ކ. މާލެ
|
20 ސެޕްޓެންބަރ 2024 | ހުކުރު 14:32
ޖެނިންގެ ކައިރީގައިވާ ޤަބަޠިޔާ ގައި އިޒްރޭލުން ހަމަލާދީ ޝަހީދުކޮށްލާފައިވާ ބައެއްގެ ހަށިތައް ކައިރީގައި އިޒްރޭލް ސިފައިންގެ މީހަކު ހުއްޓިގެން
ޖެނިންގެ ކައިރީގައިވާ ޤަބަޠިޔާ ގައި އިޒްރޭލުން ހަމަލާދީ ޝަހީދުކޮށްލާފައިވާ ބައެއްގެ ހަށިތައް ކައިރީގައި އިޒްރޭލް ސިފައިންގެ މީހަކު ހުއްޓިގެން
ރޮއިޓާސް
ޣައްޒާ ހަނގުރާމަ
ފަލަސްތީނު މީހެއްގެ ހަށިގަނޑު ފުރާޅެއްގެ މަތިން އިޒްރޭލު ސިފައިން ބޫޓުންތަޅާ ވައްޓާލާ އަނިޔާވެރި ވީޑިއޯ އެއް ހާމަވެއްޖެ
ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން އިޒްރޭލުގެ މި ޢަމަލު ސިފަކޮށްފައިވަނީ އިޒްރޭލުގެ "އަނިޔާވެރިކަން" ހާމަކޮށްދޭ "ޖަރީމާ" އެއްގެ ގޮތުގައި

މަރުވެފައިވާ ފަލަސްތީން މީހެއްގެ ހަށިގަނޑު ރަހުމު ކުޑަކޮށް އިމާރާތެއްގެ ފުރާޅުމަތިން އިޒްރޭލް ސިފައިންގެ މީހަކު ބޫޓުން ތަޅަމުން ބިންމައްޗަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯ އެއް ހާމަވެއްޖެއެވެ.

އިޒްރޭލުން ހިފާފައިވާ ހުޅހަނގު އައްސޭރީގެ ޤަބަޠިޔާ ގައި ހިނގި ލާއިންސާނީ މި ހާދިސާ އާ ގުޅިގެން ފަލަސްތީނުގެ އާންމުންނާއި އިސްވެރިން އަންނީ ނުރުހުމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކްސް ގައި ކުރި ޕޯސްޓެއްގައި ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން އިޒްރޭލުގެ މި ޢަމަލު ސިފަކޮށްފައިވަނީ އިޒްރޭލުގެ "އަނިޔާވެރިކަން" ހާމަކޮށްދޭ "ޖަރީމާ" އެއްގެ ގޮތުގައެވެ.

މި ވީޑިއޯ ހަލުއި ކަމާއެކު ފަލަސްތީނުގައި ފެތުރެމުންދާ އިރު ވީޑިއޯ އިން ފެންނަ މަންޒަރާ ބެހޭ ގޮތުން ފަލަސްތީނުގެ އާންމުން ބުނެފައިވަނީ މިއީ ވަރަށް ބިރުވެރި އަދި ހިތާމަވެރި މަންޒަރުތަކެއް ކަމަށާއި ނަމަވެސް، އިޒްރޭލަކީ މިފަދަ ދަށުދަރަޖައިގެ ލާއިންސާނީ އަމަލުތައް ހިންގުމުގެ ރެކޯޑެއް އޮތް ބަޔަކަށް ވާއިރު، ޙަޤީޤަތުގައި ފަލަސްތީނު ރައްޔިތުން މިކަމާ އެހާ ބޮޑަށް ހައިރާން ނުވާކަމުގައެވެ.

އިޒްރޭލުން ހިސޯރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ޤަބަޠިޔާގައި އިޒްރޭލު ސިފައިން ހިންގި ރެއިޑެއްގައި ފަލަސްތީނުގެ 5 މީހުން ޝަހީދުވެފައިވާއިރު، ހުޅަނގު އައްސޭރީގެ ޖެނިންގައި ވެސް އިޒްރޭލް ސިފައިން ގެންދަނީ ފަލަސްތީނު ރައްޔިތުންނަށް ހަމަލާ ދެމުންނެވެ.

ޣައްޒާ ސިޓީއަށް އިޒްރޭލުން ދިން ނުރައްކާތެރި ދެ ހަމަލާއެއްގައި 12 ފަލަސްތީނު މީހުން ޝަހީދުވެއްޖެ ކަމަށް ފަލަސްތީނުގެ ސިވިލް ޑިފެންސްއިން ބުނެފައިވެއެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާ އަށް ހަމަލާތައް ދޭން ފެށިފަހުން މިހާތަނަށް މަދުވެގެން ފަލަސްތީނުން 41،272 މީހުން ޝަހީދުވެ، 95،551 މީހުން ޒަޚަމްވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް