ކ. މާލެ
|
1 އޮކްޓޯބަރ 2024 | އަންގާރަ 19:32
އިޒްރޭލުން ޣައްޒާގައި ހިންގާ ސްކޫލަކަށް ބޮން އެޅުމުން އަނިޔާވި ކުޑަކުއްޖަކު ގެންދަނީ
އިޒްރޭލުން ޣައްޒާގައި ހިންގާ ސްކޫލަކަށް ބޮން އެޅުމުން އަނިޔާވި ކުޑަކުއްޖަކު ގެންދަނީ
ރަމަޟާން އާބެދް/ރޮއިޓަރސް
ޣައްޒާގެ ގަތުލްއާންމު
ޣައްޒާގެ ގަތުލުއާންމު މައްސަލައަށް ތަދައްހުލުވުމަށް ރާއްޖެއިން ހުށަހަޅައިފި
ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ އޭޖެންޓް، ބަންޑާރަނައިބު އަޙުމަދު އުޝާމްގެ ފަރާތުން އައި.ސީ.ޖޭ. އަށް ހުށަހެޅީ އަންގާރަ ދުވަހު
މި މައްސަލައަކީ ދެކުނު އެފްރިކާގެ ފަރާތުން 29 ޑިސެންބަރު 2023 ގައި އައި.ސީ.ޖޭ. އަށް ހުށަހެޅި މައްސަލައެއް

އިންޓަރނޭ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) ގައި ކުރިއަށްދާ "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް އިން ދަ ގާޒާ ސްޓްރިޕް (ސައުތު އެފްރިކާ ވ. އިސްރާއީލު)" މައްސަލައަށް ދިވެހިރާއްޖެއިން ތަދައްޚުލުވުމަށް ހުށަހަޅަންޖެހޭ "ޑެކްލެރޭޝަން އޮފް އިންޓަރވެންޝަން"، މި މައްސަލައަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ އޭޖެންޓް، ބަންޑާރަނައިބު އަޙުމަދު އުޝާމްގެ ފަރާތުން އައި.ސީ.ޖޭ. އަށް ހުށަހަޅައިފިއެވެ. 

މި މައްސަލައަކީ ދެކުނު އެފްރިކާގެ ފަރާތުން 29 ޑިސެންބަރު 2023 ގައި އައި.ސީ.ޖޭ. އަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި، ދެކުނު އެފްރިކާއިން ހުށަހަޅާފައިވަނީ، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކަކީ، 1948 ވަނަ އަހަރުގެ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ޖެނޮސައިޑް ކޮންވެންޝަން) އާ ޚިލާފު ޢަމަލުތަކެއްކަމަށެވެ.

ދިވެހިރާއްޖެއިން ހުށަހެޅި އިންޓަރވެންޝަން ބިނާކޮށްފައިވަނީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން "އިންސައިޓްމަންޓް ޓު ކޮމިޓް ޖެނޮސައިޑް" އަދި "ޑިއުޓީ ޓު ޕަނިޝް ދަ އިންސައިޓްމަންޓް އޮފް ޖެނޮސައިޑް" މާނަކޮށްފައިވާ ގޮތާ ގުޅޭގޮތުންނެވެ.

އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ ޢަމަލުތައް ކުށްވެރިކޮށް، އެ ޢަމަލުތަކަކީ ޖެނޮސައިޑް އަދި އެޕާތައިޑްގެ ޢަމަލުތަކެއްކަމާއި، އެއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާތަކެއްކަމަށް ދިވެހިރާއްޖެއިން ދަނީ ބައިނަލްއަޤްވާމީ މައިދާންތަކުގައި ވަކާލާތުކުރަމުންނެވެ.

ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް އޮތް ހަމަ އެކަނި ދެމެހެއްޓެނިވި ޙައްލަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުންކަމަށްވާއިރު، މި ޙައްލު ހޯދުމަށް ފަލަސްތީނުގެ ރައްޔިތުންގެ ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގައި ސަރުކާރުތަކުން ވަނީ ވަކާލާތުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް