Advertisement
ކ. މާލެ
|
16 ސެޕްޓެންބަރ 2024 | ހޯމަ 12:03
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކުންފުންޏާބެހޭ ޤާނޫނު
ސަރުކާރުން ހުށަހެޅި ކުންފުންޏާބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ރޮކެޓު ސްޕީޑުގައި ކުރިއަށް
މިއީ ކުންފުނިތައް ހިންގުމުގެ ޤާނޫނީ އޮނިގަނޑަށް މުހިއްމު އިސްލާޙެއްކަމަށް އިސްލާޙު ހުށަހެޅުއްވި މެމްބަރު ވިދާޅުވި
ބިލު ބަލައިގަނެ، ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީއަށް ފޮނުވުމަށް ހޯމަ ދުވަހުގެ ޖަލްސާގައި ވަނީ ފާސްކޮށްފައި
ސަރުކާރު މެމްބަރުން ވަނީ މިއަދުން މިއަދަށް ބިލުގެ މަސައްކަތް ކޮމިޓީން ނިންމުމަށް ފެންނަކަމަށް ފާސްކޮށްފައި

ސަރުކާރުން ހުށަހެޅި ކުންފުންޏާބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަނެ، ކޮމިޓީންވެސް ބިލު ފާސްކޮށްފިއެވެ.

ހޯމަ ދުވަހު ދައުރުން ބޭރުން ބާއްވާ ޚާއްސަ ޖަލްސާއެއް ކުރިއަށް ގެންގޮސްފައިވާއިރު، ޖަލްސާގެ އެޖެންޑާގައި އޮތީ ހަމައެކަނި ސަރުކާރުގެ ފަރާތުން ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރު ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 7/2023 (ކުންފުނީގެ ޤާނޫނަށް) އިސްލާޙު ގެނައުމުގެ ބިލުގެ މަސައްކަތް އެކަންޏެވެ.

މި ބިލުގެ މަޤްސަދުތަކެއް ކަމަށް ބުނެފައިވަނީ ބަދަލުވަމުން އަންނަ މާހައުލާއެކު ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ތަނަވަސް ކޮށްދިނުމާއި، ކޯޕަރޭޓް ގަވަރނަންސް އިތުރުކޮށް، ސްޓޭކްހޯލްޑަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމެވެ.

Advertisement

މެމްބަރު ހުށަހެޅުއްވި މި ބިލުގައި މައިގަނޑު 4 އިސްލާޙެއް ހިމެނިފައިވާއިރު، މިއީ ކުންފުނިތައް ހިންގުމުގެ ޤާނޫނީ އޮނިގަނޑަށް މުހިއްމު އިސްލާޙެއްކަމަށް އިސްލާޙު ހުށަހެޅުއްވި މެމްބަރު ވިދާޅުވިއެވެ. އެގޮތުން މިއީ ކުންފުނީގެ ޚާއްސަ އަދި އާންމު ޖަލްސާއެއް ބޭއްވުމަށް އޮންނަ އިޖުރާއަތުތަކަށް ބަދަލުތަކެއް ގެނައުމަށް ހުށަހަޅާފައިވާ އިސްލާޙެއްކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.

އޭގެ ތެރޭގައި ކުންފުނީގެ އަސާސީ ޤަވާއިދަށް ތަބާވުން ލާޒިމު ކުރުމާއި، ނޯޓިސްދޭ މުއްދަތާއި، ކޯރަމާ ގުޅޭ ބައިތަކެއް ހިމެނިފައިވެއެވެ. އެގޮތުން ކޯރަމްގެ ޝަރުތުތައް ކުންފުނީގެ އަސާސީ ޤަވާއިދުގައި ހިމެނުން ލާޒިމު ކުރުމަށް އިސްލާޙުގައި ހުށަހަޅާފައިވެއެވެ.

މި ބިލު ބަލައިގަނެ، ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީއަށް ފޮނުވުމަށް ހޯމަ ދުވަހުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. އެއީ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި 77 މެމްބަރުންގެ ވޯޓުންނެވެ.

އެއާއެކު އިޤްތިސާދީ ކޮމިޓީގެ ބައްދަލުވުންވެސް ހޯމަ ދުވަހު ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ކޮމިޓީންވެސް ވަނީ މި ބިލު ފާސްކޮށްފައެވެ. ކޮމިޓީގައި ބިލުގެ މަސައްކަތް ނިންމަން ފެންނަ ތާރީޚެއް ކަނޑައެޅުމަށް ހުށަހެޅުމުން ސަރުކާރު މެމްބަރުން ވަނީ މިއަދުން މިއަދަށް ބިލުގެ މަސައްކަތް ކޮމިޓީން ނިންމުމަށް ފެންނަކަމަށް ފާސްކޮށްފައެވެ. އެހެންކަމުން ބިލު ދިރާސާކޮށް، ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި 8 މެމްބަރުންގެ އިއްތިފާޤުން 11 މިނެޓު ތެރޭގައި ބިލު ވަނީ ފާސްކޮށްފައެވެ.

ސަރުކާރުން ބޭނުންވާ ކަންކަން ކުރުމަށް ދައުރުން ބޭރުން ޖަލްސާ ބާއްވައިގެން ކުރިއަށް ގެންދާއިރު، އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ މައްސަލައިގައި މި ރޫހު ނުފެންނާތީ އެތައް ބަޔަކު ގެންދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް