ކ. މާލެ
|
30 ސެޕްޓެންބަރ 2024 | ހޯމަ 21:23
ރާއްޖޭގައި ބައިނަލްއަގްވާމީ ބަންކަރިން ޚިދުމަތް ފެށިދުވަސް، 19 ސެޕްޓެމްބަރ 2024
ރާއްޖޭގައި ބައިނަލްއަގްވާމީ ބަންކަރިން ޚިދުމަތް ފެށިދުވަސް، 19 ސެޕްޓެމްބަރ 2024
ޕީއެސްއެމް
ބަންކަރިންގ ޚިދުމަތް
ބަންކަރިންގެ ޚިދުމަތް ފެށިފަހުން 10 ދުވަސް ފާއިތުވެގެން ދިޔައިރު އަދި އެއްވެސް ބޯޓެއް ތެޔޮއަޅާކަށް ނާދޭ
ރާއްޖޭގައި ބައިނަލްއަގްވާމީ ބަންކަރިން ޚިދުމަތް 19 ސެޕްޓެމްބަރ 2024 ގައި ފެށިފަހުން 10 ދުވަސް ފާއިތުވިއިރު ތެޔޮ އަޅަން އެއްވެސް ބޯޓެއް ނާންނަ އިރު، ސަރުކާރުން ބުނެފައިވަނީ މިޚިދުމަތައް އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް.

ބަންކަރިންގެ ޚިދުމަތް ފެށިފަހުން 10 ދުވަސް ފާއިތުވެގެން ދިޔައިރު އަދި އެއްވެސް ބޯޓެއް ތެޔޮއަޅަން ނާންނަ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ދިވެހިރާއްޖޭގައި ބައިނަލްއަޤްވާމީ ބަންކަރިންގ ޚިދުމަތް ރަސްމީކޮށް ފަށައިފާވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ހޯރަފުށީގައި ބޭއްވި ބޮޑު ރަސްމިއްޔާތެއްގައެވެ.

ބައިނަލްއަގްވާމީ ބަންކަރިންގެ ޚިދުމަތް ރާއްޖޭގައި ފެށިކަމަށް ސަރުކާރުން ބުނާއިރު، އަދި މިހާތަނަށް ބޭރުގެ އެއްވެސް ބޯޓަކަށް ތެޔޮ އަޅާފައި ނުވާކަން މި ކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން އޭނާގެ ނަން ހާމަނުކުރުމަށް ޝަރުތުކޮށް މި ނޫހަށް މައުލޫމާތު ދީފައިވެއެވެ.

"އަދި އެއްވެސް ކަމެއް ނުހިނގާ، މިކަމަށް ގެނައި މީހުން އަދި ހަމަ އުޅެނީ...ބޯޓަކަށް ގައިމުވެސް ތެލެއް ނާޅާ،" އޭނާ ބުންޏެވެ.

ބައިނަލްއަގްވާމީ ބަންކަރިން ފެށި ދުވަހުވެސް ރަސްމިއްޔާތުގައި މަންޒަރު ދައްކާލުމަށް ތެޔޮ އަޅާފައިވަނީ އެމްއެސްއެސް އިން ކޮޅުނބާ މާލެއާ ދެމެދު މުދާ އުފުލަން ބޭނުންކުރާ ބޯޓް ވައިސީ ބެރިއަރ އަށެވެ. މި ހިދުމަތް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ހިދުމަތް ދިން މި ބޯޓުތަކަށް ވަނީ ވޯޓަރ ސެލިއުޓް ދީފައެވެ.

ސަރުކާރުން ބުނެފައިވަނީ ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދެނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ބައިނަލްއަޤްވާމީ ހަކަތައިގެ ވިޔަފާރި ކުންފުނި ވިޓޯލް ގުޅިގެންނެވެ.

މި ޚިދުމަތް ފޯރުކޮށްދިނުމަށް ދެ ބޯޓު ސަރުކާރުން ވަނީ ގެނެސްފައެވެ. އެއީ 3,258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3,929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ.

ބަންކަރިންގ ޚިދުމަތުގެ އިތުރުން، ފަޅުވެރިން ބަދަލުކުރުމާއި، ޕްރޮވިޝަން އަދި ޝިޕް ސްޓޯސް ފޯރުކޮށްދިނުމާއި، ސާފު ބޯފެން ފޯރުކޮށްދިނުން ފަދަ އިތުރު ޚިދުމަތްތައްވެސް ދެވޭނެކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ސަރުކާރުގެ އަމާޒަކީ މި ޚިދުމަތުން ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދުން ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ވިޓޯލް އާއި އެސްޓީއޯ އާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމާބެހޭ އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމަކޮށްފައިނުވާއިރު، އެ ވަރުގެ ފައިދާ އެއް ރާއްޖެއަށް ލިބޭ ގޮތަކާމެދު ތަޖުރިބާކާރުން ވަނީ ސުވާލު އުފައްދާފައެވެ.

އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ބަންކަރިން ހިންގުމަށް އެސްޓީއޯއިން ހަކަތައިގެ ވިޔަފާރިކުރާ ވިޓޯލްއާ އެކު އެމްއޯޔޫއެއްގައި ސޮއިކުރީ 13 މާރިޗު 2024 ގައެވެ.

ބަންކަރިންގ ޚިދުމަތުގެ އިތުރުން، މެރިޓައިމް ހިދުމަތްތައް ދެވޭ އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް ހއ. އުލިގަމުގައި ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ރޭ ވަނީ ހުޅުވާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް