ކ. މާލެ
|
26 ސެޕްޓެންބަރ 2024 | ބުރާސްފަތި 17:39
ރައީސް މުއިއްޒު އުޅުއްވަނީ ބޭކާރު ޚަރަދުކޮށް އދ ގައި ބަޔަކަށް ފޮނި ދެއްކެވުމުގައި
ރައީސް މުއިއްޒު އުޅުއްވަނީ ބޭކާރު ޚަރަދުކޮށް އދ ގައި ބަޔަކަށް ފޮނި ދެއްކެވުމުގައި
ރާއްޖެއެމްވީ ގްރެފިކްސް
މަގޭ ރިޕޯޓް
ރައްޔިތުންގެ ފައިސާގައި ރައީސް ފޮނިދެއްކެވުމުގައި، މަސްވެރިޔާ އަށް އެތައް ލައްކަ ރުފިޔާ އަކަށް ސަރުކާރު ދަރާފަ!
އދ ގެ ދަތުރުފުޅަށް ކުރައްވާ ބޮޑު ޚަރަދުން ބައެއް ދާންދޫގެ މަސްވެރިންނަށް ދެއްވިނަމަ މިއަދު ފިޝަރީސް މިނިސްޓްރީގެ ވަފްދު އެ ރަށުން ބޭރެއް ނުކުރީހެވެ.
ޚަބަރުގެ އޯޑިއޯ

ކޮންމެ ދުވަހަކު ވެސް ރިޕޯޓް ނިންމާލުމަށްފަހު ނިންމައިގެން ހުންނަނީ މިކަމާ ގުޅޭ ގޮތުން އިތުރު އެއްޗެއް ނުބުނާށެވެ. އެކަމަކު ފެންނަ މަންޒަރުތަކާ އިވޭ އަޑުތަކުން ގަލަމުގެ ދޯރި ޖަހާލައިގެން ހުރެވޭ ވަރެއް ނޫނެވެ. މިއަދު ވެސް މިއޮތް އިވުނު އަޑެއް ބައްލަވާށެވެ. ދާންދޫ އަށް އަރަން ދިއަ ފިޝަރީޒް މިނިސްޓްރީގެ ވަފުދެއް ރަށަށް ނާރުވާ ފަހާލި ވާހަކަ އެވެ. މަސްވެރިންނަށް ފައިސާ ނުދޭތާ މަހެއްވީ ވާހަކައެވެ. ލައްކަ ލައްކަ އިން މަސްވެރިންނަށް ސަރުކާރު ދަރާ އޮތް ވާހަކަ އެވެ. އޭގެ ކުރީ ދުވަހު އިވުނީ އައްޑޫ ސިޓީ ކަނު އަނދިރީގައި އޮތް ވާހަކައެވެ. ރައްޔިތުން ގައިން ތާހިރު ނުވެވިފައި ތިބި ވާހަކަ އެވެ. އެކަމަކު ރައީސް މުއިއްޒު އުޅުއްވަނީ އދ ގައި ބަޔަކަށް ފޮނި ދެއްކެވުމުގައެވެ. އެކަމަށްޓަކައި މިލިއަނުން ޚަރަދު ކުރައްވަނީ އެވެ.

ވީއިރު އެއްޗެކޭ ނުބުނެ އެއްޗެއް ލިޔެނުލާ ހުންނާނީ ކިހިނަކުންތޯއެވެ. ރައީސްގެ އެ ދަތުރުފުޅަށް މިލިއަނުން އެހެރަ ކުރައްވަމުން ގެންދަވާ ޚަރަދުތައް މަޑުޖައްސަވާލެއްވި ނަމަ ދާންދޫގެ މަސްވެރިން އެހާލަކު ނުޖެހުނީ ނޫންތޯއެވެ. އައްޑޫ ސިޓީގެ ރައްޔިތުން ކަރަންޓު ނެތިގެން ގައިން ތާހިރުނުވެވިފައި ތިބޭކަށް ވެސް ނުޖެހުނީހެއް ނޫންތޯއެވެ. ސޯޅަ ރަށެއްގެ ނަރުދަމާގެ ނިޒާމް ހުއްޓާލައިފިއެވެ. ސަބަބަކަށް ދައްކަނީ ފައިސާ ނެތުމެވެ. ކަމެއް ހިނގާ އެއްރަށެއް ވެސް ނެތެވެ. ރަށުތެރެއަކު ފައިސާއެއް ނުއެނބުރުމެވެ. ވިޔަފާރިއެއް ނުހިނގައެވެ. އެކަމަކު ދުނިޔޭގެ އެއްމެ މުއްސަނދި ގައުމެއްގެ ވެރިއަކު ވެސް ނު އުދުހޭ ވަރަށް ރައީސް އެމެރިކާގައި އުދުހެނީއެވެ.

މީހުން އެ ދައްކަނީ ހައްތަހާވެސް ރަނގަޅު ވާހަކަތާއެވެ. ކަން އޮތްގޮތާއި ވިދާޅުވާ އެއްޗަކާ ދިމާ އިނދިކޮޅެވެ. އދ ގައި ހުންނަވައިގެން އިޒްރޭލް ސިފައިން އަލްޖަޒީރާއަށް ކުރާ ޖެއްސުމުގެ ވާހަކަ ދައްކަވަމުން ވިދާޅުވީ އެއީ ހަގީގަތް ލޯމަތިން ފޮރުވަން އިޒްރޭލުން ކުރާ ކަމެއް ކަމުގައެވެ. މިހެން ވިދާޅުވާއިރު އަމިއްލަފުޅަށް ވެރިކަން ކުރައްވާ ގައުމުގެ ނޫސްވެރިކަމަށް ހައްދަވަނީ ކިހިނެއްތޯއެވެ. އާރުޓީއައި އަކަށް ޖަވާބެއް ނުލިބެއެވެ. މައުލޫމާތު ހާމައެއް ނުކުރައްވައެވެ. ހިޔާލު ފާޅުކުރާ މީހުން ހައްޔަރުކޮށް މައްސަލަބަލަނީ އެވެ. ރުހިވަޑައިނުގަންނަވާ ގޮތަށް އެއްޗެއް ލިޔެފި ނަމަ އެ ނޫހަކާ ދޭތެރޭ ވެސް ފިޔަވަޅު އަޅުއްވަނީ އެވެ. ތިމާއަށް އެއްކީލި ނޫން މީޑިއާތައް ބައްލަވައިގެން ސްޕޮންސަރތައް ކަނޑުއްވަނީއެވެ. އެކަމަކު އދ ގައި ހުންނަވައިގެން ދައްކަވަނީ މުޅިން އެހެން ވާހަކަ އެކެވެ. ޑިވޮލޮޕްމަންޓް ބޭންކެއް ހައްދަވައިފި ކަމަށް ވިދާޅުވެ އދ ގައި ފޮނިކެނޑުއްވި އިރު ޖުލައި މަހުގައި ފަށަން ބުނި ބޭންކް ފެށޭނެ ދުވަހެއް އަދިވެސް ނޭނގެއެވެ. ކެބިނެޓްގެ ހުރިހާ ވަޒީރުން ހުރިހާ މަސައްކަތެއް ހުއްޓަވާފައި ރައީސްގެ ދަތުރުފުޅު އިސްތިހާރު ކުރައްވަން އަރުވާ ޖަހާފައި ނުކުމެ ތިއްބެވި އިރު ވައުދުތައް ހުރީ ހުރި ތާނގައެވެ. ދޭދޭ ގައުމުތަކަށް އިހުތިރާމް ކުރަންޖެހޭ ކަމަށާއި އެހީތެރިވާންޖެހޭ ކަމަށް ވިދާޅުވެ އދ ގައި ވާހަކަފުޅު ދައްކަވާއިރު ވެރިކަމަށް ވަޑައިގެންނެވީ އަވައްޓެރި އެންމެ ބޮޑު ގައުމަށް ރަތްމަހަށް ނުގޮވާހާ އެއްޗެހި ގޮވަމުންނެވެ.

އިގްތިސާދު ދައްކަމަށާއި، ލޯނުތައް ގިނަކަމަށާއި، ދަރަނި ބޮޑު ކަމަށް ވިދާޅުވެ ރާއްޖެކަހަލަ ކުދި ގައުމުތަކަށް އެހީ ބޭނުންވާ ކަމަށް ތަކުރާރުކޮށް ވިދާޅުވާއިރު ސަރުކާރުގެ މޫނުމަތި ރީތިކުރުމަށް ޚަރަދުތައް ކުރާ ގޮތުން ހީވަނީ ޖޫދަރުގެ ކޮތަޅު އަތްޕުޅަށް އަރައިގެން އުޅުއްވާ ހެންނެވެ. ތިމާވެށީގެ މައްސަލަތައް ދުނިޔޭގެ ސަމާލުކަމަށް ނައިސްގެން ޗާޓެއް ހިއްޕަވައިގެން އދ ގެ ޕޯޑިއަމް ކައިރީގައި ހުންނެވި އިރު އަމިއްލަފުޅު ސަރުކާރުން އެންމެ ފަހުން ފެއްޓެވި ތެލުގެ މަޝްރޫޢުވެސް ފެއްޓެވީ ތިމާވެއްޓަށް ކުރާނެ އަސަރު ބަލަން ހަދާ އީއައިއޭ ވެސް ނުހައްދަވައެވެ.

މިހާވަރަށް ބަހާ އަމަލާ ދިމާނުވީމާ މީހުން އެކިޔާ ނަމެއް ކިޔާކަށް އަޅުގަނޑެއް ނެތީމެވެ. މުނާފިގުންގެ ތިން ސިފަ އާއި އެ ތިން ސިފަ ފުރިހަމައަށް ހުރީ ކޮން ބޭފުޅެއްގެ ކިބައިގައި ކަން ނަމާ އެއްކޮށް މީހުން ބުންޏަސް އެ ނަން އަޅުގަނޑު ލިޔާކަށް ނެތީމެވެ. އެކަމަކު މިހާވަރުވީމާ އަނެއްކާ ވެސް އެއްޗެކޭ ބުނެލެވޭތޯ ބެލީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް