ކ. މާލެ
|
2 އޮކްޓޯބަރ 2024 | ބުދަ 22:46
ބުދަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލިސް ބައްދަލުވުމުގެ ތެރެއިން
ބުދަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލިސް ބައްދަލުވުމުގެ ތެރެއިން
އެމްޑީޕީ
ކައުންސިލަރުންނާއެކު ކޮންފަރެންސް ބޭއްވުން
އެމްޑީޕީން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކައުންސިލްތަކާއެކު ކޮންފަރެންސްތަކެއް ބާއްވަނީ
މި މަހުގެ 12 ވަނަ ދުވަހު ކުޅުދުއްފުށީގައި ފުރަތަމަ ކޮންފަރެންސް ކުރިއަށްދާނެ
މި ކޮންފަރެންސްގައި ހއ، ހދ، އަދި ށ އަށް ނިސްބަތްވާ ކައުންސިލަރުން ބައިވެރިވާނެ
ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލުތަކާއި ގުޅިގެން ކައުންސިލްތަކުގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުރި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކައުންސިލްތަކާއެކު ކޮންފަރެންސްތަކެއް ބޭއްވުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ނިންމައިފިއެވެ.

ބުދަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލިސް ބައްދަލުވުމުގައި އެޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލުތަކާއި ގުޅިގެން ކައުންސިލްތަކުގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީން އެކި ރަށްތަކުގެ ކައުންސިލަރުންނާއެކު އޮންލައިންކޮށް މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ މަޝްވަރާތަކުގެ އަލީގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޮންފަރެންސްތަކެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މި މަހުގެ 12 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީގައި ފުރަތަމަ ކޮންފަރެންސް ކުރިއަށްދާނެ ކަމަށާއި، މި ކޮންފަރެންސްގައި ހއ، ހދ، އަދި ށ އަށް ނިސްބަތްވާ ކައުންސިލަރުން ބައިވެރިވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ކައުންސިލްތަކާއެކު މަޝްވަރާ ބައްދަލުވުންތަކެއް އޮންލައިންކޮށް ބޭއްވިފައިވޭ. އެމަޝްވަރާތަކުގެ އަލީގައި އަޅުގަނޑުމެން ގަސްތުކޮށްފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޮންފަރެންސްތަކެއް ބޭއްވުން. އެގޮތުން މިމަހުގެ 12 ވަނަ ދުވަހު ކުޅުދުއްފުށި. ހއ، ހދ، އަދި ށ އަށް ނިސްބަތްވާ ކައުންސިލަރުންނާއެކު އަޅުގަނޑުމެން ކޮންފަރެންސްއެއް އެބަ ބާއްވަން. އެކޮންފަރެންސްގެ ބޭނުމަކީ މިހާރު މިއޮތް ގޮންޖެހުންތަކަށް ކައުންސިލަރުން ދެކޭ ގޮތާއި އަދި އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން މިކަމުގައި އަމަލުކުރާނެ ގޮތާއި އަދި ލާމަރުކަޒީ ނިޒާމު ދިފާއު ކުރުމަށް އަޅުގަނޑުމެންނަށް ކުރެވެން ހުރި ކަންތައްތަކަކީ ކޮބައިތޯ ބަލާ އެމަސައްކަތް ފެށުމަށް.
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް

ފައްޔާޒު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާ މި ކޮންފަރެންސްތަކުގައި އެމްޑީޕީގެ ގިނަ މެންބަރުން ބައިވެރިވުމަށް އެދޭ ކަމަށެވެ. މި ކޮންފަރެންސްގައި ކުރިއަށް އޮތްތަނުގައި ޕާޓީން މަސައްކަތްތައް ބައްޓަން ކުރާނެ ގޮތާއި ލާމަރުކަޒީ ނިޒާމު ދިފާއު ކުރުމަށް ކުރާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް