ޗައިނާ އާއި ރާއްޖޭގެ ގުޅުން ދެމެހެއްޓިފައި ވަނީ އިސްތިޤުލާލު ހިފެހެއްޓުމުގެ ބިންގަލުގެ މަތީގައިކަމަށާއި ދެ ޤައުމުން ވެސް ދެ ޤައުމުގެ ސުލްހަ އާއި މިނިވަންކަމަށް އިޚުތިރާމްކުރާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޗައިނާގެ 75 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރިސެޕްޝަނުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެ މަނިކުފާނު ވަނީ ރާއްޖެ އާއި ޗައިނާގެ ގުޅުން ދެމި އޮތީ އެއްގައުމުން އަނެއް ގައުމުގެ އެތެރޭގެ ކަންކަމާއި ނުބެހުމުގެ އުސޫލުގެ މަތީގައި ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ގުދުރަތީގޮތުން ދެ ޤައުމު ދުރުގައި އޮތް ނަމަވެސް ދެ ޤައުމުގެ ގުޅުން ވަނީ ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑަށް ވަރުގަދަވެފައި ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވަނީ ރާއްޖެ އާއި ޗައިނާ އާއި ދެމެދު އޮތް ގުޅުމުގެ މުހިންމުކަމާއި ގާތްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މުސްތަޤުބަލުގައި ދެ ޤައުމުގެ މެދުގައިވާ ގުޅުން ބަދަހިވެ، އެއްބާރުލުން އިތުރުވެ، ފަހި ފުރުޞަތުތަކެއް ލިބި، ތަމައްދުނުވެ، އަމަންއަމާންކަން އިތުރުވެގެންދާނޭކަމަށް ޔަޤީންކުރައްވާކަމަށްވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ސިނަމާލެ ބްރިޖާއި، ބޯހިޔާވަހިކަން އަދި މި ނޫންވެސް ގިނަ ޢުމްރާނީ މަޝްރޫޢުތަކަކީ މި ދާއިމީ ގުޅުން ދައްކުވައިދޭ ދިރިހުރި ނިޝާންތަކެއް. މުސްތަޤުބަލުގައި ދެ ޤައުމުގެ މެދުގައިވާ ގުޅުން ބަދަހިވެ، އެއްބާރުލުން އިތުރުވެ، ފަހި ފުރުޞަތުތަކެއް ލިބި، ތަމައްދުނުވެ، އަމަންއަމާންކަން އިތުރުވެގެންދާނޭކަމަށް ޔަޤީންކުރަން.އަދި ކުރިއަށް އޮތް ތަނުގައި، ވިޔަފާރި އާއި، ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އިއާދަކުރަނިވި ހަކަތަ އާއި، ބޯހިޔާވަހިކަމާއި ބިނާރު އަދި ޘަޤާފީ ދާއިރާގައި މިހާރަށްވުރެ ގުޅުން ބަދަހިވުމަށް އުންމީދުކުރަން.ރައީސް ޑރ.މުހައްމަދު މުއިއްޒު
އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ދެ ޤައުމުގެ ގުޅުމާއި މެދު އެމަނިކުފާނު ކުރައްވާ ތަޞައްވުރު ޙިއްސާކުރައްވާފައިވެއެވެ. އެގޮތުން ދިވެހިރާއްޖެ ތަރައްޤީއަށް ކުރާ ދަތުރުގައި ޗައިނާއިން ދަނީ މެދުނުކެނޑި، ސާބިތުކަމާއެކު ބައިވެރިވަމުންކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ޗައިނާގެ ކުރިއެރުމަކީ ހަމައެކަނި އެ ޤައުމުގެ އަމިއްލަ ވާހަކަ އެއް ނޫން ކަމަށާއި އެއީ ރާއްޖެ ހިމެނޭ ގޮތަށް ތަރައްގީވަމުން އަންނަ ހުރިހާ ގައުމުތަކަށް އޮތް ނަމޫނާ އެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ޗައިނާ އިން ޤައުމެއްގެ ގޮތުގައި ކުރިއަރަމުން އަންނަ ގޮތަށް ވެސް އެ މަނިކުފާނު ވަނީ ތައުރީފްކުރައްވާފައެވެ. ރޭވުންތެރިކަމާއި އެކު ގައުމު ބިނާކުރުމާއި އެއްބައިވަންތަކަމަކީ ކިހާ ބާރު ހުރި ކަމެއްކަން ޗައިނާ އިން ވަނީ މުޅި ދުނިޔެ އަށް ދައްކުވާދީފައި ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ބުރަ އަދި އިޚުލާސްތެރި މަސައްކަތާއި އެކު ކޮންމެ ކަމެއްވެސް ހާސިލްކުރެވޭނެކަން ޗައިނާ އިން ވަނީ ދައްކުވާދީފައި ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. ސަޤާފީ އަދި ތަރިކައިގެ ގޮތުން ބެލިއަަސް އެ ގައުމަކީ މުހިންމު ޤައުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ޒަމާނީ އީޖާދުތައް އުފެއްދުމުގައި ވެސް އެ ޤައުމުން އަދާކޮށްފައިވާ މުހިންމު ދައުރު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ޗައިނާގެ ވެރިންނާއި ރައްޔިތުންނަށް ޤައުމީ ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ޤައުމުގެ ރައްޔިތުންގެ ހިންމަތްތެރިކަމާއި ނުގުޑާ ޢަޒުމާއި، އަދި ސާބިތުކަން ފާހަގަކުރައްވާފައެވެ. ރައީސް ވަނީ ދުނިޔޭގެ އިޤްތިޞާދުގައި ބާރުވެރި ޤައުމެއްގެ ގޮތުގައި ޗައިނާ ހިމެނިގެންދިޔައީ، ޤައުމުގެ ތަރައްޤީ ޒަމާނާ ހަމަހަމަކުރުމަށް އަޙައްމިއްޔަތުކަން ދީގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށް ވިދާޅުވެފައެވެ. ހަމައެހެންމެ ވިލުންތެރިކަން ޙާސިލްކުރުމަށް ޗައިނާއިން ދަތުރުކުރި ރާސްތާގެ ފުރިހަމަކަމަށް ރައީސް ވަނީ ތައުރީފްކުރައްވާފައެވެ.
ޗައިނާގެ ޤައުމީ ދުވަސް ފާހަގަކުރަނީ 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހުންފެށިގެންނެވެ.