ކ. މާލެ
|
17 ސެޕްޓެންބަރ 2024 | އަންގާރަ 07:20
އަލް-މަވާސީގައި އިޒްރޭލުގެ ހަމަލާތަކުގައި މަރުވި ކުޑަކުއްޖެއްގެ ހަށިގަނޑު މީހަކު އަތްމަތީގައި އުފުލަނީ
އަލް-މަވާސީގައި އިޒްރޭލުގެ ހަމަލާތަކުގައި މަރުވި ކުޑަކުއްޖެއްގެ ހަށިގަނޑު މީހަކު އަތްމަތީގައި އުފުލަނީ
އަނަދޮލޫ
ޣައްޒާ ހަނގުރާމަ
ހޯމަ ދުވަހު ޣައްޒާގެ އެކިތަންތަނަށް އިޒްރޭލުން ބޮން އަޅާ 35 މީހުން ޝަހީދުކޮށްލައިފި
އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 41,226 ށް ވަނީ އަރާފައި
ޚަބަރުގެ އޯޑިއޯ

ޣައްޒާގެ އެކި ސަރަޙައްދުތަކަށް ބޮންއަޅާ ހޯމަ ދުވަހު މަދުވެގެން 35 ފަލަސްތީނު މީހުން ޝަހީދުކޮށްލައިފިއެވެ.

ހޯމަ ދުވަހުގެ އަނިޔާވެރި ހަމަލާތަކުގައި އެންމެ ގިނަ މީހުން ޝަހީދުވީ ނުސީރަތު ރެފިއުޖީ ކޭމްޕުގައި ހުރި ގެއަކަށް ބޮންއެޅުމުންނެވެ. އެ ހަމަލާގައި 10 މީހުން ޝަހީދުވެފައިވެއެވެ.

ހޯމަދުވަހުގެ ލޭއޮހުރުވުންތަކަށް ފަހު ޣައްޒާ ސްޓްރިޕްގެ މެދުތެރޭގައި ހުންނަ ދީރް އަލް-ބަލާހުގެ އަލް-ބަރަކާ ސަރަޙައްދުގައި ހުރި، ގެދޮރު ގެއްލިފައިވާ މީހުން ތިބި ޓެންޓުތަކަށް އިޒްރޭލްގެ މަތިންދާބޯޓުތަކުން ބޮން އެޅުމުގެ ސަބަބުން ދެ މީހުން ޝަހީދުވެ، އިތުރު މީހުންނަށް އަނިޔާވެފައިވެއެވެ.

އޭގެ ފަހުން ޣައްޒާ ސިޓީ އަށް އިޒްރޭލުން ބޮންއަޅާ އިތުރު 3 މީހުން ޝަހީދު ކޮށްލައިފި ކަމަށް ފަލަސްތީނުގެ ސިވިލް ޑިފެންސް ފޯސް އިން ބުނެފިއެވެ. އިޒްރޭލުގެ ހަނގުރާމަމަތީ ބޯޓުތަކުން ޣައްޒާ ސިޓީގެ ސަބްރާ ސަރަހައްދުގެ ގެއަކަށް ބޮން އެޅުމުގެ ސަބަބުން ޝަހީދުވި މި 3 މީހުންގެ ތެރޭގައި އަންހެނަކާ ކުޑަކުއްޖަކު ހިމެނެއެވެ. މިހަމަލާގައި އެތައް ބަޔަކު ޒަޚަމްވި ކަމަށް ވަފާ ނިއުސް އޭޖެންސީން ބުނެއެވެ.

ފަލަސްޠީނު ރެފިއުޖީންގެ ކަންތައް ބަލަހައްޓާ އދ. ގެ އޭޖެންސީ (އަންރްވާ) އިން ވަނީ ޣައްޒާގެ އަންމު ސާފުތާހިރުކަމުގެ ހާލަތު ދަށަށްދާ ކަމުގެ އިންޒާރުދީފައެވެ. މެއްސާއި، މީދަލާއި، ބަލިފަތުރާ ދިރޭތަކެތިގެ އާބާދީ ކޮންޓްރޯލެއް ނެތި އިތުރުވަމުން ދިއުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ ސިއްޙަތަށް ނުރައްކާވަމުން ދާކަމަށް ބުނެފައިވެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން މިސްރަށް ކުރައްވަން ހަމަޖެހިފައިވާ ތިން ދުވަހުގެ ދަތުރުފުޅުގައި "ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާނެ" ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާއިން ބުނެފައިވަނީ، އަދިވެސް މަޝްވަރާތަކުގެ މެދުވެރިންގެ ގޮތުގައި ތިބި މިޞްރާއި ޤަޠަރާއެކު މަސައްކަތްކުރަމުން ދާކަމަށާއި، ބަދަލުތަކާ އެކު އައު ހުށަހެޅުމެއް ހުށަހެޅުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ. ނަމަވެސް މި ހުށަހެޅުން ހުށަހަޅާނެ ވަގުތަކާ ބެހޭގޮތުން އިތުރު ތަފްޞީލެއް ދީފައެއް ނުވެއެވެ.

އެހެންނަމަވެސް ޙަމާސްގެ އޮފިޝަލެއްކަމަށްވާ ޣާޒީ ޙަމަދު ހާމާކޮށްފައިވާ ގޮތުގައި، ހަނގުރާމަ އަށް ނިމުން ގެންނަން އެމެރިކާއިން އިޒްރޭލަށް އެކަށީގެންވާ މިންވަރަށް ޕްރެޝަރު ކުރަމުންނެއް ނުދެއެވެ. އެނާ ބުނި ގޮތުގައި ހަނގުރާމަ ހުއްޓުވަން ކަމަށް ބުނެ، އެމެރިކާއިން މިހާރު މި ކުރާ މަސައްކަތަކީ "ކުރިން ނާކާމިޔާބު ވެފައިވާ ތަޖުރިބާ" އަލުން ތަކުރާރު ކުރަނީ ކަމުގައެވެ.

އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 41,226 ށް އަރާފައި ވާއިރު މިހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު، 95,413 ށް ވަނީ އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް