ކ. މާލެ
|
27 ސެޕްޓެންބަރ 2024 | ހުކުރު 16:00
ކުރީގެ ނައިބުރައީސް އަބްދުﷲ ޖިހާދު - ޗިޓް ހަވާލުނުކުރެވި އިސްތިއުނާފު މައްސަލަ އަނބުރާ ވަނީ ފޮނުވާލާފައި
ކުރީގެ ނައިބުރައީސް އަބްދުﷲ ޖިހާދު - ޗިޓް ހަވާލުނުކުރެވި އިސްތިއުނާފު މައްސަލަ އަނބުރާ ވަނީ ފޮނުވާލާފައި
ރައީސް އޮފީސް
ޖިހާދުގެ ކޮރަޕްޝަން މައްސަލަ
ހައިކޯޓުން ޖިހާދަށް ޗިޓް ފޮނުވީ ރަނގަޅު އެޑްރެހަށް، އެގޭގައި ތިބި މީހުން ޗިޓާއި ހަވާލުނުވި، ޖިހާދު ހުރީ ރާއްޖެއިން ބޭރުގައި
އޭސީސީއަށް މި މައްސަލަ ހުށަހެޅިފައިވަނީ 30 ސެޕްޓެމްބަރު 2015 ގައި
އަދީބު ދެއްކި ވާހަކަތަކުގެ ސައްޙަކަން ކަށަވަރު ކުރުމަށް ތަހުގީގުގައިވެސް މަސައްކަތްތަކެއް ކުރެވިފައި އޮންނަންޖެހޭ
އެޑްރެސް ހޯދަން މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން 15 ދުވަސް ވަނީ ދީފައި

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރެއްވި ކަމުގެ ދައުވާއާއި ގުޅިގެން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައިގައި ޖިހާދަށް ޗިޓް ފޮނުވީ ރަނގަޅު އެޑްރޭހަށް ކަމާއި، އެގޭގައި ތިބި މީހުން ޗިޓާއި ހަވާލުނުވި އިރު، ޖިހާދު ހުންނެވީ ރާއްޖެއިން ބޭރުގައިކަން ހާމަވެއްޖެއެވެ.

ކްރިމިނަލް ކޯޓޫން ބޭރުކޮށްލި މައްސަލައިގައި ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައާއި ގުޅިގެން ހައިކޯޓުން ބުނެފައިވަނީ 25 ޖުލައި 2024 ގައި ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން އިސްތިއުނާފުކުރުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، ހައިކޯޓުންގެ ގަޒިއްޔާއިން ބަލަމުންދާ މައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތްކަމުގައިވާ ކުރީގެ ނައިބުރައީސް އަބްދުﷲ ޖިހާދަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވަންވީ އެޑްރެހުގެ ގޮތުގައި އިސްތިއުނާދު ފޯމުގައި ބަޔާންކޮސްފައިވާ އެޑްރެހުން، ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރެވިފައި ނުވާ ކަމަށެވެ.

އަދި އިސްތިއުނާފު ރައްދުވާ އަބްދުﷲ ޖިހާދު މިހާރު އުޅޭ އެޑްރެސް ސާފުކުރުމަށް އެ ކޯޓުން ޕީޖީ އޮފީހަށް ފޮނުވާފައިވާ ސިޓީގެ ޖަވާބުގައި، ޕީޖީ އޮފީހުން ފޮނުވި ސިޓީގައި ބުނެފައިވަނީ އަބްދުﷲ ޖިހާދު ދިރިއުޅުއްވާ އެޑްރެހަކީ މ. ވެސްޓް ވިއު، 3 ވަނަ ފަންގިފިލާ ކަމަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ނަމަވެސް މައްސަލައިގެ ލިޔުންތައް ރައްދުކުރުމަށް އެ ކޯޓުން މަސައްކަތްކުރުމުން ލިޔުންތައް ރައްދުކުރެވިފައި ނުވާތީއާއި، ކޯޓަސް ހާޒިރުވުމުގެ އަމަރު ރައްދުކުރުމަށް އެ ކޯޓުން އެ އެޑްރޭހަށް ދިއުމުން އެގޭގައި ނޫޅޭކަމަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އެހެންކަމުން އިސްތިއުނާފު ރައްދުވާ އަބްދުﷲ ޖިހާދު ކޯޓަށް ހާޒިރުކުރެވޭނެ ގޮތެއް ހަމަޖެއްސުމަށްފަހު ނުވަތަ އަބްދުﷲ ޖިހާދު އުޅޭ އެޑްރެހެއް ސާފުކުރުމަށްފަހު މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި މި މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު ޕީޖީއަށް އޮތް ކަމަށް އަންގާ، މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ ތިއްތިފާގުން ވަނީ ދައުވާ ފޯމު އަނބުރާ ޕީޖީ އޮފީހަށް އަނބުރާ ފޮނުވާލުމަށް ނިންމާފައެވެ.

މި މައްސަލައާއި ގުޅިގެން ޕީޖީ އޮފީހުން ބުނެފައިވަނީ މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން 15 ދުވަސް ޕީޖީ އޮފީހަށް ލިބިފައިވުމާއެކު، އެކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ. އަދި ދައުވާ ފޯމުގައިވާ އެޑްރެހަކީ ރަނގަޅު އެޑްރެހެއް ކަމަށެވެ.

ރާއްޖެއެމްވީއަށް އިތުބާރުހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުން، ޖިހާދު މިވަގުތު ރާއްޖޭގައި ނެތެވެ. އަދި އޭނާ ދިރިއުޅޭ ގޭގައި އެހެން މީހުން ތިބި ނަމަވެސް އެ ގެއަށް ޗިޓް ފޮނުވުމުން އެގޭގެ އެއްވެސް މީހަކު ޗިޓާއި ހަވާލުވެފައި ނުވެއެވެ. މައުލޫމާތު ލިބުނު ގޮތުގައި ޗިޓް ފޮނުވީ ރަނގަޅު އެޑްރޭހަށެވެ. އަދި ޖިހާދު މާލޭގައި ދިރިއުޅެމުން އަންނަނީ މ. ވެސްޓް ވިއު، 3 ވަނަ ފަންގިފިލާގައެވެ. އަދި އެގޭގެ މީހުން ޗިޓާއި ހަވާލުނުވީ ޖިހާދު މިވަގުތު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާތީއެވެ.

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރެއްވި ކަމުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައިވަނީ މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ. މި އަޑު އެހުމަކީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމެކެވެ.

ޖިހާދުގެ ފަރާތުން 6 ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ.

Advertisement

އޭގެ ތެރެއިން ޖިހާދާ އެއްކޮޅަށް ނިމުނު މައިގަނޑު އެއް ނުކުތާއަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކޮށް ނިންމާފައިވާ މައްސަލައެއް އަލުން ތަހުގީގު ކުރާއިރު، އަލުން ތަހުގީގު ކުރާ ސަބަބު ބުނެދޭން ޖެހުނުނަމަވެސް އެ ސަބަބު ބުނެދެވިފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

އޭސީސީއަށް މި މައްސަލަ ހުށަހެޅިފައިވަނީ 30 ސެޕްޓެމްބަރު 2015 ގައެވެ. މި މައްސަލައިގައި ކޮރަޕްޝަން ނުހިމެނޭކަމަށް އޭސީސީގެ ތަހުގީގުން ނިންމާފައިވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ.

ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ، އޭސީސީން ތަހުގީގު ނިންމިތާ 4 އަހަރު ފަހުން އަލުން އެ މައްސަލައިގެ ތަހުގީގެއް ރިޔާސީ ކޮމިޝަނުން ފަށާއިރު، ތަހުގީގު ފަށާ ސަބަބު ޖިހާދަށް ބުނެދީފައި އޮންނަންޖެހޭނެ ކަމަށެވެ. އެގޮތުން މި މައްސަލައިގައި ހުށަހެޅިފައިވާ ލިއެކިއުންތަކަށް ބަލާއިރު، ޖިހާދަށް ޤާނޫނީ އިންޒާރު ދެވިފައިވާކަން އެނގެން އޮންނަ ކަމަށާއި، ނަމަވެސް ތަހުގީގު ފެށި ސަބަބު ބުނެދެވިފައިވޭތޯ ސުވާލު އުފެދިފައިވާ ކަމަށެވެ.

އަދި އެ ސުވާލަށް ދައުލަތުން ވަކި ރައްދެއް ދީފައިނުވާކަންވެސް ގާޒީ ފާހަގަ ކުރެއްވިއެވެ.

މި މައްސަލައިގައި ލިބުނުކަމަށް ބުނާ އައު ހެއްކަކީ 2022 ވަނަ އަހަރުގެ ޖުލައި މަހު އަދީބު ތަހުގީގަށް ދީފައިވާ ބަޔާނެވެ. ނަމަވެސް އެ ހެކީގެ ސައްޙަކަން ކަށަވަރު ކުރުމަށް އެއްވެސް މަސައްކަތެއް ދައުލަތުން އަދި ތަހުގީގުގައިވެސް ކޮށްފައިނުވާކަމަށް ދިފާއުން ފާހަގަކުރިއެވެ.

ގާޒީ އިތުރަށް ވިދާޅުވީ، މި މައްސަލައިގައި އަހުމަދު އަދީބު ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އޭރު އަދީބަކީވެސް ތުހުމަތުތަކެއް ކުރެވޭ ފަރާތެއް ކަމަށާއި، އެހެންކަމުން އަދީބު ދައްކާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް އެ ވާހަކަތަކުގެ ސައްޙަކަން ކަށަވަރު ކުރުމަށް ތަހުގީގުގައިވެސް މަސައްކަތްތަކެއް ކުރެވިފައި އޮންނަންޖެހޭނެ ކަމަަަށެވެ. ނަމަވެސް މި މައްސަލައިގެ ތަހުގީގުގައި އެފަދަ މަސައްކަތެއް ކުރެވިފައި އޮތްކަން އެނގޭކަށް ނެތެވެ.

އެހެންކަމުން ތަހުގީގަށް އޭގެ އުނިކަން އައިސްފައިވާ ކަމަށާއި، ތަހުގީގުގައި ފުރިހަމަވާންޖެހޭ އަސާސީ ކަންކަން ފުރިހަމަ ނުވާކަމަށް ގާޒީ ވިދާޅުވިއެވެ. އުނިކަން ހުރި ތަހުގީގެއްގެ މައްޗަށް މި ދައުވާ ކުރިއަށް ގެންދެވޭނެކަމަށް ދެކިނުލައްވާކަންވެސް ގާޒީ ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ގާޒީ ވަނީ މި ދައުވާ ކްރިމިނަލް ކޯޓުގައި ބެލޭނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް