 | ހުކުރު 07:37
އިޒްރޭލުން ދެކުނު ލުބުނާނަށް ހުކުރުވިލޭރޭ އެޅި ބޮމުގެ ސަބަބުން ބޯދުމާއި ބޮޑު އަލިފާންގަނޑެއް ފެތުރިފައި
އިޒްރޭލުން ދެކުނު ލުބުނާނަށް ހުކުރުވިލޭރޭ އެޅި ބޮމުގެ ސަބަބުން ބޯދުމާއި ބޮޑު އަލިފާންގަނޑެއް ފެތުރިފައި
ރޮއިޓާސް
ލުބުނާން-އިޒްރޭލު ހަނގުރާމަ
އިޒްރޭލުން ލުބުނާނަށް ދެމުންދާ މަރުގެ ހަމަލާތަކަށް އެމެރިކާ އިން ފުރިހަމަ އަށް ތާއީދު ކުރޭ
ޣައްޒާ އަށާއި ލުބުނާނަށް އެއްވެސް ބެލުމެއްނެތި ބޮންއަޅާ އެތައް ހާސް ބަޔަކު މަރަމުންދާއިރު، ހަނގުރާމައިގެ ކަންބޮޑުވުމުން ފާޅު ކުރަމުން، އެމެރިކާއިން ގެންދަނީ އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދީ އަސްކަރީގޮތުންނާއި މާލީ ގޮތުން އެހީތެރިކަން ދެމުން

އިޒްރޭލުން ލުބުނާނަށް އަރާ ހިޒްބުﷲ އާ ދެކޮޅަށް އެއްގަމާއި ވައިގެ މަގުން ދެމުންދާ އަނިޔާވެރި ހަމަލާތައް ކުރިއަށް ގެންދިއުމަކީ ކުރުން އެންމެ ރަނގަޅު ކަމެއް ކަމަށް އެމެރިކާ ސަރުކާރުގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު މެތިއު މިލަރ ބުރާސްފަތި ދުވަހު ބުނެފިއެވެ.

މިލަރ އިތުރަށް ބުނި ގޮތުގައި ލުބުނާނުގައި ހިންގާ އޮޕަރޭޝަން އިޒްރޭލުގެ މިހާރުގެ މަޤްޞަދުތަކުގެ ބޭރަށް ފުޅާވެގެން ދިއުމުގެ ނުރައްކާވެސް އޮތްކަން ފާހަގަ ކުރާކަމަށެވެ.

ދެ ހަފްތާގެ މުއްދަތަކަށް ލުބުނާނަށް ގަދަފަދަ ވައިގެ ހަމަލާތަކެއް ދިނުމަށްފަހު އިޒްރޭލުން އަންގާރަ ދުވަހު ވަނީ ދެކުނު ލުބުނާނަށް ސިފައިން ފޮނުވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން މިލަރ ބުނިގޮތުގައި ކޮންމެ ހަނގުރާމައެއްގެ ޒާތަކީވެސް "ބަދަލުވަމުންދާ" އަދި "ވާނެގޮތް ބުނަންނޭގޭ" އެއްޗެއް ކަމަށެވެ. އެހެންކަމުން ދެކުނު ލުބުނާނުގައި ހިޒްބުﷲ ގެ އިންފްރާސްޓްރަކްޗަރ ނައްތާލުމަށް އިޒްރޭލުން ކަނޑައަޅާފައިވާ މަޤްޞަދު ހާސިލުކުރުމަށް ކިހާ މުއްދަތެއް ނަގާނެކަން ބުނަން ނޭނގޭނެ ކަމަށް މިލަރ ބުނެފައިވެއެވެ.

ލުބުނާނަށް އެއްގަމާއި ވައިގެ މަގުން ދެމުންދާ ގަދަފަދަ ހަމަލާތަކުގެ މަގްސަދަކީ، ހިޒްބުﷲ ބަލިކަށިކޮށް، އިޒްރޭލުން ފަލަސްތީނުގެ ބިމުން ހިފައިފައިވާ އިޒްރޭލުގެ އުތުރުގެ ސަރަހައްދުގައި ޔަހޫދީން ދާއިމީގޮތެއްގައި ވަޒަންވެރިކޮށް ބޭތިއްބޭނެ މަގު ތަނަވަސްކުރުން ކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ. މިހާރު އެ ސަރަހައްދަށް އޮތް ނުރައްކަލަކީ ހިޒްބުﷲގެ ރޮކެޓް ހަމަލާތައް ކެނޑިނޭޅި އިޒްރޭލުގެ އުތުރު ސަރަހައްދަށް ދެމުން ގެންދިއުމެވެ.

"އެމެރިކާއިން އެދެނީ އެންމެ ފަހުން ހަނގުރާމަ ހުއްޓުމަކަށް އައިސް ޑިޕްލޮމެޓިކް ހައްލެއް ލިބުން. އެހެންނަމަވެސް މިވަގުތު އިޒްރޭލުން ޓެރަރިސްޓުންނަށް އިންސާފު ޤާއިމުކުރުމަކީ ކުރަން އެންމެ ރަނގަޅު ކަމެއް ކަމަށް ދެކެން،" އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ބުންޏެވެ.

ލުބުނާނުގެ ރަސްމީ ރިޕޯޓުތައް ބުނާގޮތުން އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން 1.2 މިލިއަނަށްވުރެ ގިނަ ލުބުނާނުގެ ރައްޔިތުން ވަނީ ރެފިއުޖީންނަށް ވެފައެވެ. އޭގެ އިތުރުން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އިޒްރޭލުން ލުބުނާނަށް ދިން ހަމަލާތަކުގައި 2،000 އާ ގާތްކުރާ އަދަދަކަށް ލުބުނާނު މީހުން މަރުވެފައިވެއެވެ.

ޣައްޒާ އަށާއި ލުބުނާނަށް އެއްވެސް ބެލުމެއްނެތި ބޮންއަޅާ އެތައް ހާސް ބަޔަކު މަރަމުންދާއިރު، ހަނގުރާމައިގެ ކަންބޮޑުވުމުން ފާޅު ކުރަމުން، އެމެރިކާއިން ގެންދަނީ އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދީ އަސްކަރީގޮތުންނާއި މާލީ ގޮތުން އެހީތެރިކަން ދެމުންނެވެ.

"ކުރިއަށް އޮތްތަނުގައި ވާނެގޮތެއް ބުނާކަށް ނޭނގެ. އަދި މިވަގުތު އިޒްރޭލަކަށްވެސް ވާނެ ގޮތް އެނގޭނެހެން ހިއެއްނުވޭ،" މިލަރ ބުންޏެވެ. "އެމީހުންގެ ޕްލޭނެއް ނެތޭ ނޫން މިބުނަނީ. އަދި އެމީހުންގެ މަޤްޞަދެއް ނެތޭވެސް ނޫން" މިލަރ ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް