Advertisement
ކ. މާލެ
|
15 ސެޕްޓެންބަރ 2024 | އާދީއްތަ 11:22
ކޫލް ސްކޫލުގެ ޕްރޮޖެކްޓް މާފުށީގައި އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު
ކޫލް ސްކޫލުގެ ޕްރޮޖެކްޓް މާފުށީގައި އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު
ރާއްޖެއެމްވީ
ކޫލް ސްކޫލް ޕްރޮޖެކްޓް
ނަމުގައި ސަރުކާރުގެ ކޫލް ސްކޫލް ޕްރޮޖެކްޓް، ހަރަދުކުރަން ޖެހެނީ ކައުންސިލާއި ބެލެނިވެރިން - އިހުސާން
އޭސީ ހަރުކުރުމަށް އެއްވެސް ޕްލޭނެއް މިނިސްޓްރީގައި ނެތް
ކައުންސިލަކުން ހުށަހެޅުމުން މިނިސްޓްރީން ބުނަނީ އެކަން ކުރާނެ ސާމާނާއި ވަސީލަތްތައް އަމިއްލައަށް ހޯދުމަށް

އެޑިއުކޭޗަން މިނިސްޓްރީން ފެށި ކޫލް ސްކޫލް ޕްރޮޖެކްޓަކީ ނަމުގައި ސަރުކާރުގެ ޕްރޮޖެކްޓެއް ކަމަށާއި، އެކަމަށް ހަރަދުކުރަން ޖެހެނީ ކައުންސިލާއި ބެލެނިވެރިންނާއި ޖަމިއްޔާ ޖަމާއަތްތަކުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިހުސާން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިހުސާން ވިދާޅުވީ ތައުލީމީ ދާއިރާގައި ހުރި މަސައްސަލަތަކަށް ޖުމްލަ ހައްލެއް ހޯދުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ސްކޫލްތަކުގެ އިންފްރާސްޓްރަކްޗަރގެ ކަންކަމުގައި މި ސަރުކާރުގައި މިސްރާބެއް އަމާޒެއް ނެތް ކަމަށެވެ. އިހުސާން ވިދާޅުވީ ވަރަށް ފަހުން ކޫލް ސްކޫލް ޕްރޮޖެކްޓެއްގެ ވާހަކަ މި ސަރުކާރުން ދެއްކި ކަމަށެވެ.

Advertisement

އިހުސާން ވިދާޅުވީ ކްލާސްރޫމްތައް އޭސީ ކުރުމުގެ ޕްރޮޖެކްޓް ފެށީ މާފުށީގައި ކަމަށާއި، މާފުށީގައި އޮތް ރަސްމިއްޔާތުގެ ހުރިހާ ކަމެއް ހަޖެއްސީ މާފުށީ ކައުންސިލުން ކަމަށެވެ. އަދި ސްކޫލް އޭސީ ކުރުމުގެ ހުރިހާ ހަރަދެއްވެސް ކުރީ މާފުށީ ކައުންސިލުން ކަމަށާއި، އެ ޕްރޮޖެކްޓަކީ ވެސް އެ ކައުންސިލްގެ ޕްރޮޖެކްޓެއް ކަމަށެވެ.

ނަމަވެސް ޕްރޮޖެކްޓް ފެށުމުގެ ރަސްމިއްޔާތަށް ވަޑައިގެން އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެފައިވަނީ އެއީ ސަރުކާރުގެ ކޫލް ސްކޫލް ޕްރޮޖެކްޓް ފައްޓަވައިދެއްވީ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ. އިހުސާން ވިދާޅުވީ އެ ޕްރޮޖެކްޓް ހިނގަމުންދާ ގޮތަށް ބަލާއިރު އެއްގޮތަކަށް ވެސް އުސޫލެއް މިނިސްޓްރީގައި ނެތް ކަމަށެވެ.

ކައުންސިލްތަކާއި ސްކޫލްތަކާއި ބެލެނިވެރިންގެ ފަރާތުން ލިބޭ މައުލޫމާތުގެ އަލީގައި އަޅުގަނޑަށް ސާފުވާ ކަމަކީ އެއްވެސް ކަހަލަ އިންފްރާސްޓްރަކްޗަރ ހަދާނެ ކަހަލަ އުސޫލެއްވެސް މިނިސްޓްރީގައި ނެތް. މާނައަކީ ސްކޫލެއްގައި އޭސީ ހަރުކުރަން ބަޔަކު ބޭނުންވެއްޖެއްޔާ އެ ސްކޫލެއްގައި ހުންނަންޖެހޭނެ ވަކި ކަހަލަ މިންގަނޑުތަކެއް ހުންނަންޖެހޭނެ. ހަމަ ހުރެފަ ހުރިހާ ކްލާސްރޫމްތަކެއްގައި އެއަރ ކޮންޑިޝަން ހަރުކުރަން ވެއްޖެނަމަ ދެން އޭގެ ފަހުން އުފުލަންޖެހޭ މާލީ ބޮޑު ބުރަވެގެންދާނެ.
އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިހުސާން

އިހުސާން ވިދާޅުވީ މައުލޫމާތު ލިބުނުގޮތުގައި ކައުންސިލަކުން ރަށެއްގެ ހުރިހާ ކްލާސްރޫމްތަކެއް އޭސީ ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެޑިއުކޭޝަންއަށް ހުށަހެޅުމުން، އެޑިއުކޭޝަނުން ބުނެފައިވަނީ ކައުންސިލުން އޭސީ ކޮށްފައި އަދި އެކަންކަން ދެމެހެއްޓެނިވި ގޮތެއްގެ ޕްލޭނަކާއެކީގައި ވަޑައިގަތުމަށް ކަމަށެވެ. އިހުސާން ވިދާޅުވީ މިކަމުން އެނގިގެންދަނީ މިނިސްޓްރީގައި ވެސް އެކަހަލަ ޕްލޭނެއް ނެތް ކަމެވެ.

އަމިއްލަ ނަމުގައި ކޫލް ސްކޫލް ޕްރޮޖެކްޓް އިފްތިތާހުކުރެވިގެންދާއިރު ވެސް މިނިސްޓްރީގައި ނެތް މިކަން ދެމެހެއްޓެނެވި ގޮތެއްގައި ކުރާނެ ޕްލޭނެއްވެސް. އަދި އޭސީ ކުރުމަށް ސްކޫލްތަކުގެ އިންފްރާސްޓްރަކްޗަރ އަދި ކްލާސްރޫމްތަކުގެ އިންފްރާސްޓްރަކްޗަރަށް ގެންނަންޖެހޭ ބަދަލު ދެނެގަންނާނެ ގޮތުގެ އުސޫލެއްވެސް ނެތް. އެހެންވީމާ ކޫލް ސްކޫލް ޕްރޮޖެކްޓް މިދަނީ އެއްވެސްކަހަލަ އުސޫލެއް އަމާޒެއް ނެތްގޮތަށް.
އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިހުސާން

މި ޕްރޮޖެކްޓުގެ ސަބަބުން ނުރަނގަޅު ވާދަވެރިކަމެއް ސްކޫލްތަކުގެ ތެރޭގައި އުފެދިއްޖެ ކަމަށް އިހުސާން ވިދާޅުވިއެވެ. އިހުސާން ވިދާޅުވީ ވާދަވެރިކަމުގެ ސަބަބުން އެކަމުގެ ތަކުލީފު އުފުލަންޖެހޭނީ ބެލެނިވެރިންނާއި، އަމިއްލަ ޖަމިއްޔާ ޖަމާއަތްތައް ކަމަށެވެ. އިހުސާން ވިދާޅުވީ ރަށެއްގެ ސްކޫލެއް އޭސީ ކުރާ ހިސާބުން ސައިކޮލޮޖިކަލީ ޖެހިގެން އޮންނަ ރަށުގެ ބެލެނިވެރިންނަށް ވެސް އެ ޕްރެޝަރު އަންނާނެ ކަމަށެވެ.

އިހުސާން ވިދާޅުވީ ސްކޫލްތައް އޭސީ ކުރެވެންޖެހޭ ކަމަށެވެ. ނަމަވެސް އެކަމަށް އިންތިޒާމަތަކެއް ރޭވި އެކަން ކުރެވެންވާނީ ދެމެހެއްޓެނެވި ރަނގަޅު އިންތިޒާމްތަކެއްގެ ދަށުން ކަމަށެވެ. އަދި އެކަން ކުރަންވާނީ ބެލެނިވެރިންނާއި މުޖްތަމައުއިން އެ ބުރަ އުފުލަން ނުޖެހޭ ގޮތަށް ކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް