ކ. މާލެ
|
30 ސެޕްޓެންބަރ 2024 | ހޯމަ 10:28
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް
ރޮއިޓާސް
ސްޕެނިޝް ލީގު
ބަހަނާއެއް ނެތް، ނަތީޖާ ޤަބޫލު ކުރަން: ފްލިކް
މި ސީޒަންގެ ސްޕެނިޝް ލީގުގައި ބަލި ނުވެ ހަތް މެޗު ހަމަ ކުރުމަށްފަހު، އަށް ވަނަ މެޗުން ބާސެލޯނާ ބަލިވި ނަމަވެސް، ފްލިކް ޤަބޫލު ކުރާ ގޮތުގައި އަދި ވެސް ބާސެލޯނާ އޮތީ ރަނގަޅު ރޫޙެއްގަ އެވެ.

ސްޕެނިޝް ލީގުގައި އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވި ނަމަވެސް، އެއްވެސް ބަހަނާއެއް ދައްކަން ބޭނުން ނުވާ ކަމަށާއި، ނަތީޖާ ޤަބޫލު ކުރާ ކަމަށް ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

އޮސަސޫނާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ވަނީ ބާސެލޯނާގެ މައްޗަށް ކުރި ހޯދައިފަ އެވެ. މިއީ މި ސީޒަންގެ ސްޕެނިޝް ލީގުގައި ބާސެލޯނާ ބަލިވި ފުރަތަމަ މެޗެވެ. އަނެއްކޮޅުން 2012 ވަނަ އަހަރުގެ ފަހުން، އޮސަސޫނާގެ ދަނޑުގައި އެ ޓީމަށް ބާސެލޯނާގެ މައްޗަށް ކުރި ހޯދުނު ވެސް ފުރަތަމަ ފަހަރެވެ.

އެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު ފްލިކް ބުނީ، ބާސެލޯނާގައި މިވަގުތު ވެސް އަނިޔާގެ ގިނަ މައްސަލަތަކެއް އޮތް ކަމަށެވެ. އެ ޓީމަށް އަނިޔާގެ އުނދަގޫ ކުރިމަތިވި ނަމަވެސް، އެކަމަކީ ބަހަނާއެއްގެ ގޮތުގައި ދައްކަން ބޭނުން ނުވާ ކަމަށް ވެސް ފްލިކް ބުންޏެވެ.

އޭނާ ބުނީ މިވަގުތު ބާސެލޯނާގެ ސްކޮޑަށް ބެލި ނަމަވެސް، މިޑްފީލްޑަރުންގެ ގޮތުގައި ތިބީ ތިން ކުޅުންތެރިން ކަމަށެވެ. އަދި މިޑްފީލްޑަރުންގެ މަޤާމަށް ކުޅެވޭނެ ހުރީ އެންމެ ޑިފެންޑަރެއް ކަމަށް ވެސް އޭނާ ފާހަގަ ކުރި އެވެ. އެހެންކަމުން މިއީ ބާސެލޯނާގެ ފަސޭހަ ވަގުތެއް ނޫން ކަމަށާއި، އުނދަގޫތަކެއް ހުރިކަން ފާހަގަކުރަމުން ފްލިކް ބުނީ، މެޗުގެ ނަތީޖާ ޤަބޫލު ކުރާ ކަމަށެވެ.

މީގެ އިތުރުން، އެ މެޗުގައި ވެސް ބާސެލޯނާ އިން ރަނގަޅު ކަންތައްތަކެއް ކުރިކަމަށް އޭނާ ޤަބޫލު ކުރެ އެވެ. މިއީ މި ސީޒަންގެ ސްޕެނިޝް ލީގުގައި ބާސެލޯނާގެ ފުރަތަމަ ބައްޔަށް ވީ ނަމަވެސް، ދެން މަސައްކަތް ކުރާނީ މިހާރު އޮތް ޙާލަތުން ކުރިއަށް ދިޔުމަށް ކަމަށް ވެސް ފްލިކް ވަނީ ބުނެފަ އެވެ. އަދި ބާސެލޯނާ އިން ކުރަމުން އަންނަ މަސައްކަތާ އެކު އެކަން ކާމިޔާބު ކުރެވޭނެ ކަމަށް ވެސް ފްލިކް ބުންޏެވެ.

މިހާތަނަށް ކުޅުނު އަށް މެޗުން ލިބުނު 21 ޕޮއިންޓާ އެކު ބާސެލޯނާ އަދިވެސް އޮތީ އެއް ވަނައިގަ އެވެ. މި ސީޒަނާ ދިމާކޮށް ބާސެލޯނާގެ ކޯޗުކަމާ ފްލިކް ހަވާލުވީ ފަހުން، އެ ޓީމުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ. މި ސީޒަންގެ ސްޕެނިޝް ލީގުގައި ބަލި ނުވެ ހަތް މެޗު ހަމަ ކުރުމަށްފަހު، އަށް ވަނަ މެޗުން ބާސެލޯނާ ބަލިވި ނަމަވެސް، ފްލިކް ޤަބޫލު ކުރާ ގޮތުގައި އަދި ވެސް ބާސެލޯނާ އޮތީ ރަނގަޅު ރޫޙެއްގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް