ކ. މާލެ
|
22 ސެޕްޓެންބަރ 2024 | އާދީއްތަ 09:58
ޑަބަލްސް އިވެންޓުގައި ވާދަކުރާ ލައިބާ އާއި ލައިބާގެ ޕެއާ ޕާޓްނަރު
ޑަބަލްސް އިވެންޓުގައި ވާދަކުރާ ލައިބާ އާއި ލައިބާގެ ޕެއާ ޕާޓްނަރު
ރާއްޖެ އެމްވީ
ލައިބާ އަޙުމަދު މަޚްލޫފް (އެލީ)
ޑަބަލްސް އިވެންޓުގެ ސެމީ ފައިނަލްގައި ލައިބާގެ ޕެއާ
ސެމީ ފައިނަލް އިން ލައިބާގެ ޕެއާ އަށް ޖާގަ ލިބުނީ ގުރޫޕުގެ ދެ ވަނައިގަ އެވެ.

ޖޯޖިއާ ގައި ކުރިއަށްދާ ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙުމަދު މަޚްލޫފް (އެލީ)، މުބާރާތުގެ ޑަބަލްސް އިވެންޓުގެ ސެމީ ފައިނަލް އިން ވެސް ޖާގަ ހޯދައިފި އެވެ.

ޑަަބަލްސް އިވެންޓުގައި ލައިބާގެ ޕެއާ ޕާޓްނަރަކީ އަރްމޭނިއާގެ އަނިތާ އާޒުމަންޔަން އެވެ. މި ދެ ކުޅުންތެރިން ވަނީ ޑަބަލްސް އިވެންޓުގެ ގުރޫޕް ސްޓޭޖުގައި ތިން މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން ދެ މެޗުން މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ ބަލިވެފަ އެވެ. ސެމީ ފައިނަލް އިން ލައިބާގެ ޕެއާ އަށް ޖާގަ ލިބުނީ ގުރޫޕުގެ ދެ ވަނައިގަ އެވެ.

ޑަބަލްސް އިވެންޓުގެ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ލައިބާގެ ޕެއާ އިން ވަނީ ތުރުކީގެ ޕެއާގެ މައްޗަށް ދެ ސެޓު އެއް ސެޓުން ކުރި ހޯދައިފަ އެވެ. ދެ ވަނަ މެޗުގައި ލައިބާ އަދި އާޒުމަންޔަންގެ ޕެއާ އިން ވަނީ އަޒަރްބައިޖާންގެ ޕެއާ ސީދާ ދެ ސެެޓުން ބަލިކޮށްފަ އެވެ. ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ލައިބާ އަަދި އާޒުމަންޔަންގެ ޕެއާ ނިކުތީ ކަޒަކިސްތާންގެ ޕެއާއަކާ ދެކޮޅަށެވެ. އެ މެޗުން ލައިބާމެންގެ ޕެއާ ބަލިވީ ދެ ސެޓު އެއް ސެޓުންނެވެ.

މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުގައި ވެސް ލައިބާ ވަނީ ވާދަކޮށްފަ އެވެ. އެ އިވެންޓުގައި ލައިބާގެ ޕެއާ ޕާޓްނަރަކީ އަރްމޭނިއާގެ އެރިކް އެލޯޔަން އެވެ. މިކްްސް ޑަބަލްސް އިވެންޓުގައި ކުޅުނު ތިން މެޗުގެ ތެރެއިން، ލައިބާ އަދި އެލޯޔަންގެ ޕެއާ މޮޅުވީ އެއް މެޗުންނެވެ. އަނެއް ދެ މެޗުން ވަނީ ބަލިވެފަ އެވެ.

ބައިނަލްއަޤުވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކޮށް، މެޑަލް ހޯދަމުން އަންނަ ލައިބާ ވަނީ ޖޯޖިއާ މުބާރާތުގެ ދެ އިވެންޓެއްގެ ސެމީ ފައިނަލް އިން ފުރުސަތު ހޯދައިފަ އެވެ. އެއީ ސިންގަލްސް އިވެންޓުގެ އިތުރުން، ޑަބަލްސް އިވެންޓުންނެވެ. ސެމީ ފައިނަލް މެޗުތައް ކުރިއަށް ދާނީ އާދިއްތަ ދުވަހު އެވެ.

ބެޑްމިންޓަންގެ ގިނަ މުބާރާތްތަކެއްގައި ވާދަކޮށް ލައިބާ ވަނީ މިހާތަނަށް ބައިނަލްއަޤުވާމީ 11 މެޑަލް ހޯދައިފަ އެވެ. މިއަހަރުގެ މިހާތަނަށް ލައިބާ ވަނީ ހަތަރު މެޑަލް ހޯދައިފަ އެވެ. މީގެ އިތުރުން ސައުދީ އަރަބިޔާގައި އޮތް ސައުދީ އޯޕަންގައި ވާދަކޮށް ވެސް ލައިބާ ވަނީ މެޑަލް ހޯދައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް