Advertisement
ކ. މާލެ
|
16 ސެޕްޓެންބަރ 2024 | ހޯމަ 17:56
ހޯމަ ދުވަހު ޖުޑިޝަރީ ކޮމެޓީގައި އައްބާސް ޝަރީފް ވާހަކަދައްކަވަނީ
ހޯމަ ދުވަހު ޖުޑިޝަރީ ކޮމެޓީގައި އައްބާސް ޝަރީފް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކުރުން
ރައްޔިތުންގެ އިތުބާރު ލިބިފައިވާ ނިޒާމަކަށް ޖިނާއީ އަދުލުގެ ނިޒާމު ހަދާނަން: އައްބާސް
ޖިނާއީ އަދުލުގެ ނިޒާމަކީ ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހުގައި އެކަނި ހިމެނޭ ނިޒާމެއް ނޫން
ޕީޖީ އޮފީހަކީ އިންސާފުވެރިކަމާއެކު މަސައްކަތް ކުރާ، އަވަސް ޚިދުމަތެއް ލިބޭ ތަނަކަށް ހަދާނެ
ބެއިލް ސިސްޓަމް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރާނަން

ރައްޔިތުންގެ އިތުބާރު ލިބިފައިވާ ނިޒާމަކަށް ޖިނާއީ އަދުލުގެ ނިޒާމު ހަދާނެ ކަމަށް ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެފެއާޒް އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ކަމުގެ މަގާމަށް އައްޔަންކުރަން ރައީސް ޑރ.މުހައްމަދު މުއިއްޒު ހުށަހަޅުއްވާފައިވަނީ އައްބާސްގެ ނަންފުޅު އެކަންޏެވެ. ހޯމަ ދުވަހު ޖުޑިޝަރީ ކޮމެޓީގައި ވަނީ އޭނާއާއި އިންޓަވިއު ކޮށްފައެވެ.

Advertisement

މި އިންޓަވިއުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އައްބާސް ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމަކީ ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހުގައި އެކަނި ހިމެނޭ ނިޒާމެއް ނޫން ކަމަށެވެ. މިއީ ޕްރޮސެކިއުޓަރ ޖަނަރަލް އޮފީހުންގެ އިތުރުން ތަހުގީގީ އިދާރާތަކުން އަދި ކޯޓުތަކުގައި ހިމެނޭ ނިޒާމެއް ކަމަށެވެ.

އައްބާސް ވިދާޅުވީ ޕީޖީގެ މަގާމަށް އައްޔަން ކުރެވޭ ހިސާބުން ޕީޖީ އޮފީހުގެ ކަންތައްތައް ހުރި ގޮތް ރަނގަޅަށް ބަލައި ދިރާސާ ކުރުމަށްފަހު، ލިބިފައިވާ މައުލޫމާތުގެ އަލީގެ ހުރިހާ ސްކޭޓްހޯލްޑަރުންނާ މަޝްވަރާ ކުރެވޭނެ ކަމަށެވެ. ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހަކީ އަދި ޚާއްސަކޮށް މި ނިޒާމަށް ގެއްލެމުންދާ އިތުބާރު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް އައްބާސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޕީޖީ އޮފީހަކީ އިންސާފުވެރިކަމާއެކު މަސައްކަތް ކުރާ، އަވަސް ޚިދުމަތެއް ލިބޭ ތަނަކަށް ހަދާނެ ކަމަށެވެ.

އޭގެ އިތުރުން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި މަޖިލިސް ވެސް އޭގެ ތެރޭގައި މަޖިލީހުގެ ރޯލެއް ވެސް އޭގެ ތެރޭގައި ވަރަށް ބޮޑަށް އޮންނަ ނިޒާމެއް ނިޒާމަކީ. އެއާއެކު އެޓާނީ ޖެނަރަލްގެ ރޯލެއް ވެސް އޮންނަ ނިޒާމެއް ނިޒާމަކީ. އެހެންވީމަ އަޅުގަނޑުގެ ތަސައްވުރަކީ މިހާރު ޕީޖީ އޮފީހުގެ ކަންތައްތައް ހުރި ގޮތް ރަނގަޅަށް ދިރާސާ ކުރުމަށްފަހު އަދި މީގެ ކުރިން އަޅުގަނޑަށް ލިބިފައިވާ މައުލޫމާތުގެ އަލީގެ މިދެންނެނި ހުރިހާ ސްކޭޓްހޯލްޑަރުންނާއެކު އިށީންދެ ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހަކީ އަދި ޚާއްސަކޮށް މިނިޒާމަކީ މިހާރު ދިވެހި ރައްޔިތުންގެ މެދުގައި ގެއްލިފައި ނޫނީ ގެއްލެމުންދާ އިތުބާރު އަނބުރާ އިޔާދަކޮށް ދިވެހިރައްޔިތުން އިތުބާރު ކުރާ ހާމަކަން ބޮޑު ގޮތެއްގައި އިންސާފުވެރިކަމާއެކު މަސައްކަތް ކުރާ އަވަސް މަސައްކަތެއް އަވަސް ޚިދުމަތެއް ލިބޭ ތަނަކަށް ނޫނިއްޔާ ދާއިރާއަކަށް މިދައިރާ ހެދުން.
ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެފެއާޒް އައްބާސް ޝަރީފް

މީގެ އިތުރުން އައްބާސް ވަނީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅޭގޮތުން ވެސް ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ އެ އިސްލާހުގެ ތެރެއިން ބެއިލް ސިސްޓަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށެވެ. ނަމަވެސް ބެއިލް ސިސްޓަމަށް އިތުރަށް ހަރުދަނާވެ ވަރުގަދަވެގެންދާނީ ވަކި ގާނޫނެއްގެ ތެރެއިން އެމަސައްކަތް ކޮށްގެން ކަމަށް އައްބާސް ވިދާޅުވިއެވެ. އެގޮތުން އެމަސައްކަތް ވެސް ކުރިއަށް އޮތްތަނުގައި ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ތެރެއިން އަދި ބެއިލް ސިސްޓަމަށް ލުއިތަކެއް ލިބިގެން ނޫނީ، ހައްލުތަކެއް ލިބިގެން ނޫނީ އަޅުގަނޑު ޕާސަނަލީ ގަބޫލުކުރާ ގޮތުގައި މި ބެއިލް ސިސްޓަމް މިއަށްވުރެ ވަރުގަދަވެ ވަކި ގާނޫނެއްގެ ތެރެއިން ބެއިލް ސިސްޓަމް އައިސް ދުނިޔޭގެ އެހެންތަންތާގައި އެކަން ކުރާ ގޮތަށް ރާއްޖޭގައި އެކަން ކުރަން ފެށުން. އެ ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑަށް ފެނޭ. ކޮންމެ މައްސަލައެއްގައި ބަންދުގެ މުއްދަތު ޖަހާފައި ބަންދުގައި ބެހެއްޓުމުގެ އިތުރަށް ކިރިއާ ވެސް އެމީހަކީ ދޫކޮށްލާފައި ބެހެއްޓޭ މީހަކަށް ވަންޏާ އެބެއިލް ސިސްޓަމްގެ ތެރެއިން ދޫ ކޮށްލެވޭ ނިޒާމެއް މިހާރަށް ވުރެ ހަރުދަނާކޮށް ގާއިމްކޮށް ގާނޫނެއްގެ ތެރެއިން އެކަން ގެނެސް އެކަން ހައްލު ކުރެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. އެހެންވީމަ މިހާރު އެ ހުށަހަޅުއްވާފައިވާ އިސްލާހުން ވެސް ހައްލުތަކެއް ލިބިގެންދާނެ. އެއަށްވުރެ ވެސް ފުޅާކޮށް ހަރުދަނާކޮށް މިކަން ކުރެވޭނީ އިތުރު ގާނޫނެއްގެ މީގެ ތެރެއަށް އައިސްގެން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ.
ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެފެއާޒް އައްބާސް ޝަރީފް

ޕީޖީއެއްގެ ޒިންމާއަށް އަލިއަޅުއްވާލައްވާ އައްބާސް ވިދާޅުވީ މަގާމަކީ މަސްއޫލިއްޔަތު ބޮޑު މަގާމެއް ކަމަށާއި، މަގާމަށް އައްޔަން ވެއްޖެނަމަ ޒިންމާ އަދާކުރެއްވުމުގައި މީހެއްގެ މޫނަކަށް ނުބައްލަވާނެ ކަމަށާއި، މަސައްކަތް ކުރާނީ އިހުލާސްތެރިކަމާއެކު ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް