ކ. މާލެ
|
1 އޮކްޓޯބަރ 2024 | އަންގާރަ 22:01
ތެލްއަވީވް ގެ އުޑުމަތިން އުދުހެމުންދާ މިސައިލްތަކުގެ މަންޒަރެއް
ތެލްއަވީވް ގެ އުޑުމަތިން އުދުހެމުންދާ މިސައިލްތަކުގެ މަންޒަރެއް
ގެޓީ އިމޭޖަސް
އީރާން-އިޒްރޭލް ހަނގުރާމަ
އީރާނުން އިޒްރޭލަށް ހަމަލާ ދީފި
އިޒްރޭލުގެ ވެރިރަށް ތެލްއަވީވްގެ އެކި ތަންތަނަށް އަމާޒުކޮށް މަދުވެގެން 200 މިސައިލް އީރާނުން ފޮނުވާލާފައިވާ ކަމަށާއި މީގެތެރެއިން ބައެއް މިސައިލް ތަކަކީ ފައްތާޙް-1 ހައިޕަރސޮނިކް މިސައިލް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އީރާނުން އިޒްރޭލަށް މިސައިލް ހަމަލާތަކެއް ދީފި ކަމަށް އިޒްރޭލް މީޑިއާ އިން ރިޕޯޓްކޮށްފިއެވެ.

އީރާނުގެ ދައުލަތުގެ ނޫސް އޭޖެންސީ އިރްނާ އިން ވެސް ވަނީ އީރާނުގެ އަސްކަރިއްޔާ އިން ބެލިސްޓިކް މިސައިލް ހަމަލާތައް ދޭން ފަށައިފިކަން ކަށަވަރުކޮށްދީފައެވެ

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއިން ބުނެފައިވަނީ އިސްރާއީލަށް އެތައް މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އިޒްރޭލުން ހިފާފައިވާ ބިންތަކުގައި ސައިރަންގެ އަޑު ގަދަކޮށް މަޑުކުރަމުން ވަނީ ގެންގޮސްފައެވެ.

އިޒްރޭލު ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ އީރާނުން އިޒްރޭލަށް މިސައިލް ހަމަލާއެއް ދީފައިވާ ކަމަށާއި، ޤައުމުގެ އެކި ކަންކޮޅުތަކުގައި އެއަރ ރެއިޑް ސައިރަންތައް އިއްވަމުންދާ ކަމަށާއި، އިޒްރޭލުގެ އާންމުން ރައްކައުތެރި ތަންތަނަށް ވަންނަމުންދާ ކަމަށެވެ.

އިޒްރޭލުގެ ސިފައިންގެ ތަރުޖަމާނު ޑެނިއަލް ހަގާރީ ބުނެފައިވަނީ އަންގާރަ ދުވަހުގެ ހަމަލާއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި، އަދި މި ވަގުތު އިތުރު ނުރައްކަލެއް ނެތް ކަމަށެވެ. ޓީވީ ނޫސް ކޮންފަރެންސެއްގައި އޭނާ ބުނެފައިވަނީ ބޮން ޝެލްޓަރ ތަކުން މީހުން ނުކުތުން މިހާރު އެންމެ ރަނގަޅުވާނެ ކަމުގައެވެ.

އިޒްރޭލުގެ އިމަޖެންސީ ސަރވިސްތަކުން ބުނެފައިވަނީ މަދުވެގެން ދެ މީހަކަށް މިސައިލްގެ ބައެއް އެތިއެތިކޮޅު ހެރި ކޮންމެވެސް ވަރެއްގެ ޒަޚަމްތަކެއް ލިބުނުކަމަށެވެ.

އިޒްރޭލުގެ ނޫސް ހާރެޓްޒް އިން ރިޕޯޓުކުރި ގޮތުގައި އީރާނުގެ ހަމަލާތައް ނެގެވް، ޝެރޮން އަދި އެހެނިހެން ސަރަޙައްދުތަކަށް ސީދާ އަމާޒުވި ކަމަށެވެ.

އީރާނުން ހަމަލާ ދިނުމުގެ ކުރިން ސިފައިންގެ ފަރާތުން އަންގާފައިވަނީ އީރާނުން ބެލިސްޓިކް މިސައިލް ހަމަލާ ފުޅާދާއިރާއެއްގައި ދޭނެ ކަމަށް ބެލެވޭ ކަމަށާއި، އެހެން ކަމުން ރައްކައުތެރި ތަންތަނަށް ވަދެ ހިމާޔަތް ހޯދުމަށް އިރުޝާދު ދޭކަމުގައެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން މި ހަމަލާއާ ބެހޭ ގޮތުން ބުނެފައިވަނީ މި ހަމަލާއަކީ ފާއިތުވި ހަފުތާގައި ޙިޒްބުﷲ ގެ އިސްވެރިޔާ ޙަސަން ނަޞްރުﷲ އަވަހާރަކޮށްލުމާއި، އަދި އޭގެ ކުރިން ޙަމާސްގެ އިސްވެރިޔާ އިސްމާޢީލް ހަނިއްޔާ އަވަހާރަކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށެވެ.

އިތުރު ބަޔާނެއްގައި، އީރާނުގެ އަސްކަރިއްޔާ އިން ބުނެފައިވަނީ މި އޮޕަރޭޝަންގައި ތެލް އަވީވްގައި ހުރި އިޒްރޭލުގެ ތިން އަސްކަރީ މަރުކަޒަކަށް ހަމަލާދެވުނު ކަމަށެވެ.

ރިވޮލިއުޝަނަރީ ގާޑްސްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އީރާނުން އިޒްރޭލަށް އެތައް މިސައިލް ހަމަލާދީފައިވާނެ ކަމަށާއި އިޒްރޭލުން ބަދަލު ހިފައިފިނަމަ، ތެހުރާނުގެ ޖަވާބު "އިތުރަށް ނުރައްކާވެ، ފުނޑުފުނޑުކޮށްލާނެ" ކަމަށެވެ.

އީރާނުގެ ސަރުކާރުގެ ޓީވީން ބުނެފައިވަނީ އިޒްރޭލަށް ފޮނުވާލި މިސައިލްތަކުގެ 80 އިންސައްތަ އަމާޒަށް ވާސިލުވި ކަމަށެވެ.

އެހެންނަމަވެސް، އިޒްރޭލުގެ ސިފައިންގެ ފަރާތުން ބުނެފައިވަނީ "ގިނަ އަދަދެއްގެ" މިސައިލްތައް މަތަ ކުރެވިފައިވާ ކަމަށެވެ.

ނޫސްވެރިންނާ ވާހަކަދައްކަމުން ހަގާރީ ބުނެފައިވަނީ މި ހަމަލާއަކީ ސީރިއަސް ކަމެއް ކަމަށާއި، "އެކަށީގެންވާ ވަގުތެއްގައި" މީގެ ނަތީޖާ އީރާނަށް ކުރިމަތިވާނެ ކަމަށެވެ.

ރޮއިޓަރސް ނިއުސް އެޖެންސީއަށް އީރާނުގެ އިސް އޮފިޝަލަކު މައުލޫމާތު ދެމުން ބުނެފައިވަނީ އިޒްރޭލަށް މިސައިލް ހަމަލާ ދިނުމުގެ އަމުރު ނެރުއްވީ އެ ޤައުމުގެ ސުޕްރީމް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ ކަމަށެވެ. އަދި ޚާމަނާއީ މިހާރު ހުންނެވީ ރައްކާތެރި ތަނެއްގައި ކަމަށް އެ އިސް އޮފިޝަލު ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް