Advertisement
ކ. މާލެ
|
15 ސެޕްޓެންބަރ 2024 | އާދީއްތަ 23:33
ފަލަސުރުހީ ޕްރޮގްރާމްގައި ގްލޯބަލް ޑްރަގް ރިމާންޑް ޑިޓެކްޝަން މާސްޓަރ ޓްރައިނަރ އަލީ އަދީބު ވާހަކަދައްކަވަނީ
ފަލަސުރުހީ ޕްރޮގްރާމްގައި ގްލޯބަލް ޑްރަގް ރިމާންޑް ޑިޓެކްޝަން މާސްޓަރ ޓްރައިނަރ އަލީ އަދީބު ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
މަސްތުވާތަކެތީގެ މައްސަލަ
މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތް ދަނީ ވަރަށް ބޮޑަށް ފެތުރެމުން، އަވަސް ފިޔަވަޅެއް އަޅަންޖެހޭ: އަދީބު
މި މައްސަލާގައި އެކަށީގެންވާ ފިޔަވަޅެއް އެޅުން ލަސްވާ ކޮންމެ ދުވަހަކީ ނުރައްކަލަށް ގިނަ ބަޔަކު ހުށަހެޅިގެންދާ ދުވަހެއް
ރަށްރަށުން ވަރަށް ފަސޭހައިން މެތް ލިބެން އެބަހުރި، އެއީ ކަންބޮޑުވާ ކަމެއް
މަސްތުވާތަކެތިން ސަލާމަތްވުމަށް މަސައްކަތް ކުރާ މީހުންނަށް ފަރުވާ ދިނުމުގެ ނިޒާމު ވެސް ރަނގަޅެއް ނޫން

ރާއްޖޭގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމައިން (މެތް) ވަރަށް ބޮޑަށް ފެތުރެމުންދާ ކަމަށާއި، ރަށްރަށުން ވެސް ވަރަށް ފަސޭހައިން ލިބޭ ކަމަށް ގްލޯބަލް ޑްރަގް ރިމާންޑް ޑިޓެކްޝަން މާސްޓަރ ޓްރައިނަރ އަލީ އަދީބު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އަދީބު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށާއި، އެއްވެސް ސަރުކާރެއްގައި މިމައްސަލައަށް އެކަށީގެންވާ ހައްލެ ގެނެވިފައިނުވާ ކަމަށެވެ. ކޮންމެ ސަރުކާރެއް އައި ނަމަވެސް މިމައްސަލައަށް ހައްލު ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށާއި، ނަމަވެސް މިމައްސަލާގައި ފެންނަނީ ފެއަށް ޖެހޭ ކަމަށް މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

އަދީބު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލާގައި މިސަރުކާރުން ދިރާސާއެއް ހެދުމަށް މަސައްކަތް ކުރާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، މި މައްސަލާގައި އެކަށީގެންވާ ފިޔަވަޅެއް އެޅުން ލަސްވާ ކޮންމެ ދުވަހަކީ ނުރައްކަލަށް ގިނަ ބަޔަކު ހުށަހެޅިގެންދާ ދުވަހެއް ކަމަށެވެ. މި ހިސާބަށް ގައުމުގެ ހާލަތު ދިޔައީ ވެސް އެކަށީގެންވާ ފިޔަވަޅެއް ސަރުކާރުތަކުން ނޭޅުމުން ކަމަށް އަދީބު ވިދާޅުވިއެވެ.

މިފަހުން ރާއްޖޭގެ ދެ ސަރަހައްދަށް ދަތުރެއްދިޔަކަން ފާހަގަކުރައްވައި އަދީބު ވިދާޅުވީ މިހާރު ރާއްޖޭގައި އެންމެ ބާރަށް ފެތުމުންދަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތް ކަމަށާއި، ރަށްރަށުން ވަރަށް ފަސޭހައިން އެލިބެން އެބަހުރި ކަމަށެވެ. އަދި މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެއްވެސް ސަރުކާރަކުން މަސްތުވާތަކެތީގެ ކަންތަކުގައި ހަގީގަތުގައި އެދެވޭ ގޮތުގައި ކުރިމަތިލާން މަސައްކަތް ކުރެވިފައިވާ ތަނެއް އަޅުގަނޑުމެންނަށް ނެތް ފެންނާކަށް އެނގޭތޯ. އަޅުގަނޑުމެންގެ އުންމީދު އެބައޮތް މިފަހަރު ވެސް ރަނގަޅަށް ކަންތައްތަކެއް ހިނގާނެ ކަމަށް އެނގޭތޯ. މީގެ ތެރޭގައި އަޅުގަނޑުމެން އަބަދުވެސް ފުރަތަމަ ވެސް މިބުނަނީ މަސްތުވާތަކެތީގެ މައްސަލައަށް އެންމެ މުހިންމު ކަމަކަށް އޮތީ ގައުމީ ސްޓްރެޓެޖީއެއް އެކުލަވާލުން. އެއީ ގައުމީ ޕޮލިސީއެއްގެ ދަށުން ސްޓްރެޓެޖީއެއް އެކުލަވާ ނުލައި ދުނިޔޭގެ އެއްވެސް ތަނަކަށް ނެތް ބަދަލެއް އައިސްފައި. ސަރުކާރުން އުޅުއްވާ ކޮންމެވެސް ވަރެއްގެ ސްޓަޑީސްއެއް ވެސް ހައްދަވަން އެނގޭތޯ. ސްޓަޑީއެއް ހެދީމަ އަޅުގަނޑުމެންނަށް މިއެނގެނީ މި ހާލަތު. މި ހާލަތަށް ބިނާކޮށް އަޅުގަނޑުމެންނަށް އިންޓަވެންޝަންތައް ބިނާ ކުރަން އެނގޭނީ ވެސް އެނގޭތޯ.
ގްލޯބަލް ޑްރަގް ރިމާންޑް ޑިޓެކްޝަން މާސްޓަރ ޓްރައިނަރ އަލީ އަދީބު

އަދީބު ވިދާޅުވީ މަސްތުވާތަކެތީގެ ވާހަކަ ނުދެއްކުމުން މައްސަލަ ހައްލުނުވާ ކަމަށާއި، އެ ދަނީ ބާރަށް ގައުމުގައި ފެތުރެމުން ކަމަށެވެ. މިހާރު އޮތް ހާލަތަށް ތައްޔާރުވެ އެކްޝަން ނަގަންޖެހޭ ކަމަށް އަދީބު ވިދާޅުވިއެވެ.

މީގެ އިތުރުން އަދީބު ވިދާޅުވީ މަސްތުވާތަކެތިން ސަލާމަތްވުމަށް މަސައްކަތް ކުރާ މީހުންނަށް ފަރުވާ ދިނުމުގެ ނިޒާމު ރަނގަޅު ނޫން ކަމަށާއި، ރާއްޖޭގައި ފަރުވާ ދިނުމުގެ ކަންކަން ކުރަނީ އިދިކޮޅަށް ކަމަށެވެ. ރާއްޖެއިން ލިބެން އޮތީ ދެތިން ފަރުވާ ކަމަށްވާއިރު، ރަނގަޅު ޕްލޭނެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. މަސްތުވާކެތީގެ ފަރުވާގެ އެންމެ ރަނގަޅު ގޮތަކީ އެމީހަކު މުޖުތަމައުގައި ހުރެގެން ފަރުވާ ދިނުން ކަމަށް އަދީބު ވިދާޅުވިއެވެ. އަދި ވިދާޅުވީ ފަރުވާ ދިނުމުގެ ދާއިރާއިން މީހުން ވެސް ބިނާ ކުރަންޖެހޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް