ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިންގ ޑިރެކްޓަރ (އެމްޑީ) އިސްމާއިލް ސުހައިލް އަޑީގައި ހުންނަވައިގެން އެކުންފުނީގެ ތެޔޮބޯޓުތަކުން ނުއަގުގައި ތެޔޮ ވިއްކަވައިގެން ކަރަޕްޝަން ހިންގަވާ ކަމުގެ ތުހުމަތު ކުރެވޭ އިތުބާރުހުރި މައުލޫމާތު ރާއްޖެއެމްވީއަށް ލިބިއްޖެއެވެ.
ރާއްޖެއެމްވީއަށް ވާހަކަދެއްކި އެފްއެސްއެމްގެ ބައެއް މުވައްޒަފުން ކިޔައިދިން ގޮތުގައި އެމްޑީ މި ކޮރަޕްޝަން ހިންގަވަނީ އެފްއެސްއެމްގެ ދެ މުވައްޒަފަކު ބޭނުންކޮށްގެންނެވެ. މައުލޫމާތު ހާމަނުކުރުމަށް ޝަރުތުކޮށް އެ މުވައްޒަފުން ކިޔައިދިން ގޮތުގައި، ތެޔޮ ބޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ލައްވާ ތެޔޮ ވިއްކައިގެން ލިބޭ ފައިސާގެ ތެރެއިން ބައެއް އެމްޑީއަށް ދޭން އަންގާފައި އޮންނަ ކަމަށްވެއެވެ. އެގޮތުން ހަފްތާއަކު، ހަތަރު ލައްކަ ރުފިޔާ އާއި ފަސްލައްކަ ރުފިޔާ އާ ދެމެދުގެ އަދަދެއް ތެޔޮ ވިއްކައިގެން ނަގާ ކަމަށާއި، އޭގެ ތެރެއިން މަދުވެގެން ލައްކަ އަކަށް ވުރެ ގިނަ ރުފިޔާ ކޮންމެ ދުވަހަކުވެސް އެމްޑީގެ ފަރާތުން އަންނަ ދެމީހަކަށް ހަވާލުކުރާ ކަމަށް ވެއެވެ.
ރާއްޖެއެމްވީ އަށް ލިބިފައިވާ ބައެއް ވީޑިއޯ ފުޓޭޖްތަކުން ފެންނަ ގޮތުން، މި ފައިސާ ހިފައިގެން އަންނަ މީހަކު ކާރެއްގައި އައިސް ފައިސާ ހަވާލުވާ މީހާގެ ކައިރިއަށް މަޑުކޮށް ފައިސާ ހަވާލުކުރެއެވެ.
ކޭޝްގެ އިތުރުން ޓްރާންސްފަރ ގެ ގޮތުގައިވެސް ބައެއް ފަހަރު ފައިސާ ފޮނުވާ ކަމުގެ މައުލޫމާތު ވެސް ރާއްޖެއެމްވީއަށް ވަނީ ލިބިފައެވެ. އަދި ގިނައިން މިފައިސާ ފޮނުވަނީ ކޭޝްގެ ގޮތުގައި ކަމަށް ވެސް މައުލޫމާތު ދިން މުވައްޒަފުން ރާއްޖެއެމްވީއަށް ބުނެފައިވެއެވެ.
މިގޮތުން، ރާއްޖެއެމްވީ އަށް ލިބިފައިވާ ބައެއް ޓްރާންސްފަރ ސްލިޕް ތަކުގެ ތެރެއިން ސީދާ އެމްޑީގެ އެކައުންޓަށް ފައިސާ ފޮނުވާފައިވާ ސްލިޕަކާއި އެމްޑީގެ މަސްލަހަތު އޮންނަ ޖަމިއްޔާއެއް ކަމަށް ވާ "ސޮސައިޓީ ފޯ މައި ޑިވެލޮޕްމަންޓް" އަށް ފައިސާ ފޮނުވާފައިވާ ސްލިޕެއް ވެސް ވަނީ ފާހަގަކުރެވިފައެވެ.
މީގެއިތުރުން ތެޔޮ ބޯޓުތަކުން ވިއްކާ ތެލުން ލިބޭ ފައިސާ މި ޖަމިއްޔާގެ އެކައުންޓަށްވެސް އެތައް ފަހަރަކު ފޮނުވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިކަމުގައި އެމްޑީއަށް މިފައިސާ ހޯދައިދިނުމުގައި މަސައްކަތް ކުރަނީ އެފްއެސްއެމްގެ ދެ މުވައްޒަފުންގެ ތަފްސީލްވެސް މި ނޫހަށް ވަނީ ލިބިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަތައް ފެންމަތިވެ ކުންފުނީގެ ބޯޑުން މި މައްސަލަ ބަލަންފެށިކަމަށާއި، ނަމަވެސް މި މައްސަލަ މިހާރު ވަނީ ހުއްޓިފައި ކަމަށް މައުލޫމާތު ލިބެއެވެ.
މިތުހުމަތު ތަކާ ގުޅިގެން އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އޭނާ ފޯނު ނުނަގަންވާތީ ކާމިޔާބުވާގޮތް ވަނީ ނުވެފައެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ތެރޭގައި ހިނގަމުންދާ މިފަދަ ބޮޑެތި ކަރަފްޝަނަށް ތުހުމަތު ކުރެވޭ އެތައް މައްސަލައެއް ވަނީ ފެންމަތިވެފައެވެ.