ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް ދިވެހިރާއްޖޭގެ ކަންކަން ރަނގަޅު ކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ހަރުގެ ޖަލްސާގައި މޫކޭ ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް ދޮގު ހައްދަވައިގެން ކަމަށެވެ. އަދި އެކަމުގެ ނަތީޖާ މުޅި ގައުމުން ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މޫކޭ ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންނަށް އޮޅުވާލައިގެން އައި ނަހަމަވެރިކަމެއް ކަމަށާއި، މި ސަރުކާރުގެ ވަޒީރުން ވެސް މިއީ ހަލާލު ވެރިކަމެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
މިސަރުކާރުން ދަނީ ރައްޔިތުން ނިކަމެތިކުރަމުންކަން ފާހަގަކުރައްވައި މޫކޭ ވިދާޅުވީ މިއަދު ރައްޔިތުންނަށް ސަލާން ޖަހައިގެން ވެސް އާސަންދަ ނުލިބޭ ކަމަށާއި، ވަޒީފާގެ ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ. މަސްވެރިން ކިރުވާ މަހަށް ފައިސާ ނުލިބޭ ކަމަށާއި، ރަށްރަށުގެ އައިސްޕްލާންޓްތައް ހުއްޓިފައިވާ ކަމަށް މޫކޭ ވިދާޅުވިއެވެ. އަދި ވިދާޅުވީ އަތޮޅުތެރޭގެ ތަރައްގީއަށް ކުރިއަށް ގެންދާ ހުރިހާ މަޝްރޫއުތައް ވެސް ހުއްޓުވާފައިވާ ކަމަށެވެ.
މޫކޭ ވިދާޅުވީ ފޮނި އުންމީދާއެކު ރައްޔިތުން ނުކުމެ ގައުމު ރައީސް މުއިއްޒާއި ހަވާލުކުރި ނަމަވެސް ރައްޔިތުންނަށް މިއަދު ލިބިފައިވަނީ ދޯކާއެއް ކަމަށެވެ.
އަޅުގަނޑުމެންނަށް ލައްކަ ގިނަ ބޮނޑި ބޮވިއްޖެ މިހިސާބަށް އައިރު. މިވެރިކަމުގެ ތެރޭގައި.މަސްވެރިން ބޮނޑި ބޮއެފި. ބަލި މީހާ ބޮނޑި ބޮއެފި. އެދުރުވެރިން ބޮނޑި ބޮއެފި. ސިފައިންނާ ފުލުހުން ވެސް ބޮނޑި ބޮއެގެން އެތިބީ. ސިފައިންގެ ތެރެއިން ބޭފުޅުން އެބަ ވިދާޅުވޭ އެއްވެސް ވެރިއަކު ވެރިންގެ ސެކިއުރިޓީ ބަލަހައްޓާ ބޭފުޅުންނާ ދިމާލަށް ނުބަވައޭ މިހާތަނަށް. އެކަމަކު މިހާރު ފާރާ ދިމާލަށް ބަލަހައްޓާގެން ހުރެ ހޭސްއޭ ކިޔާފަ ހަޅޭ ލަވާ ގަންނަ ގޮތަށް އެމީހުންނާ ދިމާލަށް ވެސް ހިތައް އެރިއެއްޗެއް އެބަ ކިޔާލައޭ.އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލީ މަނިކު
މުކޭ ވިދާޅުވީ ގައުމުގެ މިދަނީ ރަނގަޅު މިސްރާބަށް ނޫން ކަމަށާއި، ގައުމު ރަނގަޅު ކުރުމުގެ ފުރުސަތު އަދިވެސް ރައީސް މުއިއްޒަށް އެބައޮތް ކަމަށެވެ. ކަންކަން ރަނގަޅުކޮށް ގައުމާގެން ކުރިއަށްދާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ގައުމު ހަމަ މަގަށް އެޅުވުމަށް ރައީސް މުއިއްޒު މަސައްކަތް ނުކުރައްވާ ކަމަށްވާނަމަ ގައުމު ސަލާމަތް ކުރުމަށް ރައްޔިތުން ނުކުންނާނެ ކަމަށާއި، ރައްޔިތުންނާއެކު އެމްޑީޕީން ކުރިއަށްދާނެ ކަމަށް މުކޭ ވިދާޅުވިއެވެ.