ކ. މާލެ
|
3 އޮކްޓޯބަރ 2024 | ބުރާސްފަތި 21:07
ޗާގޯސް އައިލެންޑްސް
ޗާގޯސް އައިލެންޑްސް
ޝަޓާ ސްޓޮކް
ޗާގޯސް
ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސް އަށް ދޭން އިނގިރޭސިވިލާތުން ނިންމައިފި
މި އެއްބަސްވުމުގައި އެމެރިކާގެ އަސްކަރީބޭސް ހަދާފައިވާ ޑިއެގޯ ގާސިޔާ ވެސް މޮރިޝަސް އަށް ދިނުމަށް ވަނީ ނިންމާފައިވާއިރު، މިއެއްބަސްވުމަށް ބައެއް ޗާގޯސިއަނުން ވަނީ ނުރުހުން ފާޅުކޮށްފައި

ދިވެހިރާއްޖޭގެ ދެކުނުން އޮންނަ، މިލްކުވެރިކަމުގެ މައްސަލަ އުފެދިފައިވާ، ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތު މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމައިފިއެވެ.

މޮރިޝަސް އާއި އިނގިރޭސިވިލާތުން ގުޅިގެން މިކަން އިއުލާނު ކުރީ ބުރާސްފަތި ދުވަހުއެވެ.

1814 ވަނަ އަހަރުން ފެށިގެން ޗާގޯސްގެ ރަށްތައް ކޮންޓްރޯލް ކުރަމުން އަންނަ އިނގިރޭސިވިލާތުން، 1965 ވަނަ އަހަރު އެތަން މޮރިޝަސް އިން ވަނީ ވަކިކޮށްފައެވެ.

އެއާއެކު އެއީ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީގެ ގޮތުގައި އޮތީ ހަމަޖައްސާފައެވެ.

1970 ގެ އަހަރު ތަކުގެ ތެރޭގައި އެތަނުގެ ވަޒަންވެރިންގެ ތެރޭގައި ތިބި 1500 މީހުން މޮރިޝަސް އަށާއި ސީޝެލްސް އަށް ފޮނުވާލިއެވެ. އެއާއެކު އެތަނުގައި އޮތް އެންމެ ބޮޑު އަތޮޅު ކަމުގައިވާ ޑިއެގޯ ގާސިޔާ 1966 ވަނަ އަހަރު އަސްކަރީ ބޭސް އެއް ހެދުމަށް އެމެރިކާއަށް އިނގިރޭސިވިލާތުން ވަނީ ކުއްޔަށް ދީފައެވެ.

އޭގެ ބަދަލުގައި އެމެރިކާއިން އިނގިރޭސިވިލާތަށް ވިއްކާ ޕޯލާރިސް މިސައިލުން 14 މިލިއަން ޑޮލަރުގެ ޑިސްކައުންޓެއް ދޭން އެއްބަސްވިއެވެ.

އިންޑިއާ ކަނޑުގެ މި ޖަޒީރާތަކުގެ މިލްކުވެރިކަން މޮރިޝަސްއަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި ހިމެނޭ ތަންތަނުގެ ތެރޭގައި ޑިއޭގޯ ގާސިއާ އަތޮޅުވެސް ހިމެނެއެވެ. މިތަނަކީ އިނގިރޭސިވިލާތާއި އާއި އެމެރިކާއިން ބޭނުންކުރާ މުހިންމު އަސްކަރީ މަރުކަޒެއް ހުރި ތަނެކެވެ.

މި މަރުކަޒަކީ ސަރަޙައްދުގެ ހަމަޖެހުމާއި ބައިނަލްއަޤްވާމީ ސަލާމަތަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ މަރުކަޒެއް ކަމަށް އިނގިރޭސިވިލާތުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

އެހެން ނަމަވެސް މިލްކުވެރިކަން ބަދަލުކުރާ އެއްބަސްވުމުގެ ދަށުން، މި މަރުކަޒު މަދުވެގެން ކުރިއަށް އޮތް 99 އަހަރަށް އިނގިރޭސިވިލާތާއި އެމެރިކާގެ ބާރުގެ ދަށުގައި އޮންނާނެ ކަމަށް މޮރިޝަސް އާއި އިނގިރޭސިވިލާތުން ނެރެފައިވާ ގުޅިފައިވާ ބަޔާނުގައި ވެއެވެ.

އިނގިރޭސި ސަރުކާރުން ބުނެފައިވަނީ ސިޔާދަތީ ބާރު ހަވާލު ކުރުމުގެ އެއްބަސްވުމުގެ ސަބަބުން "ކުރީގެ ގޯސްތައް އިޞްލާޙުކޮށް، ޗަގޯސިއަނުންގެ (އެ ޖަޒީރާތަކުގެ އަޞްލު ރައްޔިތުން) ދުޅަހެޔޮކަމަށާއި ކުރިއެރުމަށް އެހީތެރިވުމަށް މަގުފަހިވެެގެންދާނެ" ކަމަށެވެ.

ގިނަ އަދަދެއްގެ ކޮންޒަވޭޓިވް މެންބަރުން މި ނިންމުމަށް ވަނީ ފާޑުކިޔާފައެވެ. އެފަރާތްތަކުން ސިފަކޮށްފައިވަނީ މިއީ "ބަލިކަށި" ނިންމުމެއްގެ ގޮތުގައެވެ. ކުރީގެ ސެކިއުރިޓީސް މިނިސްޓަރު ޓޮމް ޓަގެންޑަޓް ވިދާޅުވެފައިވަނީ މިއީ "އިނގިރޭސިވިލާތުގެ ސަލާމަތަށް ބުރޫއަރާ އަދި އިނގިރޭސިންގެ އެކުވެރިން ނުރައްކަލަށް ހުށަހަޅާ ލަދުވެތި ފަހަތަށް އެޅި ފިޔަވަޅެއް،" ކަމަށެވެ.  

އެމެރިކާގެ އެދުމުގެ މަތިން އިނގިރޭސިވިލާތުން ޗަގޯސިއަނުން އެތަނުން ބޭރުކުރުމަށްފަހު 1971 އިން ފެށިގެން ޑިއޭގޯ ގާސިއާގައި ދިރިއުޅެމުން އައީ އެމެރިކާގެ އަސްކަރީ މުވައްޒަފުންނެވެ. އެތަނުން ބޭރުކުރި ބައެއް މީހުން މޮރިޝަސް ގައި ވަޒަންވެރިވިއެވެ.

އަދި ބައެއް މީހުން 2002 އިން ފެށިގެން އިނގިރޭސިވިލާތުގެ ވެސްޓް ސަސެކްސްގެ ކްރޯލީގައި އަންނަނީ ދިރިއުޅެމުންނެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މި ޖަޒީރާތަކަކީ މޮރިޝަސް، ފަރަންސޭސި ކޮލޮނީއެއްގެ ގޮތުގައި އޮތްއިރު މޮރިޝަސްގެ ބެލުމުގެ ދަށުގައި އޮތް ތަނެކެވެ.

ނަމަވެސް 1845 ގައި މޮރިޝަސް އާއި ޗާގޯސް އިނގިރޭސިންގެ އިސްތިއުމާރުގެ ދަށަށް ބަދަލު ކުރެވުނެވެ.

މޮރިޝަސް 1968 ގައި އިނގިރޭސިންގެ އަތްދަށުން މިނިވަންވުމަށްފަހު، ޗަގޯސް ޖަޒީރާތަކަކީ މޮރިޝަސްގެ ބައެއް ކަމަށް ދަޢުވާކުރަމުން އައިސްފައިވެއެވެ.

އިނގިރޭސި ޚާރިޖީ ވަޒީރު ޑޭވިޑް ލެމީ ވިދާޅުވެފައިވަނީ މިރަށްތަކުގެ "ސިޔާދަތާ މެދު ޚިލާފު އުފެދި، ޤާނޫނީ ގޮންޖެހުންތައް ކުރިމަތިވަމުންދާ ފަދަ ހާލަތެއް ލޭބަރ ސަރުކާރަށް ވާރުތަވެފައިވުމާއެކު، ޑިއޭގޯ ގާސިއާގެ އަސްކަރީ މަރުކަޒު ދިގު މުއްދަތަކަށް ދެމެހެއްޓުމަށް ނުރައްކާވެފައިވާ ކަމުގައެވެ." އެހެން ނަމަވެސް މޮރިޝަސް އާއެކު ވީ "އެއްބަސްވުމުން މި މުހިންމު އަސްކަރީ މަރުކަޒުގެ މުސްތަޤްބަލު ޔަޤީންކުރެވޭނެއެވެ."

އެމެރިކާގެ ރައީސް ޖޯ ބައިޑަން އިނގިރޭސިވިލާތުގެ މި ނިންމުމަށް ވަނީ މަރުހަބާ ވިދާޅުވެފައެވެ.

މި "ތާރީޚީ އެއްބަސްވުމަށް" ތައުރީފް ކުރައްވާ ކަމަށް ބައިޑްން ވިދާޅުވިއެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2019 ވަނަ އަހަރު ދިން ލަފާގައި، އިނގިރޭސިވިލާތުން އެ ރަށްތަކުގެ ބާރު ދޫކޮށްލަންޖެހޭނެކަމަށް ބުނެފައިވެއެވެ. އައިސީޖޭ އިން ކަނޑައަޅާފައިވަނީ 1970 ގެ އަހަރުތަކުގައި އެމެރިކާގެ އެއަރބޭސްއަށް މަގުފަހިކުރުމަށްޓަކައި އެތަނުގެ ވަޒަންވެރިން ނުހައްގުން އެތަނުން ފައްސާލާފައިވާކަމަށެވެ.

އޭގެ ފަހުން އދ. ގެ 116 މެމްބަރު ޤައުމުން ތާއީދުކުރި ޤަރާރަކުން އިނގިރޭސިވިލާތަށް 6 މަސްދުވަހުގެ މުއްދަތެއް ދީ އެ ރަށްތައް އަނބުރާ ރައްދުކުރުމަށް ގޮވާލާފައިވެއެވެ.

ނަމަވެސް ކުރީގެ ކޮންޒަވޭޓިވް ސަރުކާރުގެ މެމްބަރުން، ކުރީގެ ބޮރިސް ޖޯންސަން ވެސް ހިމެނޭގޮތަށް، މޮރިޝަސްއިން ޗައިނާއަށް އެ ސަރަޙައްދަށް ވަދެވޭގޮތް ހަދައިފާނެ ކަމަށް ބުނެ އެތަނުގެ ސިޔާދަތާ ބެހޭ މަޝްވަރާތައް ހުއްޓުނެވެ.

ބުރާސްފަތި ދުވަހު އިނގިރޭސިވިލާތާއި މޮރިޝަސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މޮރިޝަސްއަށް މިހާރު "ޗާގޯސްގެ ރަށްތަކުގައި، ޑިއޭގޯ ގާސިއާ ފިޔަވައި، އަލުން އާބާދުކުރުމުގެ ޕްރޮގްރާމެއް ތަންފީޒުކުރުމުގެ މިނިވަންކަން،" ލިބޭނެ ކަމަށެވެ.

އިނގިރޭސިވިލާތުން ވަނީ އައު ޓްރަސްޓް ފަންޑެއް އުފެއްދުމަށާއި ޗާގޯސިއަނުންނަށް އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައެވެ.

މިހާރު އަންދާޒާކުރެވޭ ގޮތުގައި މޮރިޝަސް، ސެޝެލްސް އަދި ޔޫކޭގައި ދިރިއުޅޭ ޗާގޯސިއަނުންގެ އަދަދު 10،000 އަށް އަރައެވެ.

މޮރިޝަސް އަށް ޗާގޯސްގެ ސިޔާދަތީ ބާރު ދިނުމަށް ނިންމި ނިންމުމަށް ބައެއް ޗާގޯސިއަނުން ވަނީ ދެބަސްވެފައެވެ. އެމީހުން ބޭނުންވަނީ އެތަނުގެ އަސްލު ވަޒަންވެރިންގެ ތަނެއްގެ ގޮތުގައި ޗާގޯސް އޮންނާށެވެ.

އިނގިރޭސިވިލާތުގައި ހިންގާ ޖަމްޢިއްޔާއެއް ކަމަށްވާ "ޗާގޯސިއަން ވޮއިސަސް" އިން ޗާގޯސްގެ ކުރިމަގާ ބެހޭ ގޮތުން މޮރިޝަސް އާއި އިނގިރޭސިވިލާތާ ދެމެދު ކުރިއަށް ދިޔަ މަޝްވަރާތަކުގައި ބައިވެރިވުމަށް މަސައްކަތްކޮށްފައިވެއެވެ. އަދި މޮރިޝަސްއަށް ރަށްތައް ހަވާލުކުރުމުގެ މަޝްވަރާތަކުގައި ޗާގޯސިއަނުން ބައިވެރި ނުކުރިކަމަށްޓަކައި އިނގިރޭސިވިލާތައް ވަރަށް ބޮޑަށް ވަނީ ފާޑުކިޔާ އެކަން ކުށްވެރިކޮށްފައެވެ.

"އަހަރެމެންގެ ރަށްތަކުގެ ސިޔާދަތާ ގުޅޭގޮތުން ކުރި މަޝްވަރާތަކުން ޗާގޯސިއަން މުޖުތަމަޢު އެކަހެރިކޮށްފައިވާތީ ޗާގޯސިއަން ވޮއިސަސްއިން އެކަން ކުށްވެރިކުރަމެވެ." ބުރާސްފަތި ދުވަހު އެކްސްގައި ނެރުނު ބަޔާނެއްގައި އެ ގްރޫޕުން ބުނެފައިވެއެވެ.

އެ ޖަމްއިއްޔާ އިން ބުނީ މި ނިންމުން ނިންމިކަން އެގުނީ މީޑިއާ އިން ކަމަށެވެ.

"އަހަރެމެންގެ އަމިއްލަ މުސްތަޤްބަލާއި އަހަރެމެންގެ ވަޒަނުގެ މުސްތަޤްބަލު ކަނޑައެޅުމުގައި އަހަރެމެން މިތިބީ ބާރެއްނެތި އަދި އަޑެއްނެތިއެވެ. ރަށްތަކުގެ އަސްލު ވެރިން ކަމުގައިވާ ޗާގޯސިއަނުންގެ ޚިޔާލުތައް ވަނީ ތަކުރާރުކޮށް އަދި ގަސްތުގައި އަޅާނުލައި ދޫކޮށްލާފައެވެ. އަދި އެއްބަސްވުން އެކުލަވާލުމުގައި ފުރިހަމައަށް އަހަރެމެން ހިމެނުމަށް ގޮވާލަމެވެ." އެ ބަޔާނުގައި ބުނެފައިވެއެވެ.

މި އެއްބަސްވުމުގެ ބައެއްގެ ގޮތުން، އިނގިރޭސިވިލާތުން މޮރިޝަސްއަށް އެ ގައުމުގެ އިގްތިސާދީ ތަރައްގީއަށް މާލީ އެހީތެރިކަމުގެ ޕެކޭޖެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖައްސާފައެވެ.

އިނގިރޭސިވިލާތާއި މޮރިޝަސްއިން ބުނެފައިވަނީ މި އެއްބަސްވުމަށް އެމެރިކާ އާއި އިންޑިއާގެ އެހީތެރިކަމާއި ތާއީދު ލިބިފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް