Advertisement
ކ. މާލެ
|
24 ސެޕްޓެންބަރ 2024 | އަންގާރަ 18:48
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ - ޖަލު ބަންދުގައި ތިބޭ މިހުން މަރުވުމުގެ ހާދިސާތައް ތަކުރާރުވަމުންދާކަން ފާހަގަކޮށްފައިވޭ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ - ޖަލު ބަންދުގައި ތިބޭ މިހުން މަރުވުމުގެ ހާދިސާތައް ތަކުރާރުވަމުންދާކަން ފާހަގަކޮށްފައިވޭ
ސަން އޮންލައިން
ޖަލުގައި މީހަކު މަރުވުން
ޖަލު ބަންދުގައި ހުއްޓާ މަރުވި މީހާގެ މިނިވަން ތަހުގީގެއް ހިންގައި އެ ތަހުގީގު އާންމުކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް އެމްޑީޕީން ގޮވާލައިފި
ދައުލަތުގެ ބެލުމުގެ ދަށުން ބަންދުގައި ހުންނަ ކޮންމެ މީހެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ގާނޫނީ ގޮތުން ސަރުކާރުގެ މައްޗަށް ލާޒިމު ކަމެއް ކަމަށް ބުނެފައިވޭ
މަރުވި ގައިދީ ޖަލު ގޮޅީގައި ހަރަކާތްތެރިވަމުންދިޔަ ގޮތް ރަނގަޅަށް ބަލައި އެކަށީގެންވާ ވަގުތުގައި ފިޔަވަޅު އެޅުމުގައި އިހުމާލުތަކެއް އޮތް ކަމަށް އެމްޑީޕީ އަށް ގަބޫލު ކުރާ ކަމަށް ބުނެފައިވޭ

ޖަލު ބަންދުގައި ހުއްޓާ މަރުވި މީހާގެ މިނިވަން ތަހުގީގެއް ހިންގައި އެ ތަހުގީގު އާންމުކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ން ގޮވާލައިފި އެވެ.

ޖަލު ބަންދުގައި ތިބޭ މިހުން މަރުވުމުގެ ހާދިސާތައް ތަކުރާރުވަމުންދާތީ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން އަންގާރަ ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އަނެއްކާވެސް، ޖަލު ބަންދުގައި ހުރި މީހަކު މަރުވުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ އިހުމާލު އޮތް ކަމަށް ބެލުމުގެ ޖާގަ އޮތްއިރު މިކަމުގެ ފުރިހަމަ މިނިވަން ތަހުގީގެއް ހިންގައި އެ ތަހުގީގު އާންމުކުރުމަށް ދިވެހިރައްޔިތުންގެ ޕާޓީން ދައުލަތުގެ މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ. މި ތަހުގީގުތަކުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް މިފަދަ ހާދިސާތައް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅުތައް އެޅުމަށް ވެސް ހުރިހާ އިދާރާއަކަށް އެމްޑިޕީން ވަނީ ގޮވާލާފައެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި 62 އަހަރުގެ ފިރިހެނަކު މާފުށީ ޖަލުގައި އަންގާރަ ދުވަހު އަމިއްލައަށް މަރުވިކަމުގެ ހިތާމަވެރި ޚަބަރު ލިބިފައިވާތީ، ޖަލު ބަންދުގައި ތިބޭ މިހުން މަރުވުމުގެ ހާދިސާތައް ތަކުރާރުވަމުންދާކަން ފާހަގަކޮށްފައި ވެއެވެ.

Advertisement

އެމްޑީޕީން އިތުރަށް ބުނެފައިވަނީ މިކަން ހިނގައިފައިވަނީ، މި ސެޕްޓެންބަރު މަހުގެ ކުރީކޮޅު މާލޭގައި އަންހެނަކު ރަހީނުކުރި އާދަމް އަތުހަރު ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ކަސްޓޯޑިއަލްގައި ހުއްޓައި އޭނާ އަމިއްލައަށް މަރުވުމަށް މަސައްކަތް ކުރުމުން، މާލެ ގެނެސް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އޭނާ ނިޔާވި މައްސަލައިގައި އާއްމު ރައްޔިތުންނާއި މި ޕާޓީން ނުހަނު ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލައިގައި ފުރިހަމަ ތަހުގީގެއް ހިންގުމަށާއި، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި ފިޔަވަޅުތައް އެޅުމަށް ގޮވައިލައިފައި ވަނިކޮށް ކަމަށާއި، އަނެއްކާވެސް މިފަދަ ހާދިސާއެއް ހިނގުމަކީ އެ ޕާޓީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

ދައުލަތުގެ ބެލުމުގެ ދަށުން ބަންދުގައި ހުންނަ ކޮންމެ މީހެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ގާނޫނީ ގޮތުން ސަރުކާރުގެ މައްޗަށް ލާޒިމު ކަމެއް ކަމަށްވާއިރު، ދާދިފަހުން މި ބާވަތުގެ އެހެން ހާދިސާއެއް ހިނގައިފައި ވާއިރު، މި ގައިދީ ޖަލު ގޮޅީގައި ހަރަކާތްތެރިވަމުންދިޔަ ގޮތް ރަނގަޅަށް ބަލައި އެކަށީގެންވާ ވަގުތުގައި ފިޔަވަޅު އެޅުމުގައި އިހުމާލުތަކެއް އޮތް ކަމަށް އެމްޑީޕީ އަށް ގަބޫލު ކުރެވޭ ކަމަށް އެޕާޓީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް