ކ. މާލެ
|
21 ސެޕްޓެންބަރ 2024 | ހޮނިހިރު 10:29
ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙުމަދު މަޚްލޫފް (އެލީ)
ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙުމަދު މަޚްލޫފް (އެލީ)
ރާއްޖެ އެމްވީ
ލައިބާ އަޙުމަދު މަޚްލޫފް
ޖޯޖިއާ މުބާރާތުގެ ކުއާޓާ ފައިނަލުން ލައިބާ ޖާގަ ހޯދައިފި
މުބާރާތުގެ 13 އަހަރުން ދަށުގެ ސިންގަލްސް އިވެންޓުގައި ވާދަކޮށް ލައިބާ ވަނީ ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދައިފަ އެވެ.

ޖޯޖިއާ ގައި ކުރިއަށްދާ ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙުމަދު މަޚްލޫފް (އެލީ)، މުބާރާތުގެ ކުއާޓާ ފައިނަލް އިން ޖާގަ ހޯދައިފި އެވެ.

ޖޯޖިއާގެ ބަޓުމީގައި ކުރިއަށްދާ، ބަޓުމީ ކަޕް - ޔޫތު އިންޓަނޭޝަނަލް މުބާރާތުގެ 13 އަހަރުން ދަށުގެ ސިންގަލްސް އިވެންޓުގައި ވާދަކޮށް ލައިބާ ވަނީ ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދައިފަ އެވެ. އެއީ ލައިބާ ހިމެނުނު ގުރޫޕް ސީގެ ދެ ވަނަ ކުޅުންތެރިޔާގެ ގޮތުގަ އެވެ. ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި އަޒަރްބައިޖާންގެ ކުޅުންތެރިޔަކާ ވާދަކޮށް ލައިބާ ބަލިވީ ވާދަވެރި ކުޅުމަށްކަށްފަހު، ދެ ސެޓު އެއް ސެޓުންނެވެ.

ދެ ވަނަ މެޗުގައި ލައިބާ ވަނީ އަރްމޭނިއާގެ ކުޅުންތެރިޔާގެ މައްޗަަށް ސީދާ ދެ ސެޓުން ކުރި ހޯދައިފަ އެވެ. ކުއާޓާ ފައިނަލްގެ ފުރުސަތު ލައިބާ އަށް ލިބުނު މެޗަކީ، ތުރުކީގެ ކުޅުންތެރިޔަކާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗު ވެސް ލައިބާ ކާމިޔާބު ކޮށްފައި ވަނީ ސީދާ ދެ ސެޓުންނެވެ. މުބާރާތުގައި ލައިބާ ކުޅޭ ކުއާޓާ ފައިނަލް މެޗު އޮންނާނީ އާދީއްތަ ދުވަހު އެވެ.

މުބާރާތުގެ ތިން އިވެންޓެއް ގައި ލައިބާ ވާދަކުރާނެ އެވެ. އެއީ 13 އަހަރުން ދަށުގެ ސިންގަލްސް ބައިގެ އިތުރުން، ޑަބަލްސް އިވެންޓު އަދި މިކްސް ޑަބަލްސް އިވެންޓުގަ އެވެ. ޑަބަލްސް އިވެންޓުގައި ލައިބާގެ ޕެއާ ޕާޓްނަރަކީ އަރްމޭނިއާގެ އަނިތާ އާޒުމަންޔަން އެވެ. މީގެ އިތުރުން މިކްސް ޑަބަލްސް އިވެންޓުގައި ލައިބާގެ ޕެއާ ޕާޓްރަނަކީ، އަރްމޭނިއާގެ އެރިކް އެލޯޔަން އެވެ.

ޖޯޖިއާގައި މި މުބާރާތް ކުރިއަށް ދާނީ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި އަރްމޭނިއާ، އަޒަރްބައިޖާން، ތުރުކީ، ކަޒަކިސްތާންގެ އިތުރުން ޖޯޖިއާގެ ޓޮޕް ރޭންކިންގެ ކުޅުންތެރިން ވާދަ ކުރާނެ އެވެ.

ސެޕްޓެމްބަރު މަހުގެ ކުރީ ކޮޅު ލައިބާ ވަނީ ސްލޮވޭނިއާ ގައި ކުރިއަށް ދިޔަ މިރްނާ އިންޓަނޭޝަނަލް ޔޫތު މުބާރާތުގައި ވާދަކޮށް ލޯ މެޑަލް ހޯދައިފަ އެވެ. އެ މުބާރާތުން ލައިބާ ލޯ މެޑަލް ހޯދާފައި ވަނީ 13 އަހަރުން ދެށުގެ ޑަބަލްސް ބައިންނެވެ.

ބެޑްމިންޓަންގެ ގިނަ މުބާރާތްތަކެއްގައި ވާދަކޮށް ލައިބާ ވަނީ މިހާތަނަށް ބައިނަލްއަޤުވާމީ 11 މެޑަލް ހޯދައިފަ އެވެ. މިއަހަރުގެ މިހާތަނަށް ލައިބާ ވަނީ ހަތަރު މެޑަލް ހޯދައިފަ އެވެ. މީގެ އިތުރުން ސައުދީ އަރަބިޔާގައި އޮތް ސައުދީ އޯޕަންގައި ވާދަކޮށް ވެސް ލައިބާ ވަނީ މެޑަލް ހޯދައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް