އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ މޮޅުވެއްޖެ އެވެ.
ވެސްޓް ހޭމްގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗު ޗެލްސީން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ފަހު ހާފުގަ އެވެ.
މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ޗެލްސީން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ޖޯޑަން ސަންޗޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ ނިކޮލަސް ޖެކްސަން އެވެ. އޭގެ ފަހުން މެޗުގެ 18 ވަނަ މިނެޓުގައި ޖެކްސަން ވަނީ އިތުރު ލަނޑެއް ޖަހައި، ޗެލްސީގެ ލީޑު ފުޅާ ކޮށްފަ އެވެ. އޭނާ އެ ލަނޑު ޖެހީ މޮއިސަސް ކަސެއިޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ޗެލްސީގެ ތިން ވަނަ ލަނޑު ޖެހީ ކޯލް ޕާމާ އެވެ. އެއީ ފުރަތަމަ ދެ ލަނޑު ޖެހި ޖެކްސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕާމާ ޖެހި ލަނޑެކެވެ.
މި ނަތީޖާ އާއެކު ޗެލްސީ ވަނީ ލީގު ތާވަލްގެ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު ފަަސް މެޗުން 10 ޕޮއިންޓު ހޯދައިގެންނެވެ. ތިން މެޗުން ޗެލްސީ މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ ބަލިވެފަ އެވެ. އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.