މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން، އިތުރު ބިދޭސީ ކުޅުންތެރިޔެއްގެ ސޮއި ހޯދައިފި އެވެ.
މިވަގުތު އޭއެފްސީ ޗެލެންޖު ލީގަށް ތައްޔާރުވަމުން އަންނަ މާޒިޔާ އިން، މިއީ ސޮއި ހޯދި ހަ ވަނަ ބިދޭސީ ކުޅުންތެރިޔާ އެވެ. މާޒިޔާ އިން ސޮއި ހޯދާފައި ވަނީ ފަލަސްޠީނު ޤައުމީ ޓީމަށް ކުޅެމުން އަންނަ މިޑްފީލްޑަރު ޖޮނަތަން ކަންޓިއާނާ އެވެ. އުމުރުން 32 އަހަރުގެ ކުޅުންތެރިޔާ މާޒިޔާ އަށް ސޮއި ކުރިކަން އެ ކުލަބުން ވަނީ ރަސްމީކޮށް އިއުލާން ކޮށްފަ އެވެ.
ކަންޓިއާނާ އަންނަނީ 2015 ވަނަ އަހަރުން ފެށިގެން ފަލަސްޠީނު ޤައުމީ ޓީމަށް ކުޅެމުންނެވެ. އެ އަހަރުގެ އޯގަސްޓު މަހުން ފެށިގެން ފަލަސްޠީނު ޤައުމީ ޓީމަށް އޭނާ ކުޅެމުން އަންނައިރު، މިހާތަނަށް ޤައުމީ ޓީމަށް ކުޅެދިން 30 މެޗުގައި ވަނީ 10 ލަނޑު ޖަހައިފަ އެވެ. ގިނަ ކުލަބުތަކަށް ވެސް ކުޅެފައިވާ ކަންޓިއާނާ އަކީ އޭޝިއާ ސަރަހައްދުގެ ކުލަބުތަކަށް ވެސް ކުޅެފައިވާ ތަޖުރިބާކާރު މިޑްފީލްޑަރެކެވެ.
މާޒިޔާ އިން ވަނީ މީގެ ކުރިން އޮސްޓްރޭލިއާގެ ދެ ކުޅުންތެރިޔެއްގެ އިތުރުން، ބްރެޒިލްގެ ދެ ކުޅުންތެރިޔަކު އަދި ކްރޮއޭޝިއާގެ ކުޅުންތެރިޔެއްގެ ސޮއި ވެސް ހޯދައިފަ އެވެ. މީގެ ތެރެއިން އެއް ކުޅުންތެރިޔަކީ ބްރެޒިލަށް ނިސްބަތްވާ ގޯލު ކީޕަރެކެވެ.
އޭއެފްސީ ޗެލެންޖު ލީގުގަައި މާޒިޔާ އޮތީ ގުރޫޕް ބީގަ އެވެ. އެ ގުރޫގައި މާޒިޔާގެ އިތުރުން ދެން ހިމެނެނީ ކުވޭތުގެ އަލް އަރަބީ، ތުރުކުމެނިސްތާންގެ އެފްސީ އާކަޑާ އަދި ކަޒަކިސްތާނުގެ އެފްސީ އަބްޑީޝް އަޓާ އެވެ. މި ގްރޫޕްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ކުވޭތުގަ އެވެ.
އޭއެފްސީ ޗެލެންޖު ލީގަށް މާޒިޔާ ތައްޔާރުވަމުން އަންނައިރު، މުބާރާތުގެ ފުރަތަމަ މެޗުގައި އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު މާޒިޔާ ނިކުންނާނީ އާކަޑާއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު މާޒިޔާ ނިކުންނާނީ އަލް އަރަބީއާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު މާޒިޔާ ނިކުންނާނީ އަބްޑީޝްއާ ދެކޮޅަށެވެ.