Advertisement
ކ. މާލެ
|
19 ސެޕްޓެންބަރ 2024 | ބުރާސްފަތި 17:55
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވާހަކަދައްކަވަނީ
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
މަތީ ތައުލީމަށް ދޫކުރާ ލޯނު
މަތީ ތައުލީމަށް ކިޔަވާ ދަރިވަރުންގެ ލޯނަށް 473 މިލިޔަންއަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވޭ: މިނިސްޓަރު މާރިޔާ
1300ށް ވުރެ ގިނަ ދަރިވަރުންނަށް ލޯނު ދޫކުރުމަށް ނިންމާފައިވޭ
މި މަހުގެ 214 ދަރިވަރުން ކިޔެވުމަށް ފުރާއިރު، މިއަހަރު ޖުމްލަ 180 މިލިޔަނަށް އަށް ވުރެ ގިނަ ފައިސާ ދޫކުރާނެ

މިއަހަރުގެ މިހާތަނަށް މަތީ ތައުލީމަށް ކިޔަވާ ދަރިވަރުންގެ ލޯނަށް 473 މިލިޔަންއަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ ލޯނު ދޫކުރުމުގެ މަސައްކަތްތައް މިހާރު ވެސް ކުރަމުންދާ ކަމަށާއި، މަސައްކަތް ކުރަމުންދަނީ ޚިދުމަތް އަވަސް ކުރުމަށް ކަމަށެވެ.

Advertisement

މިއަހަރު ލޯނު ދިނުމަށް 1300ށް ވުރެ ގިނަ ދަރިވަރުން ވަނީ ހޮވިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު މާރިޔާ ވިދާޅުވީ ލޯނުގައި ކިޔަވަމުންދާ ދަރިވަރުންނަށް ލޯނުގެ ފައިސާ ކޮންމެ ހަމަހަކުން ދޫކުރަމުންދާ ކަމަށާއި، މިއަހަރުގެ މިހާތަނަށް 473 މިލިއަން އަށްވުރެ ގިނަ ރުފިޔާ ދޫކުރެވިފައިވާ ކަމަށެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ޚާއްސަ އިސްކަމެއްދީގެން ސެޕްޓެންބަރު މަހު ކިޔަވަން ފަށާ ދަރިވަރުންނަށް ލޯނުގެ ފައިސާ ދޫކުރަމުންދާ ކަމަށާއި، އޮކްޓޫބަރު، ނޮވެންބަރު އަދި ޑިސެންބަރު މަހު ކިޔަވަން ފަށާ ދަރިވަރުންނަށް ވެސް ފައިސާ ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިމަހުގެ 214 ދަރިވަރުން ކިޔެވުމަށް ފުރާއިރު، މިއަހަރު ޖުމްލަ 180 މިލިޔަނަށް އަށް ވުރެ ގިނަ ފައިސާ ދޫކުރާނެ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މިއަހަރު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދެއްވުމަށް. އެއީ އަޅުގަނޑުމެން އިސްވެ ދެންނެވި ފަދައިން މުސްތަގުބަލަށް ކުރެވޭ ބޮޑު އިންވެސްޓްމަންޓަކަށްވާތީ. އެހެންކަމުން މިއަހަރު ލޯނު ދިނުމަށް 1300ށް ވުރެ ގިނަ ދަރިވަރުން ވަނީ ހޮވިފައި. މިދިޔަ އަހަރު ވެސް ވަރަށް ގިނަ ދަރިވަރުންނަށް ލޯނު ދޭ ގޮތަށް ވަނީ ނިންމަވާފައި. އެހެންނަމަވެސް އެ ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުންނަށް ލޯނު ފުރަތަމަ ޕޭމަންޓް ދިނުމުގެ މަސައްކަތް ވެސް ކުރަންޖެހުނީ މިސަރުކާރަށް. ވީމާ މިދިޔަ އަހަރުގެ ދަރިވަރުންނާ މިއަހަރުގެ ދަރިވަރުންނާ އަދި ލޯނުގައި ކިޔަވަމުންދާ ދަރިވަރުންނަށް ލޯނުގެ ފައިސާ ކޮންމެ ހަމަހަކުން ހަމަހަކުން މިގެންދަނީ ދޫކުރަމުން. މިއަހަރުގެ މިހާތަނަށް 473 މިލިއަން އަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކުރެވިފައި. އަދި މިހާރު ވެސް ހުއްޓުމެއްނެތި ލޯނު ދޫކުރުމުގެ މަސައްކަތްތައް ކޮންމެ ދުވަހަކުހެން ދަނީ ކުރެވެމުން.
ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ

މިނިސްޓަރު މާރިޔާ ވިދާޅުވީ ފައިސާ ޖަމާކުރަނީ ކިޔަވާ ދަރިވަރުންގެ އެކައުންޓްތަކަށް ކަމަށާއި، ނުވަތަ އެދަރިވަރުން އިހުތިޔާރުކޮށް އަންގާފައިވާ އެކައުންޓްތަކަށް ކަމަށެވެ. އަދި މާލިއްޔަތު ގާނޫނާއި ގަވާއިދު ތަންދޭނަމަ ދަރިވަރު ކަނޑައަޅާ އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރަމުންދާ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު މާރިޔާ ވިދާޅުވީ ލޯނުދޭން ހުޅުވާލަނީ ވަކި ގައުމުތަކެއްގައި ކިޔެވޭ ގޮތަށް ކަމަށެވެ. ނަމަވެސް ދަރިވަރު ބޭނުންވާ ގައުމުތަކުގެ ތެރެއިން ގައުމެއްގައި ކިޔެވުމަށް ހިނގާ ހަރަދު އެހެން ގައުމެއްގައި ކިޔަވަން ބޭނުންވިޔަސް ލޯނުގެ ފައިސާ ދޫކުރާ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް