ކ. މާލެ
|
3 އޮކްޓޯބަރ 2024 | ބުރާސްފަތި 18:27
މާފުށީ ޖަލު
މާފުށީ ޖަލު
ޓްވިޓަރ
ގައިދީއެއް މަރުވުން
މާފުށީ ޖަލު ބަންދުގައި ހުއްޓާ މަރުވި މީހާގެ އޮޓޮޕްސީ ރިޕޯޓު އަދިނުލިބޭ: ފުލުހުން
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން
އަބްދުލް ޣަނީ އިސްމާއީލްއަކީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް

މާފުށީ ޖަލު ބަންދުގައި ހުއްޓާ މަރުވި އަބްދުލް ޣަނީ އިސްމާއީލްގެ އޮޓޮޕްސީ ރިޕޯޓު އަދިނުލިބޭ ކަމަށް ފުލުހުން ބުނެފިއެވެ.

24 ސެޕްޓެންބަރު 2024 ގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނީ އެ ދުވަހުގެ ހެނދުނު 6:52 ގައި އަބްދުލް ޣަނީ އިސްމާއީލްގެ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމުން، ވަގުތުން އޭނާ ވަނީ މާފުށީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ޑޮކްޓަރު ވަނީ 7:21 ގައި އަބްދުލް ޣަނީ އިސްމާއީލް މަރުވެފައިވާ ކަމަށް ކަނޑައަޅާފައެވެ.

އޭނާއަކީ ކުޑަކުއްޖަކަށް ޖިންސީ ހާނިކައެއް ކުރުމުގެ މައްސަލައެއްގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ބުނީ މާފުށީ ޖަލުގައި ހުރި ގައިދީއެއް މަރުވި މައްސަލަ އެއިދާރާއިން ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި ޕޯސްޓްމޯޓަމް ހެދުމަށްފަހު 2 އޮކްޓޫބަރު ވަނަ ދުވަހު ހަށިގަނޑު މާލެ ގެނެސް އާއިލާއާ ވަނީ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ރާއްޖެއެމްވީއަށް ފުލުހުން ބުނީ މިހާތަނަށް އޮޓޮޕްސީ ރިޕޯޓު ނުލިބޭ ކަމަށާއި، އެރިޕޯޓު ލިބުމުން މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

އަބްދުލް ޣަނީ އިސްމާއީލްގެ ހަށިގަނޑު ބުދަ ދުވަހު ހުޅުމާލެ ސަހަރާގައި ވަނީ ވަޅުލާފައެވެ.

- ކޮމެންޓް