ހިތުގެ ސިއްހަތަށް ދޭ މުހިންމުކަން އިތުރުކުރަންޖެހޭ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އާދިއްތަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހަރަކާތުގައި މިނިސްޓަރު ހަލީލު ވިދާޅުވީ ހިތުގެ ސިއްހަތަށް ދޭ މުހިންމުކަން އިތުރު ކުރަންޖެހޭ ކަމަށާއި، ހަރަކާތްތެރިވުމަށް ހިތް ބޭނުން ކުރަންޖެހޭ ކަމަށެވެ.
ހިތުގެ ސިއްހަތު ރަނގަޅު ކުރުމަށް އަމިއްލައަށް މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވައި މިނިސްޓަރު ހަލީލު ވިދާޅުވީ ހިތުގެ ވިންދު ރަނގަޅުކޮށް، ހުރިހާ ގޮތަކުން ވެސް ބެލުމަކީ އަމިއްލަ މީހާގެ އަތުގައި އޮތް ބޮޑު ޒިންމާއެއް ކަމަށެވެ. އަދި ވިދާޅުވީ ކޮންމެ މީހަކު ވެސް ހެލިފެލިވެ އުޅުމަށާއި ރަނގަޅު އާދަތައް ގައިގައި އަށަގަންނަވަންޖެހޭ ކަމަށެވެ.
ދިރިހުރުމަށްޓަކައި އެކަންކަމަށް ފަރުވާ ކުޑަނުރުމަށް މިނިސްޓަރު ހަލީލު އިލްތިމާސްކުރެއްވިއެވެ.
މީގެ އިތުރުން މިނިސްޓަރު ހަލީލު ވިދާޅުވީ ރާއްޖޭގެ އާބާދީ ކުޑަ ނަމަވެސް އާންމުންގެ ސިއްހީ މައްސަލަތައް ގިނަ ކަމަށާއި، އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެގޮތުން 2023-2015 ވަނަ އަހަރަށް އުމުރުން 65-15 އަހަރުގެ 4.7 އިންސައްތަ މީހުންނަށް ހިތުގެ ބައްޔާއި ސްޓްރޯކް ޖެހޭކަމަށް ރާއްޖޭގައި ހެދި ދިރާސާއަކުން ދެއްކި ކަމަށެވެ.
ހަރަކާތްތެރިވުމަށްޓަކައި ހިތް ބޭނުންކުރާށޭ. އަޅުގަނޑުމެންނަށް ހަގީގަތުގައި ހިތުގެ ސިއްހަތަކީ އިންސާނާގެ ދިރިހުރުމަށްޓަކައި އެންމެ މުހިންމު އެއް ކަންތައް. އެއީ އަޅުގަނޑުމެންގެ އަތުގައި އޮތް ކަމެއް ހިތުގެ ސިއްހަތު ރަނގަޅު ކުރުން. ހިތުގެ ވިންދު ރަނގަޅު ކުރުމަކީ. ހިތުގެ ހިނގުން ރަނގަޅު ކުރުމަކީ. އެއީ އަޅުގަނޑުމެންގެ އަތް މަތީގައި އޮތް ކަމެއް.ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު
ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތުގައި ބައިސްކަލް ރޭހަކާއި އިތުރު ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ހަރަކާތްތަކުގައި ކުޑަކުދިންނާއި، ޒުވާނުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންވީ ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.