ކ. މާލެ
|
28 ސެޕްޓެންބަރ 2024 | ހޮނިހިރު 00:55
އެމެރިކާއަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސެޕްޓެމްބަރު 26 ވަނަ ދުވަހު ޕްރިންސްޓަން ޔުނިވަރސިޓީގެ ދަރިވަރުންނާ ބޭއްވި ބައްދަލުވުމުގެ ތެރެއިން
އެމެރިކާއަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސެޕްޓެމްބަރު 26 ވަނަ ދުވަހު ޕްރިންސްޓަން ޔުނިވަރސިޓީގެ ދަރިވަރުންނާ ބޭއްވި ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ގައުމީ ތަރައްގީ
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއް ތަރައްގީއެއް ނުކުރެވޭނެ: ރައީސް ޑރ. މުއިއްޒު

ރާއްޖޭގެ 186 ރަށުގައި މީހުން ދިރިއުޅޭ ކަމަށާއި އެ ހުރިހާ ރަށެއް ތަރައްގީ ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު އެމެރިކާގެ ޕްރިންސްޓަން ޔުނިވަރސިޓީގެ ދަރިވަރުންނާ ބައްދަލު ކުރައްވާ ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި 1100 ރަށް އޮންނަ އިރު, އޭގެތެރެއިން 186 ރަށުގައި މީހުން ދިރިއުޅުމަކީ އެއީ ނިސްބަތުން ބޮޑު އަދަދެއް ކަމަށެވެ.

"އަޅުގަނޑުމެންނަކަށް 186 ރަށް ތަރައްގީ ކުރަން ފޯކަސް ބަހައްޓައިގެން ނުދެވޭނެ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްގީ ކުރިއަށް ގެންދަވާނެ ގޮތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ޕްލޭނަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތަކެއް ތަރައްގީ ކޮށް އެ ތަންތަނަށް މީހުން ޖަމާކުރުން ކަމުގައެވެ.

Advertisement

"އަޅުގަނޑުމެންގެ ޕްލޭނަކީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތަކެއް ހެދުން، ބައެއް ތަންތަން ވެރިކަން ކުރާ ސަރަހައްދުގައި، ބައެއް ތަންތަން އުތުރުގައި، ބައެއް ތަންތަން ދެކުނުގައި ގާއިމް ކޮށް، އެތަންތާނގައި ގެދޮރު އަޅާ، ވަޒީފާތައް އުފައްދާ، ހުރިހާ ބާވަތެއްގެ ސިނާއީ މަސައްކަތްތައް އުފައްދައިގެން މީހުން އެތަންތަނަށް ޖަމާކުރުން،" ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގައި ތަރައްގީ ކުރައްވަން ވިސްނަވާފައިވަނީ ކިތައް އާބަން ސެންޓަރު ކަމެއް މުއިއްޒު ވިދާޅެއް ނުވެއެވެ.

މުއިއްޒު ވިދާޅުވީ، ރަސްމާލެ އަކީ އެ ޕްލޭންގެ ތެރެއިން ތަރައްގީ ކުރާ ރަށެއް ކަމަށާއި، އެއީ ރާއްޖޭގެ ދެވަނަ މަސްނޫއީ ރަށް ކަމަށެވެ. ރަސްމާލެ ތަރައްގީ ކުރަނީ ސްމާޓް ސިޓީއެއްގެ ގޮތުގައި ކަމަށާއި، އެ ރަށުގައި ހުންނާނީ މުޅިން އިއާދަ ކުރަނިވި ހަކަތަ ކަމަށާއި، އާޓިފިޝަލް އިންޓެލިޖެންސާއި ޑިޖިޓަލް ޓެކޮނޮލޮޖީ އެކުލެވޭ ރަށެއްކަން ފާހަގަ ކުރައްވަމުން ރަސްމާލެ ތަރައްގީ ކުރުމަށް ބައިނަލް އަގްވާމީ މުޖްތަމައުން އެހީތެރިވެދިނުން އެދިވަޑައިގަންނަވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އަދި އެހެން އާބަން ސެންޓަރުތައް ވެސް ތަރައްގީ ކުރެވޭނީ އެގޮތައް ކަމަށާއި ކުރިއަށް ދާނެ މަގަކީ އެއީ ކަން ރައީސް މުއިއްޒު ފާހަގަ ކުރެއްވިއެވެ. މިކަމުގައިވެސް ހުރިހާ ފަރާތްތަކަކުން އެހީތެރިކަން ބޭނުންވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް