ކ. މާލެ
|
23 ސެޕްޓެންބަރ 2024 | ހޯމަ 16:46
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު
ރާއްޖެ އެމްވީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު
މީޑިއާ ތަކުގެ މެދުގައި ތަފާތު ކުރުން ގެންގުޅުމާއި، ނުރުހޭ މީޑިއާތައް އެއް ފަރާތް ކުރުން!
ރައީސް ނުރުހޭ ވާހަކަ ދައްކާ މީޑިއާތައް އެއްފަރާތް ކުރުމަށްފަހު، ރުހޭ ވާހަކަ ދައްކާ މީޑިއާ ތަކަށް ދައުވަތު ދީގެން އެ މީޑިއާތަކާ ބައްދަލު ކުރެއްވީ އެވެ.

މިދިޔަ ހަފުތާ އަކީ ތަންކޮޅެއް ބުރަކޮށް އުޅެން ޖެހުނު ހަފުތާ އެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުން ބާއްވާލެއް ގިނަ ކަމުންނެވެ. މިދިޔަ ހަފުތާގެ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުން ބާއްވައިފި އެވެ. މީޑިއާތައް ހިމަނައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަދާފައިވާ މީޑިއާ ގުރޫޕުގައި އެކަން ރަސްމީކޮށް އަންގައިގެންނެވެ. އެކި ދުވަހު ބައްދަލު ކުރައްވަނީ އެކި ވަޒީރުންނެވެ.

ސަރުކާރުން މީޑިއާތަކާ ދުރު ވާހަކަ އާއި، ނޫސްވެރިން ބޭނުންވާ ބައެއް މައުލޫމާތު ހޯދުމަށް އުނދަގޫ ވާހަކަ އަކީ އަބަދުމެ ނޫސްވެރިން ދައްކަމުން އަންނަ ވާހަކަ އެކެވެ. ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތަކުގެ ނިންމުން ހާމަކުރުމަށް، ކޮންމެ ހަފުތާ އަކު ޤަވައިދުން ބާއްވާނެ ކަަމަށް ބުނި ނޫސްވެރިންގެ ބައްދަލުވުން ވެސް ބޭއްވުނީ މަދު ހަފުތާ އަކު އެވެ. ރައީސުލްޖުމްހޫރިއްޔާއަށް އަމާޒުކޮށް، އާންމުން ކުރާ ސުވާލުތަކަށް ޖަވާބު ދިނުން ހުއްޓިއްޖެ އެވެ. ހުއްޓުނު ސަބަބެއް ބުނެދޭކަށް ނޭނގެ އެވެ. ފަހަރުގައި ރައީސުލްޖުމްހޫރިއްޔާ މަތިން އާންމުން ފޫހިވެ، އާންމުން ސުވާލު ކުރަން ބޭނުން ނުވަނީ ކަމަށް ވެސް ވެދާނެ އެވެ!

ވަޒީރުން މެދުވެރިކޮށް ބާއްވަމުން އައި އަހާ ފޯރަމްގެ ނަން ވެސް ގަނެލާާނެ މީހަކު މިހާރަކު ނެތެވެ. ފަހަރުގައި "އަހާ ފޯރަމް"، "ނާހާ ފޯރަމް" އަށް ބަދަލުވީ ކަމަށް ވެސް ވެދާނެ އެވެ. ނުވަތަ، އާންމުންގެ ޝަކުވާ ބޮޑުވެފައިވާއިރު، އެކަމުގެ ސުވާލުތައް ފުނި ފުންޏަށް އައިސްދާނެތީ ސަރުކާރުން ޖެހިލުން ވަނީ ކަމަށް ވެސް ވެދާނެ އެވެ. ޔަޤީނުން ވެސް، ކަށަވަރު ކަމާ އެކު ދަންނަވަން ކެރޭ ވާހަކަ އަކީ، އެ ފޯރަމް ހުއްޓިފައިވާ ކަމެވެ.

މިދިޔަ ހަފުތާގައި ސަރުކާރުން ނޫސްވެރިންގެ ބައްދަލުވުން ބާއްވާލެއް ގިނަކަމުން އަޅުގަނޑު ވެސް ބުނީމެވެ. އާނއެކެވެ. މިހާރު ނޫސްވެރިންގެ ބައްދަލުވުން ބާއްވާ މިންވަރު ރަނގަޅު ވެއްޖެ އެވެ. ދެން ރަނގަޅު ކުރަންވީ، ނޫސްވެރިން ކުރާ ސުވާލުތައް "އޮއްބައި" ނުލައި، ރަނގަޅަށް ޖަވާބު ދެއްވުމެވެ. އަދި ނޫސްވެރިންނާ ގާތް ގުޅުމެއް ބާއްވަވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވާއިރު، ރައީސްގެ ނޫސްވެރިންގެ ބައްދަލުވުމަކަށް އިންތިޒާރު ކުރާ ވާހަކަ ވެސް ބުނީމެވެ. އެކަން ވެސް ކައިރި މުސްތަޤުބަލެއްގައި ވާނެ ކަމަށް އޮތީ ބުނެފަ އެވެ.

އެހެން ނަމަވެސް، ހުކުރު ދުވަހު ފެނުނީ މުޅިން އެހެން މަންޒަރެކެވެ. އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް މުޢިއްޒު ފުރާ ވަޑައިގެންނެވީ ހުކުރު ދުވަހުގެ ރޭ އެވެ. އެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަ ކުރެއްވި އެވެ. އެކަމަކު، އެ ދަތުރަށް ފުރާ ވަޑައިގެންނެވުމުގެ ކުރިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވާ، ރައީސް މުޢިއްޒު ވަނީ "ބައެއް މީޑިއާ" ތަކާ ބައްދަލު ކުރައްވައިފަ އެވެ. އެތަނަށް ދައުވަތު ދީގެން ގެންދިޔައީ ވަކި މީޑިއާ ތަކެކެވެ.

އާންމު އުސޫލެއްގެ ދަށުން ނޫސްވެރިންގެ ބައްދަލުވުން އޮންނަ ވާހަކަ އާއި، އެކަމުގެ ދައުވަތު ދެމުން އަންނަ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މީޑިއާ ގުރޫޕުގައި ވެސް، އެ ނޫސްވެރިންގެ ބައްދަލުވުމުގެ ދައުވަތު ދީފައެއް ނުވެ އެވެ. އެހެންކަމުން، އެ ތަނަށް ގެންދިޔައީ ރައީސް މުޢިއްޒު އަދި ސަރުކާރުން ބޭނުންވި ވަކި މީޑިއާތަކެކެވެ. އެއަށްފަހު އެމަނިކުފާނު ދައްކަވަން ބޭނުންފުޅުވި ވާހަކައެއް ދެެއްކެވުމަށް ފަހު ވަޑައިގެންނެވީ އެވެ. ރައީސް ނުރުހޭ ވާހަކަ ދައްކާ މީޑިއާތައް އެއްފަރާތް ކުރުމަށްފަހު، ރުހޭ ވާހަކަ ދައްކާ މީޑިއާ ތަކަށް ދައުވަތު ދީގެންނެވެ.

ހަޤީގަތަށް ދަންނަވާނަމަ، މިއީ ބަލައި ގަންނަން އުނދަގޫ ކަމެކެވެ. ރުހޭ ވާހަކަ ދެއްކިޔަސް، ނުރުހޭ ވާހަކަ ދެއްކިޔަސް، ހުރިހާ މީޑިއާތަަކަށް ދައުވަތު ދޭން ޖެހޭނެ އެވެ. ރައީސް މުޢިއްޒު މީޑިއާ ތަކަށް ފިއްލަވައިގެން އުޅުއްވާތާ ލައްކަ ދުވަސް ވެއްޖެ އެވެ. ނޫސްވެރިންގެ ސުވާލު ތަކާ ކުރިމަތިލާނެ ހިތްވަރާއި، ގަޓު ރައީސް މުޢިއްޒުގެ ކިބައިގައި ނެތީ އެވެ. އެ ނޫން ނަމަ، މިގޮތަށް ވަކި މީޑިއާތަކަކަށް ދައުވަތު ދީގެން، އެހެން މީޑިއާތަކަށް ފިއްލަވައިގެން ނޫޅުއްވާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް