ކ. މާލެ
|
25 ސެޕްޓެންބަރ 2024 | ބުދަ 23:04
ފަލަސުރުހީ ޕްރޮގްރާމްގައި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝަރީފް ވާހަކަދައްކަވަނީ
ފަލަސުރުހީ ޕްރޮގްރާމްގައި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝަރީފް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ޑިމޮކްރަސީއާ ދެކޮޅަށް މަސައްކަތް ކުރުން
މި ސަރުކާރުން އަމަލުކުރަމުންދަނީ ޑިމޮކްރަސީގެ ނަމުގައި ޑިމޮކްރަސީއާ އިދިކޮޅަށް: ޝަރީފް
މި ސަރުކާރުގެ ބޭފުޅުންގެ އަމަލުތަކުން ގައުމު އިގްތިސާދީ އަނދަވަޅަކަށް ވެއްޓޭ މަންޒަރު ފެނޭ
20 ވަނަ މަޖިލީހުން މަސައްކަތް ކުރަނީ ސަރުކާރަށްޓަކައި، ރައްޔިތުންނަކަށް ނޫން
މި ސަރުކާރުން ދައްކާ ވާހަކަތަކާއި އަމަލުތަކާ ދިމާނުވޭ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން އަމަލުކުރަމުންދަނީ ޑިމޮކްރަސީގެ ނަމުގައި ޑިމޮކްރަސީއާ އިދިކޮޅަށް ކަމަށް ކެލާ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޝަރީފް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ރައްޔިތުންނަށް ވަރަށް އުންމީދީ ވައުދުފުޅުތައް ވެވަޑައިގެންނެވި ކަމަށެވެ. ނަމަވެސް މިސަރުކާރުގެ މިހިސާބަށް އައިރު އެއްވެސް އުންމީދެއް މިގައުމުން ނުފެންނަ ކަމަށާއި، މިސަރުކާރުގެ ބޭފުޅުންގެ އަމަލުތަކުން ގައުމު އިގްތިސާދީ އަނދަވަޅަކަށް ވެއްޓޭ މަންޒަރު ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން ނަގާފައިވާ ލޯނުތަކަށް އިޝާރާތް ކުރައްވައި ޝަރީފް ވިދާޅުވީ ކުރީ ސަރުކާރުތަކުން ލޯނު ނަގާފައިވަނީ ލޯނު ދެއްކޭނެ ފުރިހަމަ ޕްލޭންތަކާއެކު ކަމަށާއި، އަންނަ ސަރުކާރުތަކުން އެއަށް އަމަލު ކުރަންޖެހޭ ކަމަށެވެ. އަދި ލޯނު ނަގާފައިވަނީ ތަރައްގީގެ މަޝްރޫއުތަކަށް ކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް ރައްޔިތުންނަށް މިކަންކަން އޮޅުވާލުމަށް މިސަރުކާރުން މަސައްކަތް ކުރާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

Advertisement

މީގެ އިތުރުން ޝަރީފް ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކޮށްފައިވަނީ ރައްޔިތުންނަށްޓަކައި ކަމަށާއި، ރައްޔިތުންނަށް ގެއްލުމެއް ނުވަތަ ދަތިތަކެއް ކުރިމަތިވާއިރު، ކަމާގުޅޭ ކޮމެޓީއަށް ނުވަތަ ކަމާގުޅޭ ވަޒީރު ގެނެސްގެން ސުވާލުކޮށް މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެގޮތަށް މަސައްކަތް ކުރާ މަންޒަރު ނުފެންނަ ކަމަށާއި، ފެނިގެންދަނީ ސަރުކާރުން ބުނާހާ ގޮތަކަށް މެންބަރުން މަސައްކަތް ކުރާ މަންޒަރު ކަމަށެވެ.

ޝަރީފް ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރަނީ ޑިމޮކްރަސީގެ ނަމުގައި ޑިމޮކްރަސީއާ އިދިކޮޅަށް ކަމަށެވެ. އެކަން ރައްޔިތުންގެ މަޖިލީހުން ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް މިހާރު މުޅި މަޖިލީހުން ފެންނަނީ އެހެެން ގޮތަކަށް މިފެންނަނީ ޖަވާބުދާރީ ކުރުމެއް ނެތް ވަޒީރަކާ ސުވާލު ކުރުމެއް ނެތް. ހަމައެކަނި ސަރުކާރުން ބުނާ އެއްޗެއް ސަރުކާރުން ބުނާ ގޮތަކަށް މަޖިލީހުގެ ތެރޭގައި މެންބަރުންނަށް ވެސް އަމަލުކުރެވެނީ. އެހެންވީމަ އަޅުގަނޑުމެންނަށް މިފެންނަނީ ވަރަށް ބޮޑަށް ދެ ބާރު މަސްހުނިވެފައިވާތަން. ސަރުކާރާ މަޖިލީހާ ހަގީގަތުގައި ވަކި ދެ ބާރު. އެހެންނަމަވެސް މިދެ ބާރުތައް މިފެންނަނީ މަސްހުނިވެފައިވާތަން. އެހެންވީމަ މިއީ ޑިމޮކްރަސީއަށް ވެސް ރައްޔިތުންނަށް ވެސް ވަރަށް ދެރަ ގޮތެއް ވަރަށް ނިކަމެތި ގޮތެއް މިފެންނަނީ.
ކެލާ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝަރީފް

ޝަރީފް ވިދާޅުވީ މި ސަރުކާރުން ދައްކާ ވާހަކަތަކާއި އަމަލުތަކާ ދިމާނުވާ ކަމަށާއި، އެކަމުގެ ގެއްލުން ރައްޔިތުންނަށް ވަމުންދާ ކަމަށެވެ.

މީގެ އިތުރުން އިޒްރޭލްގެ ޕާސްޕޯޓު ބޭން ކުރުމުގެ މަސައްކަތުގައި ވެސް ރައްޔިތުންނަށް އޮޅުވާލުމަށް މިސަރުކާރުން މަސައްކަތް ކުރާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ވިދާޅުވީ އިޒްރޭލްގެ ޕާސްޕޯޓު ބޭން ކުރުމުގެ ބިލުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ނުކުރާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް